އިއްޒަތްތެރި މެމްބަރުން “ޕެޕްސީ” ބޯށެވެ.

ދައްކަން މިއުޅެނީ ބާވައިލެއްވި ގާނޫނުތަކުގެ ވާހަކައެއް ނޫނެވެ.  އާންމު އިންސާނުން ގާނޫނު ހަދައިއުޅެނީ އެންމެހާ އިންސާނުންގެ މަންފާއަށެވެ. މިފަދަ ގާނޫނު ތައް ހެދުމުގެ ގުދުރަތީ އިހުތިޔާރު  ކޮންމެ މީހަކަށްވެސް އެބައޮތެވެ. ކޮންމެ މީހަކުވެސް ގާނޫނު ހަދަންވީއެވެ. ނަމަވެސް އެންމެން ގާނޫނު ހަދަން އުޅެން ވެއްޖެއްޔާ ދެން ހުރި ދުނިޔަވީ ކަންކަން ނުކުރެވޭނެތީ، ގާނޫނު ހެދުމުގެ މަސައްކަތް ހަވާލު ކުރަނީ އެބައެއްގެ ތެރެއިން ހޮވާ މަދު ބަޔަކަށެވެ. ބޮޑު މުސާރަ ދީފައި ގާނޫނު ހަދަން ހަވާލު ކުރުމުން އެމީހުންގެ އިންސާނީ ދަރަޖަ މައްޗެއްނުވާނެއެވެ. އިންސާނުންގެ ތެރޭގައި ދަރަޖ ތަކެއް ނުވެއެވެ. ހުރިހާ އިންސާނުންނަކީ ހަމަހަމ ބައެކެވެ.

ދިވެހިރާއްޖޭގެ މަޖިލީހުގައވެސްި ތިބެނީ އަޅުގަޑުމެން ކަހަލަ އިންސާނުންނެވެ. 300000 ދިވެހިންނަށް ނުވިސްނޭ އެއްޗެއް އެމީހުނަކަށް ވެސް ނުވިސްނޭނެއެވެ. ބައެއްފަހަރު މަޖިލީހުގައި ތިބޭ އިންސާނުންނުން، ތިމަންނާމެންނަކީީ މާ މަތީ ފަންތީގެ “ވަލީވެރިން” ކަމަށް ރައްޔިތުންނަށް ވިސްނަދޭން އުޅެއެވެ. އެކަމެއް ނުވާނެއެވެ. މިހާރު ކޮންމެ އިންސާނަކީވެސް ވަލީވެރިއެކެވެ.

ގަބޫލު ކުރަން ދަތިވިޔަސް އަޑުއަހާށެވެ. މަޖިލީހުގައި ތިބީ ރާއްޖޭގެ ކަރަޕްޓު ނިޒާމު ތެރެއިން މަޖިީހަށް ވަދެ ތިބި މީހުނެވެ. ތިތާގައި ގިނައީ ފަގީރު ދިވެހި ރައްޔިތުންނަށް ލާރީގެ ދަޅަ ދައްކައިގެން މަޖިލީހަށް ވަދެ ތިބި މީހުނެވެ. މަޖިލީހަށް ހޮވުމުން ގިނައިން އުޅޭނީ ކޮފީގައެވެ. ޖެހިގެން އަންނަ ދުވަހު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަން އޮތީ ކޮން ބިލެއް ކަމެއް ވެސް ގިނަ މެމްބަރުންނަކަށް ނޭނގޭނެއެވެ. ދަންވަރު ވަންދެން ފޮނި އަނގަތަޅަން، ޓްވީޓު ކުރަން ތިބެފައި، ހެނދުނު  ދެ ގަޑި އިރު ތިން ގަޑި އިރު ލަހުންް މަޖިލީހަށް ގޮސް މޮޅު އަނގަ އެއް ތަޅާލާފައި ހަވީރު ނައްޓާލާނީ ބެންކޮކަށެވެ. 65000 ރުފިޔާ މަހަކު ނަގައިގެން ތިބެ ލަދެއްވެސް ނުގަނެއެވެ.

