އިސްލާމީޝަރީއަތުންވެސް އަދި ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުންވެސް ދިއާނާގެ ރިޕޯޓުގައިވާ “X” އާއި “Y” ހާމަކުރަންޖެހޭކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވެއްޖެ އެވެ.
ރޭ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕޮރޮގުރާމުގައި ވާހަކަ ދައްކަވަމުން ޝާއިރު ވިދާޅުވީ، މައުލޫމާތުތައް ލިބި މިމައުލޫމާތުތައް ކޯނީއަށް ހިއްސާކޮށްފަ ނެތުންމީ ވަރަށްބޮޑު ގޯހެއް ކަމަށާއި، ގާނޫނުލް އުގޫބާތުގައި ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ގެއްލުންވާފަދަކަމެއް، ސިއްރުކޮށް ނުވަތަ އެފަދަކަމަށް އެއްބާރުލުން ދިނުމަކީ އަދަބުލިބޭނެ ކުށެއްކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތްކަމަށެވެ.
“އެހެންވީމަ ފުލުހުންގެ ތަހުގީގެއްގައި މި ރިޕޯޓުގައި ދިއާނާ ވިދާޅުވާ “X” އާއި “Y” އާއި ހާމަ ނުކޮށްފިއްޔާ އެއީ ގާނޫނީކުށެއް. މިހާލަތުގައި މައުލޫމާތު ސިއްރުކުރުމަކީ ކުށެއްކަމަށްވާނެ. ދެން އަނެއްކަމަކީ މިމައްސަލައިގަ ދިއާނާ ހެއްކެއް ގޮތުގަ “X” އާއި “Y” އަކީ ކާކުކަން ހާމަކުރަން މަޖުބޫރޭ. ސަބަބަކީ ހެކިބަހަކަށް ގޮވާލެވޭ ހިނދު އެކަމަށް އިޖާބަ ދިނުމަކީ އިސްލާމީ ޝަރީއަތުގައި އަމުރެކޭ. ހަނުހުރެފި ކަމަށްވަންޔާ މީހާ އެބަ ކުށްވެރިވޭ.” ޝާއިރު ވިދާޅުވި އެވެ.
ފެބުރުއަރީގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ގުޅޭގޮތުން މީގެ ކުރިން ނޭނގިހުރި ހަގީގަތްތައް ހާމަކޮށް ދިޔާނާ ނެރުއްވާފައިވާ “ސައިލެންޓް އިންކުއަރީ” ރިޕޯޓުގައި ވިދާޅުވެފައިވަނީ، ފެބްރުއަރީ 6 ވަނަ ދުވަހު އެނާއާއި ސިޔާސީ ގޮތުން ގާތް ގުޅުމެއް އޮންނަ ބޭފުޅަކު ދިޔާނާއާ ބައްދަލުކުރެއްވި ކަމަށެވެ. އޭނާއަށް ދިއާނާ ދެއްވާފައިވާނަމަކީ “X” އެވެ. އަދި ފަހުން “Y” ކިއާ މީހަކާވެސް ބައްދަލުވިކަމަށް ދިއަނާގެ ރިޕޯޓުގައި ނުނެފައިވެ އެވެ.
ރައީސް ނަޝީދު ވެރިކަމުން ދުރުކުރާ ވާހަކަބުނުމުން އިދިކޮޅު ޕާޓީގައި އެހާ މީހުން ނެތްއިރު އެކަންވާނީ ކިހިނެތްތޯ އެހުމުން، އެކަން ކުރާނެ ތާފާތު ގޮތްތައް އެބަހުރި ކަމަށާއި، އެތަނުން އެއްގޮތަކީ އެއާކޮންޑިޝަން ހެދުމަށް ފޮނުވާ މީހާކު ލައްވައި ވިހަ ގޭހެއް ފޮނުވައިގެން ރައީސް ނަޝީދު މަރާލުންކަމަށް އޭނާ ބުނި ކަމަށް ދިޔާނާގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
“ފަހަރުގައިވެދާނެ މީގަ ދައްކާފަހުރި ވާހަކަ ތަކުގެ މައުލޫމާތު އެމަނިކުފާނަށް ލިބިފަ އޮތީކަމަށް. އެދުވަހު އެކަންތައްތައް ވީގޮތަށްބަލާއިރު ވަރަށް މަޖުބޫރީ ހާލަތެއް އޭގަ އެބައާދޭ.” މި ރިޕޯޓާ ގުޅޭގޮތުން ވާހަކަ ދައްކަވުމް ޝާއިރު ވިދާޅުވި އެވެ.
ޝާއިރު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގައި އެއްވެސް ކުށެއްކުރުމަށް ސައްލާކުރުމާއި، ނަސޭހަތް ދިނުމަކީ ކުށެއްކަމަށެވެ. އަދި ކުށެއް ކުރިމީހާ އާއި، ބައިވެރިވި މީހާއާއި އެއްވެސް ތަފާތެއް ނެތްކަމަށް ގާނޫނުލް އުގޫބާތުގައި އޮންނަކަމަށް ޝާއިރު ވިދާޅުވި އެވެ. މިއެންމެންގެ އަދަބަކަށް އޮންނާނީ 25 އަހަރަށް ޖަލަށްލުންކަމަށްވެސް ޝާއިރު ވިދާޅުވި އެވެ.