ސިފައިންގެ އަހަރީ ބަޑި މުބާރާތް 2019 ފަށައިފި

މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވޭ ސިފައިންގެ އަހަރީ ބަޑި މުބާރާތް 2019 ފަށައިފިއެވެ.

މިމުބާރާތް ފެށުމުގެ ގޮތުން ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މިރަސްމިއްޔާތުގައި ޝުކުރުދެންނެވުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަރޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދެވެ.

މިމުބާރާތް ފެށުމުގެ ގޮތުން ބަޑި ޖައްސަވާފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް ޢަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްގެ އިތުރުން ޖެނެރަލް އޮފިސަރުންނެވެ.

ދެ ކެޓަގަރީއަކަށް ބަހާލައިގެން މިމަހު 25 ން ފެށިގެން އެޕްރީލް 8 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި ސިފައިންގެ 31 ޔުނިޓަކުން ވަނީ ބައިވެރިވެފައެވެ. މިގޮތުން އިންޑިވިޖުއަލް ކެޓަގަރީ އާއި ޓީމް ކެޓެގެރީ ހިމެނޭއިރު ޓީމް އިވެންޓުގައި 27 ޓީމަކުން ބަޑިޖަހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 31 ޔުނިޓަކުން އިންޑިވިޖުއަލް ކެޓަގަރީގައި ބަޑި ޖަހާއިރު މި އިވެންޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ފޭސް އަކަށް ބަހާލައިގެން ކޮމްބެޓް އެފިޝެންސީ ޓެސްޓަކާއެކުއެވެ.

ސިފައިންގެ އަހަރީ ބަޑި މުބާރާތް 2019 ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފަައިވެއެވެ.

ސިފައިންގެ އަހަރީ ބަޑި މުބާރާތަކީ އަލްމަރްޙޫމް މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ސިފައިންގޭގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. އަލްމަރްޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، އިޚުލާޞްތެރިކަމާ ވަފާތެރިކަމާއެކު ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ.