ނާޒިމް މާލެ ވަޑައިގެންފި

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމް ޗައިނާއަށް ކުރެއްވި ފަސްދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފ މިރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

މިދަތުރުފުޅުގެ މަޤްސަދަކީ، ދެގައުމުގެ ދެމެދުގައިވާ އަސްކަރީ ގުޅުން ބަދަހިކޮށް ދިވެހި އަސްކަރިއްޔާ ހަރުދަނާކުރުމަށް ޗައިނާއަށް ވެވިދާނެ އެހީތެރިކަމާއިމެދު މަޝްވަރާކުރުންކަމަށް މޯލްޑިވިސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އިން ބުނެ އެވެ.

މިދަތުރުފުޅުގައި ޑިފެންސް މިނިސްޓަރ ވަނީ ޗައިނާގެ ޑިފެންސް މިނިސްޓަރ ޖެނެރަލް ލިއަންގ ގުއަންލީ އާއި ބައްދަލުކުރައްވައި، އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭ އެގްރީމަންޓްއެއްގައި ސޮއިކުރައްވާފަ އެވެ. މިއެގްރީމަންޓްގެ ސަބަބުން ދެޤައުމުގެ އަސްކަރީ އެއްބައިވަންތަކަން ބަދަހިވެ، ދިވެހި އަސްކަރިއްޔާ ބިނާކުރުމުގައި ޗައިނާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ އެވެ. މީގެ އިތުރުން ޑިފެންސް މިނިސްޓަރ ވަނީ ޗައިނާގެ ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ވައިސް ޗެއަރމަން ޖެނެރަލް ޒޫ ކިލިއަންގ އާއިވެސް ބައްދަލު ކުރައްވާފަ އެވެ.

މިދަތުރުފުޅުގައި ޑިފެންސް މިނިސްޓަރ ޗައިނާގެ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީ، ދަ ސެކަންޑް މިލިޓަރީ މެޑިކަލް ޔުނިވަރސިޓީ އަދި ޝަންގހައި އިންސްޓިޓިއުޓް ފޯރ އިންޓަނޭޝަނަލް ސްޓަޑީސް އަށް ޒިޔާރަތްކުރައްވާ، ތަޢްލީމާއި ތަމްރީނުގެ ފުރުޞަތުތައް ދިވެހިރާއްޖެއަށް ހޯއްދެވުމާބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައިވެ އެވެ. އަދި ޕީ.އެލް.އޭ ނޭވީ ސަބްމެރިން އެކަޑަމީއަށް ޒިޔާރަތްކުރައްވައި އެތަނުގައި ތަމްރީން ޙާޞިލް ކުރަމުންގެންދާ އެމް.އެން.ޑީ.އެފް ގެ ކޯސްޓްގާޑް ބޭކަލުންނާއި ބައްދަލުކުރެއްވުމުގެ އިތުރުން، ޕީ.އެލް.އޭ ނޭވީގެ ނޯދަން ފްލީޓަށްވެސް އެމަނިކުފާނު ޒިޔާރަތް ކުރެއްވި އެވެ.

މިދަތުރުފުޅުގައި، މިނިސްޓަރުގެ އަރިހުގައި އެމް.އެން.ޑީ.އެފް ޓްރެއިނިންގ އެންޑް ޑޮކްޓަރީން ކޮމާންޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި އެމް.އެން.ޑީ.އެފް މެޑިކަލް ސަރވިސްގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނަންޓް ކާނަލް ޢަލީ ޝާހިދު މުޙައްމަދު ގެ އިތުރުން ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑެފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނަންޓް ކާނަލް އިބްރާހިމް ޙިލްމީ ބައިވެރިވެވަޑައިގެންނެވި އެވެ.

ފަހުގެ