ދިވެހި 15 ފަހުލަވާނުންގެ ފައުޖަކުން ހޯދި ފުރިހަމަ ކާމިއާބީގެ ވާހަކަ!!

“އަހަރުމެން ކާމިއާބު ވެއްޖެ!” މިހެން ބުނުމާއި އެކު އޭނާ މަރުވެގެން ވެއްޓުނެވެ. ހާސްނުވާށެވެ. މި ދައްކަނީ އީސާގެ ފާނު ދުނިޔެ އަށް ވަޑައިގަތުމުގެ 490 އަހަރު ކުރިން މީހަކު މަރުވި ވާހަކަ އެވެ.

މެރަތަން ދުވުމުގެ ތާރީހު ފެށިގެން އައީ މިގޮތަށެވެ. ކުރީގެ ގްރީސް މީހުން ޕާސިއަނުންނާއި ކުރި ހަނގުރާމައަކުން މޮޅުވިކަން އެމީހުންގެ ގައުމުގެ މީހުނަށް އެންގުމުގެ ގޮތުން ފޮނުވި ފިލިޕީޑަސް ކިއާ މީހަކު އެ ހަބަރު ގްރީސް މީހުނަށް ދިނުމަށް 42.195 ކިލޯމީޓަރުގެ ރާސްތާއެއް ހުއްޓާލުމެއްނެތި ދުވެފައި ކަޑައްތުކުރި އެވެ. އެރާސްތާއަށް ދުވުމަށްފަހު އޭނާ އަށް ބުނެވުނުހާވެސް އެއްޗަކީ “އަހުމެން ކާމިއާބުވެއްޖެ!” މިހެނެވެ.

މެރަތަން ދުވުމަކީ ވެސް އެކަމަށް ރަނގަޅަށް ތައްޔާރުނުވެ ދުވެއްޖެ ނަމަ މަރުގެ އެތިފަހަރެކެވެ. މެރަތަން ދުވަނީ 42.194ކިލޯ މީޓަރަށެވެ. އެއީ ދުވެފައި މާލެ ވަށާ 8 ބުރު ޖެހުމާއި އެއްފަދަކަމެ ކެވެ. މެރަތަން ރޭސްތަކުގައި މީހުން މަރުވުމަކީވެސް އާންމުކަމެ ކެވެ.

“ހުއްޓާލުމެއް ނެތި 42.195 ކިލޯމީޓަރަށް ދުވުމަކީ މީހަކަށް ފަސޭހަކަމެއް ނޫން. އެކަމަށް ތައްޔާރީތަކެއް ވާންޖެހޭ. މެރަތަން ދުވުންތެރިންގެ ޑިސިޕްލިން ވަކިގޮތަކަށް ބައްޓަން ކުރަންޖެހޭ. އެއީ އޭނާގެ ކެއުމާއި، ބުއިމާއި އުޅުމުގެ އާދަތައް.” މޯލްޑިވިސް އެސޯސިއޭޝަން އޮފް ޑިސްޓެންސް ރަނާސް (މޭޑް ރަނާސް) އިން ސިންގަޕޫރު މެރަތަން 2012 ގައި ފުރިހަމަ ކާމިއާބީއެއް ހޯދުމަށްފަހު އެކަން އެމްވީ ޓައިމްސް އާއި ހިއްސާކުރައްވަމުން އެ އެސޯސިއޭޝަންގެ ނައިބުރައީސް އަދި މޭޑް ރަނާސްގެ 15 ދުވުންތެރިން ހޯދި ކާމިއާބީގެ މުގޫ ކަމުގައިވާ އެ އެސޯސިއޭޝަނުގެ ކޯޗު ނަސީރު އިސްމާއިލް ވިދާޅުވި އެވެ.

“ރަނގަޅަށް ތައްޔާރުނުވެ ދުވާމީހުން މަރުވުމަކީވެސް އެކަށީގެންވާ ކަމެއް. ޕްރެކްޓިސްގައި ގަވާއިދުން ބައިވެރިވިމީހުން އެއްވެސް އުނދަގުލެއްނެތި މެރަތަން ނިންމާލި. އާންމުކޮށް މެރަތަން ނިންމާލާފަ ބައެއް މީހުނަށް ހަފްތާއެއްވާއިރުވެސް ރަނގަޅަށް ހިނގާ ނުގަނެވޭ. އެކަމަމަކު ރިރާދަކުރެއްވީތީ އަޅުގަނޑުމެންގެ 15 ދުވުންތެރިންވެސް 2 ދުވަސްތެރޭ ފިޓް ވެއްޖެ.” ވަށަމިނުގައި އެންމެ 5 ކިލޯމީޓަރު ހުންނަ މާލޭގައި ޕްރެކްޓިސްކޮށްގެން 42.195 ކިލޯމީޓަރުގެ ރޭހެއް ސިންގަޕޫރުގައި ފުރިހަމަ ކަމާއެކު ނިންމާލުމަށް ދުވުންތެރިން ޕްރެކްޓިސްކުރި ކުޅަދާނަ ކޯޗު ނަސީރު ވިދާޅުވި އެވެ.

“އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑުކާމިއާބީ އަކީ 15 ދުވުންތެރިންވެސް މެރަތަން ނިންމާލުން. އަޅުގަނޑުމެންގެ ތެރެއިން އެންމެ ކުރިން ނިންމާލި ޝަރަފ.ް އޭނާއަށްވުރެ ކުރިން ރޭސް ނިންމާފައިވަނީ މުޅިރޭހުގެ އެންމެ 2 ޕަސަންޓު މީހުން.” ނަސީރު އޭނާގެ ކާމިއާބީ ފަހުރުވެރިކަމާއެކު ފާހަގަކުރަމުން ވިދާޅުވި އެވެ.

