އަންނަ ހަފްތާތެރޭ އެމްޑީޕީން އިންގިލާބު އިއުލާނު ކުރާނެ

އަންނަ ހަފްތާގައި އިންގިލާބު އަންނާނެ ފަދަކަންތަކެއް އެމްޑީޕީން އިއުލާނު ކުރާނެކަމަށް އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސާ އަދި މީޑިއާ ކޮމެޓީގެ ނައިބު މުގައްރިރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ބޭއްވި ޖަލްސާގައި ވާހަކަ ދައްވަމުން ޝައުނާ ވިދާޅުވީ، އަންނަ ހަފްތާތެރޭގައި އިންގިލާބެއް އަންނާނެފަދަ ކަންތައްތަކެއް އެމްޑީޕީން އިއުލާނު ކުރާނެކަމަށެވެ.

“އެކެއް އަނެކެއްގެ ކިބައިން ހިއްވަރުލިބިގެން. މިރާއްޖޭގެ ޒުވާނުންނަށާ މިރާއްޖޭގެ ރައްޔިތުންނަށް އިންގިލާބެއް އަންނަވަރުގެ ކަންތައްތައް އަޅުގަނޑުމެން މުސްތަގުބަލުގަ ކުރާނަން. އަންނަ ހަފްތާގަ އަޅުގަނޑުމެން އިއުލާނުކުރާނަން ޒުވާނުންނަށް އިނގިލާބެއް އަންނާނެފަދަ ކަންތައްތަކެއް.”

ޝައުނާ ވިދާޅުވީ ފެބުރުއަރީ ހަތް ވަނަ ދުވަހު ވެފައިވާ ކަންތައްތައް ދުވަހަކުވެސް ކަމުނުދާނެ ކަމަށެވެ.

“ދުވަހަކުވެސް ކަމަކުނުދާނެ ފެބުރުއަރީ ހަތްވަނަ ދުވަހު ހިނގި ކަންތައްތަކެއް. ބާގީވަހީދު ކޮންމެފަދަ ކަންތައްތަކެއް ކުރިއަސް ޒުވާނުންނެއް ދެނެއް ވޯޓެއް ނުދޭނެ. ތިތަނުން އަވަހަށް އެނބުރި ވަޑައިންނަވާށޭ. އިންތިހާބެއް ބާއްވާށޭ. އިންގިލާބަކުންވެސް އަޅުގަނޑުމެން މި ސަރުކާރު ބަދަލުކުރާނަމޭ.”

ރާއްޖޭގައި ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ބަޔަކު އެބައުޅޭކަމަށްވެސް ޝައުނާ ވިދާޅުވި އެވެ.

“އަޅުގަނޑު މިހެންދަންނަވާއިރު އެނގޭ ފަހަރި އިމްރާނު އަޅުގަނޑުމެންނާ ދިމާލަށް އޭތި މީތި ވާހަކަ ދައްކާނެކަން. އެހެންނަމަވެސް މި ބުނަނީ ރާއްޖޭގަ އެކްސްޓްރީމިޒަމް އެބައޮތް. އަޅުގަނޑުމެންނަށް ކަމަކުނުދޭ ކަންތައްތަކެއް. މާތްވި އިސްލާމްދީނާއި ދީނައްޓަކާ އަކީ ކުޑަކުދިންނަށް ވެކްސްިން ނުދިނުމެއްނޫން. އަޅުގަނޑުމެންގެ އަންހެން ދަރިންނަށް ކިޔެވޭނެ ފުރުސަތު ހޯދައި ނުދުނިމެއް ނޫން. މާތްވި އިސްލާމް ދީނާއި ދީނައްޓަކައަކީ ކުޑަކުދިންލައްވާ ކައިވެނި ކުރުވުމެއްވެސް ނޫން. މާތްވި އިސްލާމް ދީނާ ދީނައްޓަކައަކީ ރާއްޖެއަށް އަންނަ ފޮރިން އިންވެސްޓަރުން އަނބުރާ ފޮނުވާލުމެއްވެސް ނޫން. އަޅުގަނޑުމެންނަށް މާތްވި އިސްލާމްދީނާއި ދީނައްޓަކައަކީ އިސްލާމް ދީނުގެ އަގީދާ ހަރުދަނާ ކުރެވޭނެ ނިޒާމެއް ގާއިމްވެފައޮތުން.”

ޓްވިޓަރ އާއި ފޭސްބުކް ފަދަ ސޯޝަލް ނެޓްވޯކުތައް ބަންދުކުރުމަށް ރައީސް މުހައްމަދު ވަހީދު މަސައްކަތް ކުރެއްވި ނަމަވެސް އެކަންވެސް ނުވާނެކަމަށް އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ރައީސާ ވިދާޅުވި އެވެ.

“ބާގީ ވަހީދު އުޅޭގޮތްވެސް އަޅުގަނޑުމެން ބަލަން. ބާގީ ނާޒިމު އުޅޭގޮތްވެސް އަޅުގަނޑުމެން ބަލަން. އަޅުގަނޑުމެން މިއަންނަނީ ހަބަރުތައްވެސް ބަލަމުން. އަޅުގަނޑުމެން އަންނަނީ ހަބަރުތައް ބަލާފަ އޭއްޗިސްތަކަށް ކޮމެންޓުވެސް ކުރަމުން. ފޭސްބުކް ވެސް އަޅުގަނޑުމެން ބޭނުންކުރާނަން. ޓްވިޓަރވެސް ބޭނުންކުރާނަން. ނިކަން ކެރިގެން އެކަންތައްތައް ކުރާނީ. ޗިއިނާ ކަހަލަ ގައުމުތަކުގެ އޭޗިހިތައް މަނާކޮށްފަ ހުއްޓަކަސް ލާހިކެއްނޫން ބާގީ ވަހީދަށް ރާއްޖޭގަ ޓްވިޓަރ މަނާކުރާކަށްވެސް. ފޭސްބުކް މަނާކުރާކަށްވެސް. އަދި އަޅުގަނޑުމެންގެ އަންގަ ބަންދު ކުރާކަށްވެސް ހަމަ ލާހިކެއް ނޫނޭ.”

ރައީސް މުހައްމަދު ވަހީދުގެ ސަރުކާރު އިންގިލާބަކުން ބަދަލުކޮށްލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ޑިސެންބަރު 11 ވަނަދުވަހު ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ހުށަހެޅުއްވި ގަރާރު ފާސްވީ، އެ ބައްދަލުވުމުގައި ބައިވެރިވި 30 މެމްބަރުންގެ އިއްތިފާގުންނެވެ.

ފަހުގެ