ގައިޑް ހަރަކާތަކީ ދިރިއުޅުމަށް ބޭނުންތެރި އެތައް ކަމެއް ދަސްވެގެންދާ ހަރަކާތެއް ކަމުގައި ޗީފް ގައިޑް ވިދާޅުވެއްޖެ

ގަރލް ގައިޑް ހަރަކާތަކީ ދިރިއުޅުމަށް ބޭނުންތެރި އެތައް ކަމެއް ދަސްވެގެންދާ މުހިންމު ހަރަކާތެއް ކަމުގައި، ޗީފް ގައިޑް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، މިއަދު ހަވީރު މުލީއާގޭގައި ބޭއްވި ގަރލް ގައިޑްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ގައިޑް ހަރަކާތުގެ ބައިވެރިން ފުރިހަމަ ކުރަންޖެހޭ ކޮންމެ ބެޖަކީވެސް އާންމު ދިރިއުޅުމުގައި ބޭނުން ހިފޭނެ ކޮންމެވެސް މުހިންމު ހުނަރަކާ ގުޅިފައިވާ ކަމެއްކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން، މިފަދަ ކޮންމެ ކަމެއް ހާސިލްކުރުމުގައިވެސް ހަމައެކަނި ބެޖް ފުރިހަމަ ކުރުމުގެ ވިސްނުން ދޫކޮށްލައި، އެކަމުން އާކަންކަން ދަސްކުރުމަށް ގައިޑުންނަށް އެކަމަނާ ނަސޭހަތްތެރި ވެވަޑައިގަތެވެ.

މިއަދު ބޭއްވި 2018 ވަނަ އަހަރުގެ ގަރލް ގައިޑް އަހަރީ އާންމު ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިނާމާއި ސެޓްފިކެޓް ހާސިލްކުރި ފަރާތްތަކަށް އެތަކެތި ހަވާލުކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު