ޕްރައިމަރީގައި ބައިވެރިވުމާއި މެދު ނިންމަވާ ގޮތެއް ވަގުތު ޖެހުމުން އިއުލާން ކުރާނަން – ރައީސް މައުމޫން

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ނިކުންނަ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ބައިވެރިވުމާއި މެދު ނިންމަވާ ގޮތެއް ވަގުތު ޖެހުމުން އާންމުކޮށް އިއުލާންކުރާނެ ކަމަށް އެޕާޓީގެ އިންތިޤާލީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި އޮތް ކައުންސިލަރުން ސޮއިކުރުމުގެ ރަސްމިއްޔާތުގައި ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މައުމޫން ވިދާޅުވީ ޕްރައިމަރީގައި ބައިވެރިވުމާއި މެދު އަދި ގޮތެއް ނުނިންމަވާ ކަމަށާއި އެހެން ނަމަވެސް ވަގުތު ޖެހުމުން ނިންމަވާ ގޮތެއް އާންމުކޮށް އިއުލާންކުރައްވާނެ ކަމަށެވެ.

“ހިތްޕުޅު ނުތަނަވަސް ވާން ޖެހޭ ސަބަބެއް ނެތް އަޅުގަނޑު ގަސްތުކުރާ ގޮތް ބުނަން ޖެހޭ ވަގުތު އައީމަ އަޅުގަނޑު އެކަން ބުނާނަން” ރައީސް މައުމޫން ވިދާޅުވިއެވެ.

މީގެ އިތުރަށް އެމަނިކުފާނު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށްފަހުގައިވެސް ޕީޕީއެމް އޮންނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެޕާޓީގެ ފަރާތުން ކުރާނެ ކަމަށެވެ. އަދި ޕީޕީއެމް އަކީ ޑިމޮކްރަޓިކް ތަސައްރަފް ފުދިފައިވާ ޕާޓީއެއްކަން ދައްކުވައިދޭނެ ކަމަށްވެސް އަމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޕީޕީއެމްއަށް 9 ކައުންސިލަރަކު ވަނީ ސޮއިކުރައްވާފައެވެ. އެއީ ރ. އަނގޮޅިތީމް ކައުންސިލް މެމްބަރު އަލީ އިބްރާހީމާއި، ކ. ދިއްފުށީ ކައުންސިލް މެމްބަރު އިބްރާހިމް ޒަހީމާއި، އއ. މަތިވެރި ދާއިރާގެ އަތޮޅު ކައުންސިލަރ އަބްދުﷲ ލުތުފީއާއި ތ. ކަނޑޫދޫ ކައުންސިލަރު މުހައްމަދު އާމިރާއި ކ.ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމާއި އެރަށު ކައުންސިލްގެ ނާއިބު ރައީސް އަހްމަދު ހަމީދުގެ އިތުރުން އެރަށު ކައުންސިލްގެ ތިން މެމްބަރުން ކަމަށްވާ އަހްމަދު ސިރާޖާއި މޫސާ ޔަހުޔާ އަދި މުހައްމަދު އިސްމާއީލް އެވެ.

ފަހުގެ