ދެން މެމްބަރު ނަޝީދު އެހެން ގައުމެއްގެ ގާނޫނެއް ނެޓުން ޑައުންލޯޑު ކޮށް ތަރުޖަމާ ކޮށްގެން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، ދެން ތިބި މެންބަރުން އެކަކު އަނެކަކުގެ އަބުރާ ބެހި ދީނުންބެރުވެ، ފާސް ކުރަން އުޅޭ ގާނޫނާ ނުވެސް ގުޅޭ އަނގަތަޅައި، ޓީވީ އިން ލައިވް ކުރާތީ ރައްޔިތުންނަށް ފޮނި ދައްކަން އެމެމްބަރެއްގެ ދާއިރާގެ މީހުންނަށް މާ ހެޔޮ އެދޭ ކަމަށް ވާހަކަ ދައްކާނެއެވެ. ވޯޓު ދޭ ގަޑި ޖެހުމުން، އެމީހަކަށް އެގަޑިޔަކު ރީތި ކުލައެއް ގެ ފިތަކަށް އޮބާލައިފައި ނިކުމެގެން އަމިއްލަ ވިޔަފާރި ހިންގަން ދާނެއެވެ. މިދެވުނީ ދިވެހި ރާއްޖޭގައި ޓޮމާޓޯ އާއި އަލުވި ނުހެއްދޭ ގާނޫނެއް ހަދާފަ ކަންވެސް މި މެންބަރުންނަށް ނޭނގެއެވެ. ގާނޫނު ތަސްދީގު ކުރާތާ ދެތިން މަސް ފަހުން އެ ގާނޫނު “އަތައް ގޮވައިގެން” އުޅޭނެއެވެ. އޭރު މަޖިލިސް އޮންނާނީ ތިން މަސް ދުވަހުގެ ޗުއްޓީގައެވެ.

މަޖިލީހުގައި ކަރަޕްޝަންގެ ވާހަކަ ރައްޔިތުން ދައްކައި ދައްކައި ކޮޅުން ނުލުމުން، ދިވެހިންގެ އަނގަ ބަންދުކުރަން ހުރިހާ މެންބަރުން އެއްބަސް ކިޔާ ކޮރަޕްޓު ބޯޑަރ ކޮންޓްރޯލް ސިސްޓަމް ހުއްޓާލަން “އިއްތިފާގުން” ފާސްކުރިއަސް ތީ ހަމަ ކަރަޕްޓު މަޖިލީހެކެވެ. ކިތަންމެ މޮޅު ރޮކެޓެއް ރޭވިޔަސް ކޮރަޕްޓު ވާހަކަ ގޮވާނަމެވެ. މެމްބަރެއްގެ އިމްތިޔާޒާ ބެހުމުން 6 މަހަށް ޖަލަށް ލާން ހުކުމް ކޮށް، އެއްވެ އުޅުމުގެ ހައްގަށް އަރައިގަނެ، ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް، ޖުމްލަކޮށް ގާނޫނު އަސާސީން ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިދޭ މިނިވަންކަމަށް އަރައިގަނެ، އެމީހަކު ނިދާ އެނދުގައި ނޫނީ މުޒާހަރާ ނުކުރެވޭ ގޮތަށް ފާސް ކުރީމާ، ގާނޫނު އަސާސީ ތެރެއިން އެއްޗެއް ބޯންދީފާނަމޭ ހިތަށް އަރައެވެ.

ތީ ކަރަޕްޓު މަޖިލީހެކެވެ. ތީ މަޖިލީހަށް ވަދެ ގާނޫނެއް ނުހަދާ، މެންބަރުކަން ގެއްލޭއިރަށް އެތައް ވިޔަފާރި އެއް ފެށޭތޯ މަސައްކަތް ކުރާ މެމްބަރުން ތިބި ކަރަޕްޓު މަޖިލީހެވެ. ތި މެމްބަރުންނަށް ލިބޭ ނުހައްގު ބޮޑު މުސާރަ ދީނީ ނަޒަރަކުން ބަލައިފިނަމަ މުސާރަވެސް ހަރާމް ވާނެތޯޗެކެވެ. މިދުނިޔެ މަތީގައި ހުރިހާ އިންސާނުން ހަމަހަމަ ވާނެއެވެ. އިމްތިޔާޒޭ ކިޔައިގެން ދިވެހިން ބޮލަށް ޗިޕު ނުޖަހާށެވެ.

ހުރިހާ ދިވެހިންވެސް ހަމަހަމަ ކަމުގެ ރަހަ ލިބިގަންނާނެއެވެ. އިސްލާމް ދީނާ ގާނޫނު އަސާސީ އާ ފުށުއަރާ ގާނޫނުތަކަށް ތަބާނުވުމުގެ ރިވެތި އަހުލާގު ދިވެހިން ގައިގާ ހަރުލާފައި އެބަހުއްޓެވެ. އިސްލާމު ދީނާ ދިވެހި ގާނޫނު އަސާސީގެ ތެރޭގައި ދިވެހިން މިނިވަން ކަމާއެކު އުޅޭނެއެވެ. ރައްޔިތުން މަޖިލީހުގެ މެންބަރުން “ޕެޕްސީ’ ބޯށެވެ.

(ހުރިހާ ބޭފުޅުންވެސް މި ލިޔުން ކިޔާއިރު “މެމްބަރު” މިލަފުޒުގެ އައިސްފައިވާ ކޮންމެ ފަހަރަކު ކުރިޔަށް “އިއްޒަތްތެރި” ކިޔުއްވަން ހަނދާންކޮށް އަރުވަމެވެ.)

ފަހުގެ