އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖްލީހުގެ 40 ވަނަ ސެޝަން ނިމިއްޖެ

އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖްލީހުގެ 40 ވަނަ ސެޝެން (40 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަން) ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ހުންނަ އ.ދ. މަރުކަޒުގައި ނިމިއްޖެއެވެ.

25 ފެބްރުއަރީ 2019 އިން ފެށިގެން ހަތަރު ހަފްތާއަށް ކުރިއަށްދިޔަ ސެޝަންގައި ދިވެހިރާއްޖެއިން ވަނީ ވަރަށް ފުރިހަމައަށް ބައިވެރިވެފައެވެ. ސެޝަން ފެށިގެން ދިޔައީ ހައިލެވެލް ސެގްމަންޓްއިންނެވެ. ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގެ ފަރާތުން 21 ސްޓޭޓްމަންޓް ދިނުމުގެ އިތުރުން ސެޝަންގައި ފާސްކުރެވުނު 29 ގަރާރުގެ މަޝްވަރާ ބައްދަލުވުންތަކުގައި އަމަލީ ގޮތުން ބައިވެރިވިވިއެވެ. އަދި، ސެޝަންގެ ރިޕޯޓުފާސްކުރުމުގެ އިތުރުން، 4 މެންޑޭޓް ހޯލްޑާސް ގެ މަޤާމަށް ފަންނީ މާހިރުން ޢައްޔަންކުރެވުނެވެ.

އަދި، މި ސެޝަންގައި ދިވެހިރާއްޖެއިން 2 ޖޮއިންޓް ސްޓޭޓްމަންޓެއް ހުށަހަޅައިދިނެވެ. އޭގެ ތެރޭގައި އަލަށް ޤާއިމްކުރެވުނު 14 ޤައުމުއެކުލެވޭ ހިއުމަން ރައިޓްސް ކައުންސިލް މެމްބާޝިޕް ކޮންޓެކްޓް ގްރޫޕުގެ ފަރާތުން ކުދި ޤައުމުތަކުން ކައުންސިލްގެ މެމްބަރުކަން ކުރުމަށް ބާރުއަޅާ ސްޓޭޓްމަންޓްއަކާއި، ޖެނީވާގައި ހުންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ގްރޫޕެއްގެ ފަރާތުން މަލްޓިލެޓަރަލް ފޯރަމްތަކުގައި މިހާރަށްވުރެ ފުރިހަމަ ރޯލެއް އަދާ ކުރެވެންވާނެ ކަމަށް ބާރުއަޅުމުގެ ގޮތުން ދިން ސްޓޭޓްމަންޓް ފާހަގަކުރެވެއެވެ. ދިވެހިރާއްޖޭއަކީ މި ދެ ގްރޫޕުގެ ވެސް މެމްބަރުންނެވެ.

40 ވަނަ ކައުންސިލް ސެޝަންގެ 'ހައިލެވެލް ސެގްމަންޓް' ކުރިއަށް ދިޔައީ 25 ފެބްރުއަރީ 27 ފެބްރުއަރީގެ ނިއަލަށެވެ. މިގޮތުން، ދިވެހިރާއްޖޭއިން ބައިވެރިވި ވަފުދުގެ އެންމެ އިސް ވެރިއަކަށް ހުންނެވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދެވެ.

އަދި، 25 ފެބްރުއަރީ 2019 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ފަރާތުން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ކައުންސިލްގައި ތަޤްރީރު ކުރެއްވިއެވެ. އަދި ކައުންސިލްގެ ހައިލެވެލް ސެގްމަންޓްގައި ބައިވެރިވެވަޑައިގެންނެވި ޤައުމުތަކުގެ އިސް ވަޒީރުންނާއި މިނިސްޓަރ ބައްދަލުކުރެއްވިއެވެ. މިނިސްޓަރ ޝާޙިދުގެ ތަޤްރީރުގައި ދިވެހިރާއްޖޭގެ ސަރުކާރުން އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، ދިވެހިންނަށް ލިބިފައިވާ އަސާސީ ހައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ސަރުކާރުން އިސްކަންދެއްވާކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ޑިމޮކްރަސީގެ ތަނބުތައް އިތުރަށް ވަރުގަދަކުރުމުގެ މުހިއްމުކަމާއި ބެހޭ ގޮތުިން ވާހަކަފުޅު ދެއްކެވިއެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި އދގެ އެކި މެންޑޭޓް ހޯލްޑަރުން ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ދިވެހި ސަރުކާރުން ދެއްވާފައިވާ ދައުވަތުވެސް ތަކުރާރުކުރެއްވިއެވެ.

40 ވަނަ ކައުންސިލް ސެޝަންގެ ރެގިއުލަރ ސެޝަން ފެށިގެން ދިޔައީ 28 ފެބްރުއަރީ 2019 ވަނަ ދުވަހުއެވެ. އަދި، ދިވެހިރާއްޖެއިން ބައިވެރިވި ވަފުދުން، ސެޝަންގެ ޕްރްގްރާމް އޮފް ވާރކްގެ ހިމެނުނު، ސީރިއާ، މިޔަންމަރ އަދި ފަލަސްތީންގައި ހިންގަނމުންދާ އިންސާނީ ހައްޤުތަކާއި ހިލާފް އަމަލުތަކާއިގުޅޭ އެޖެންޑާ އައިޓަމްތަކުގައި ބައިވެރިވެ މިއަމަލުތައް ކުށްވެރިކޮށް މިކަމާ ދެކޮޅަށް އަޑުއުފުލިއެވެ. އަދި، ތިމެޓިކް އެޖްންޑާ އައިޓަމްތަކުގެ ތެރޭގައި ހިމެނުނު ކުޑަކުދިންގެ ޙައްޤުތައް، ނުކުޅެދޭމީހުންގެ ހައްޤުތައް ހިމާޔަތްކުރުމަށް ރާއްޖޭގެ ފަރާތުން ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލާ ވާހަކަ ދެއްކިއެވެ. އަދި، މީގެ އިތުރުން، ގެދޮރޮވެރިކަމުގެ ހައްޤުތައް، ތިމާވެށި ހިމާޔަތްކުރުމުގެ މުހިއްމުކަމާއި އަދި ޓެކްނިކަލް އެސިސްޓެންސް އެންޑް ކެޕޭސިޓީ ބިލްޑިންގްއާގުޅޭ އެޖެންޑާގައި ވާހަކަ ދެއްކުން ފާހަގަކުރެވެއެވެ.

