އަފުރާޝީމުގެ މަރުގެ މައްސަލަ ޕީޖީއަށް
އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިއާޒު ޓްވިޓަރ ގައި ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ރިއާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އަފްރާޝީމްގެ މަރާލުމުގައި އަމަލީގޮތުން ބައިވެރިވި ދެމީހުންގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
Dr Afrasheem's Assassination: The case of two primary suspects forwarded to PG Office this afternoon.
— Abdulla Riyaz (@riyazabdulla) December 10, 2012
ޑިސެންބަރު މަހުގެ ހަތަރު ވަނަ ދުވަހު ފުލުހުން ބޭއްވި ނިއުސްކޮންފަރެންސްގައި ރިއާޒު ވިދާޅުވެފައިވަނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތުކުރެވޭ ހ. ލޮބީ ހުސެން ހުމާމް އަހުމަދު އަދި ހ. ހިކޯސްޓް އަލީ ޝާން އަކީ ކުޑަހެންވޭރު ގްރޫޕަށް ނިސްބަތްވާ ބައެއްކަމަށާއި، ކުޑަހެންވޭރަކީ ބޮޑެތި ކުށްތައް ކުރާ ގޭންގެއް ކަމަށެވެ. ސިޔާސީ ބަޔަކު ޚަރަދުކޮށްގެން އެ ގްރޫޕުން ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށްވެސް ރިއާޒު ވިދާޅުވި އެވެ.
އަފްރާޝީމް ދިރި އުޅުއްވާ ގޭގެ ސިޑިމަތީގައި އަނިޔާވެރި ގޮތަކަށް އޭނާ މަރާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ދަންވަރު 1:34 ހާއިރު އެވެ.