ދުނިޔޭގެ ހުރިހާ ގައުމަކުން ބައިވެރިވި ިރޭހުގައި ރާއްޖޭގެ ޓީމުން އެންމެ ފުރަތަމަ ރޭސް ނިންމާލި އަހުމަދު ޝަރަފް ރޭސް ނިންމާލާފައިވަނީ 20 އަހަރާއި 29 އަހަރާއި ދެމެދުގެ އުމުރުފުރައިން ރޭސް ނިންމި 3505 މީހުންގެ ތެރެއިން 39 ވަނަ އަށެވެ. އަދި މުޅިރޭސް ނިންމި 12738 ފިރިހެނުންގެ ތެރެއިން   174 ވަނައަށެވެ. މިއީ ޝަރަފް މިފަދަ ރޭހެއްގައި ބައިވެރިވި ވެސް ފުރަތަމަ ފަހަރެވެ. ޝަރަފް ރޭސް ނިންމާލާފައިވަނީ 3 ގަޑީރާއި 39 މިނެޓުންނެވެ.

އެވަރެޖް ގޮތެއްގައި ފިރިހެން ދުވުންތެރިއަކަށް މެރަތަން ނިންމާލެވޭ  ވަގުތަކީ 4 ގަޑީރާއި 32 މިނެޓެވެ. އަންހުންގެ އެވަރެޖަކީ 5 ގަޑީރާއި 6 މިނެޓެވެ.

“ފުރަތަމަ ފަހަރާބަލާފަ މިއީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު ކާމިއާބީއެއް. ކާމިއާބީގެ ސިއްރަކީ އަޅުގަނޑުމެންގެ ކޯޗު ނަސީރު. އަޅުގަނޑު ދެކެނީ މިއީ މުޅި ދިވެހިރާއްޖެއަށްވެސް ލިބުނު ކާމިއާބީއެއް ކަމަށް. މެރަތަން ދުވުމުގައި ކޮންމެ ދުވުންތެރިއެއްގެވެސް އަމާޒަކީ ރޭސް ނިންމާުލުން. އެއްވަނަ ހޯދުމެއް ނޫން” މިހާރު ރާއްޖޭގައި ހުރި އެންމެ ކުޅާދާނަ މެރަތަން ދުވުންތެރިއާ ޝަރަފް އޭނާގެ ކާމިއާބީ ހިއްސާކުރަމުން ހިނިތުންވެލާފައި ބުނެލި އެވެ.

މީގެއިތުރުން ފާހަގަކޮށްލެވޭ އަނެއްކަމަކީ މިރޭހުގައި ބައިވެރި އަންހެން ދުވުންތެރިން ހިމެނޭނީ ދިވެހި ތާރީހުގައިވެސް އެންމެ ގިނަ އަދަދެއްގެ އަންހެން ދުވުންތެރިން މެރަތަންއެއް ނިންމާލި ފުރަތަމަ ފަހަރު ކަމެވެ. މީގެ އިތުރުން އުމުރުން ފާހަގަ ކޮށްލެވޭ އަނެއްކަމަކީ މުރުން 54 އަހަރުގެ މުހައްމަދު ވަހީދު (ސޮނީ ވަހީދު) ވެސް ވަނީ މި މެރަތަން އެއްކޮށް ދުވެ ނިންމާލާފަ އެވެ. މިއީ މިހާ އުމުރުން ދުަވަސްވީ ދިވެއްސަކު މެރަތަންއެއް ނިންމާލި ފުރަތަމަ ފަހަރެވެ.

ރަތް ކާޕެޓުގައި އެއް ނަންބަރު ފާލަމުން ނުފޭބިކަމުގައިއަސް މޭޑް ރަނާސްގެ ދުވުންތެރިން ވަނީ ދިވެހިރާއްޖެއަށް ތާރީހީ ކާމިއާބީތަކެއް ހޯދާފަ އެވެ. މޭޑް ރަނާސްގެ ދުވުންތެރިން 2012 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 2 ވަނަ ދުވަހުގ ހޯދި ކާމިއާބީ 11 ދުވަސް ވަންދެން ސިއްރުވެފައި އޮތް އޮތުމަކީ ދިވެހި ނޫސްވެރިން ލަދުގަންނަންޖެހޭ ފަދަ ކަމެ ކެވެ. ހަތަރު ގައުމަކާއި ކުޅެގެން ދިވެހި ފުޓުބޯޅަޓީމެއް ޗެމްޕިއަންކަން ހޯދައިގެން މާލެ އައިއިރު އެމީހުން ރަތް ދޫލައިގައި މާލެ ބާލާފައި، މުޅި ދުނިޔޭގެ ހުރިހާ ގައުމަކާއި ވާދަކޮށްގެން މަރުވިއަސް ހެޔޮކަމަށް ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ގޮތުން ސިންގަޕޫރުގެ މަގުތަކުގައި 42.195ކިލޯ މީޓަރަށް ކާމިއާބު ކަމާއެކު ދުވެފައި އައި ބަޔަކު ރަތް ދޫލައިގައި މާލެއަށް ނުބޭލުމަކީ އިންސާފެއްތޯ އެވެ؟

ފަހުގެ