އަދި، ސެޝަންގައި ކުރިއަށް ދިޔަ ޓެކްނިކަލް އެންޑް ކެޕޭސިޓީ ބިލްޑިންގް އާ ގުޅޭ އެޖެންޑާ އައިޓަމްގައި އިނގިރޭސިވިލާތުން ދިވެހިރާއްޖޭގެ އައުސަރުކާރުން ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވާއި، އަދި އދ.އާއި، ހިއުމަން ރައިޓްސް މެކޭނިޒަމްސްތަކުން މިކަމާގުޅޭގޮތުން އެހީ ހޯދުމަށް ގޮވާލިއެވެ.

ޔޫ.އެން ހިއުމަން ރައިޓްސް ކައުންސިލްގެ މަޝްވަރާތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭއިން އިސްކަންދޭ ދާއިރާތަކާއި ގުޅުން ހުރި ޤަރާރުތަކަށް ރާއްޖޭގެ ފަރާތުން ކޯ ސޮޕްންސާރ ކުރިއެވެ. އޭގެ ތެރޭގައި، ސީރިއާ، މިޔަންމާ، އަދި ޕަލަސްތީންގައި ހިނގާ ލާއިންސާނީ އަމަލުތައް ހުއްޓުމަށް ގޮވާލާ ޤަރާރުތަކާއި، ކުޑަކުދިންގެ ހައްޤުތަކާއި، ޑިމޯކްރަސީ އަދި އިންސާނީ ހައްޤުތަކާއިގުޅޭ ޤަރާރުތައް ފާހަގަކުރެވެއެވެ. އަދި، ކައުންސިލްގައި ހަވާސާގައި ބޭއްވުނު، ސައިޑް އިވެންޓްތަކުގައިވެސް ދިވެހިރާއްޖެއިން ބައިވެރިވިއެވެ. އަދި އެހެން ސެޝަންތަކާއި ހިލާފަށް ރާއްޖެއިން އަލަށް މިފަހަރު ކޯ ސްޕްންސާރ ކުރި ޤަރާރުތަކުގެ ތެރޭގައި ހިމެނެނީ؛ ތިމާވެއްޓާއި ގުޅޭ ހިއުމައުން ރައިޓްސް ޑިފެންޑާސްއިން ދެމެހެއްޓެނެވި ތަރައްޤީއާއި ތިމާވެށި ހިމޔާތްކުރުމަށް ކުރާ މަސައްކަތަކާ ގުޅޭ ޤަރާރަކާއި، ޑިމޯކްރެޓިކް ރިޕަބްލިކް އޮފް ކޮރެއާގެ އިންސާނީ ހައްޤުތަކާއި ބެހޭ ޤަރާރަކާއި، ކުޑަކުދިންގެ ހައްޤުތަކާއި ގުޅޭ ޤަރާރު ފާހަގަ ކުރެވެއެވެ.

އަދި، ދިވެހިރާއްޖޭގެ މިޝަންއާއި، ޖެނީވާގައި ހުންނަ ނެދަރލޭންޑްސް މިޝަންނާއި، އިނގިރޭސިލިލާތުގެ މިޝަންއާއި، ޔުނިވާސަލް ރައިޓްސް ގްރޫޕާ ގުޅިގެން ސިޑްސް/އެލްޑީސީ ޓްރަސްޓް ފަންޑްގެ ދަށުން މި ފަހަރުގެ ސެޝަންގައި ބައިވެރިންނަށް ހާއްސަ ކޮށްގެން ބޭއްވުނު ރިސެޕްޝަނެއް ރާއްޖެއިން ކޯ ހޮސްޓް ކުރިއެވެ.

އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖްލީހުގެ 40 ވަނަ ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގައި ހިމެނެނީ ދިވެހިރާއްޖޭއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު، ޑރ. ހާލާ ޙަމީދާއި، ޖެނީވާ މިޝަންގެ ޑެޕިއުޓީ ޕާރަމަނަންޓް ރެޕްރެސެންޓޭޓިވް ހައުލާ އަހުމަދު ދީދީއާއި، ލަންޑަންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ ޝާހިޔާ އަލި މަނިކް އަދި، ޖެނީވާ މިޝަންގެ ފަސްޓް ސެކްރެޓަރީ އާއިޝަތު ޝަހުލާއެވެ.

ޔޫ.އެން އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްއަކީ 47 މެމްބަރުން ހިމެނޭ ދުނިޔޭގެ އިންސާނީ ހައްގުތައް ކުރިއެރުވުމަށް ބާރުއެރުވުމަށް އަދި އެކަމާ ގުޅޭ އެންމެ އިސް މަޝްވަރާތަކަށް ނިންމުން ނިންމަން ޖެހޭ މަޖްލީހެވެ.

ކިޔުންތެރިންގެ ހިޔާލު