ކޮންމެ ހަފަތާއަކުު ފަތުރުވެރިޔަކު ގަންބާ މަރާލުން

މިހާރަކަށް އައިސް ކޮންމެ ހަފްތާއަކުހެން ޓޫރިސްޓަކު ގެނބިގެން މަރުވާ ވާހަކަ އިވެއެވެ. ދެން އިވެނީ މަރުވި މީހާގެ އާއިލާއިން އޭނާ މަރާލީކަމަށް ދައުވާކުރާ އަޑެވެ. އަނެއްކާ ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަންގެ މޭޒުދަށުން ފިލައިގެން ރާއްޖެއިން ފިލައެވެ. ޖެހިގެން އަންނަ ދުވަހު ޓޫރިޒަމް މިނިސްޓްރީއިން ނެރޭ ތަފާސް ހިސާބުތަކުން ރާއްޖެ އަންނަ ޓުއަރިސްޓުން މަދުވާކަމަށް ދައްކައެވެ. މިހާރު އަޑު އިވެމުންދަނީ ސަރުކާރުގެ ވެރިން މިކަމުން ރެކެން ދައްކާ އުޒުރުތަކެވެ.

ވަހީދުގެ ސަރުކާރުގެ ވަރަށް އިސްވެރިޔަކު ކޮފީއެއްގައި ދެއްކެވި ވާހަކަ ޖެހިގެން އިން މޭޒުގައި އިނދެ ކަނުލާ އަޑުއެހީމެވެ. އޭނާ ވިދާޅުވި ގޮތުގައި މަރަކީ ވަގުތު ޖެހުމުން ގެންދަވާ އެއްޗެއްކަމަށާ، ޓޫރިސްޓަކަށް ވެސް އެކަމުން ބަރިއްޔަ ނުވޭނެކަމަށް ވިދާޅުވިއެވެ. މިޒާތުގެ ވާހަކައަށް ބަހެއްބުނަން ވެއްޖެއްޔާ އޮންނާނީ މުޅިން އެހެން މައުލޫއަކަށް ދެވިފައެވެ. އެހެންފަހަރަކުން އެވާހަކަ ދައްކާނަމެވެ. އެކަމަކު ބަލާ ރައްކާތެރި ވުމަކީ ކޮންމެ މީހެއްގެ މައްޗަށްވެސް ވާޖިބެކެވެ. ޓުއަރިސްޓުން ބަލާ ރައްކާތެރި ކުރުމަށް ފިޔަވަޅު އެޅުމަކީ ޓުއަރިޒަމް މިނިސްޓަރ ގެ ވާޖިބެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިހުމާލު މިކަމުގައި ވަރަށް ބޮޑަށް އެބައޮތެވެ. މިއީ ޓެކްސް ނުދައްކަން ގޮވާ ޒާތުގެ ކަމެއް ނޫންކަން އަދީބު ދަންނަންވާނެއެވެ. މިދުވަސަވަރު ދިވެހިރާއްޖެ އަށްވުރެ ގިނައިން، ލަންކާ އަށް ފަތުރުވެރިން އައުމުން އެކަން “ގަބޫލު ކުރަން ދަތި ކަމަށް” އަދީބު ވިދާޅުވުމަކީ ޒިންމާ އިން ރެކުމެވެ.

ޓޫރިސްޓުންގެ ރައްކާތެރިކަމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅަން އެބަ ޖެހެއެވެ. ރާއްޖޭގައި ހިންގާ ރިޒޯޓު ތަކަކީ ދެ ތިން  އަހަރު ތެރޭގައި އިސްވެޓުމަންޓު ކަވަރުވެ، އަހަރަކު އެތައް މިލިއަން ޑޮލަރެއް ފައިދާގެ ގޮތުގައި ލިބޭ ތަންތަނެވެ. އެހެންވީރު އެތައް ހާސް ޑޮލަރެއް ހަރަދު ކޮއްފައި އަންނަ ފަތަން ނުދަންނަ ޓޫރިސްޓު ފަކީރަށް މޫދުގެ ސަލާމަތީ ހިދުމަތްތައް ފޯރުކޮށްދެވެން ޖެހެއެވެ. ޖެއްސުމަށް ކޮންމެ ޓޫރިސްޓެއްގެ ފަހަތުގައި ލައިފް ގާރޑެއް ނުބެހެއްޓޭނެޔޭ ބުނެ ޒިންމާއިން ރެކެން މަސައްކަތް ނުކުރާށެވެ. މިކަމަށް ޓޫރިޒަމް މިނިސްޓްރީއިން ގަވައިދެއް ހެދުން މާބޮޑަށްވެސް ލަސްވެއްޖެއެވެ. އެހެން ނޫނީ “މޯލްޑިވްސް” ގޫގުލް ކޮށްލީމާ، ސާރޗް ރިޒަލްޓުގެ އެންމެ ކުރީގައި އޮންނަ “ދުނިޔެ މަތީ ސުވަރުގެ” ބަދަލުގައި “ގެނބިގެން މީހުން މަރުވާ ސުވަރުގެ” އަންނަން ފަށާފާނެއެވެ.

އެއް މިލިއަން ޓޫރިސްޓުން ގެންނަ ވާހަކައަކީ ސިޔާސީ ފޮނި ކެނޑުމެވެ. އަދީބަށް ނުވާވަރުގެ ކަންކަން، ވޯޓުލައިގެން ހޮވޭ ރައްޔިތުންގެ ސަރުކާރަކުން ކުރަން ބަހައްޓާށެވެ. ފުރަތަމަ މަނިކުފާނުގެ މިނިސްޓަރުކަމުގައި ހަފުތާއަކު ޓުއަރިސްޓަކު ގެނބިގެން މަރުވާ ސިލްސިލާ ހުއްޓުވާށެވެ.

ފަހުގެ