ދޫނިދޫ ކައިރިން ހިނގި ލޯންޗު އެކްސިޑެންޓެއްގައި ޓޫރިސްޓަކު މަރުވެއްޖެ

 

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ 2 ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޓޫރިސްޓަކު  މަރުވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

މިރޭ 20:25 ހާއިރު ހުޅުލެއިން ފުރައިގެން ބަނޑޮހަށް ދަތުކުރި ބަނޑޮސް އޯކިޑް-13 ނަމްބަރު ލޯންޗާއި ހުޅުމާލެއިން ފުރައިގެން މާލެއަށް ދަތުރު ކުރި އެމް.ޓީ.ސީ.ސީ ހުޅުމާލެ އެކްސްޕްރެސް ލޯންޗެއް ކ.ދޫނިދޫ ކައިރިން ޖެހި ހިނގި މި އެކްސިޑެންޓުގައި މަރުވެފައިވަނީ ބަނޑޮސް ލޯންޗުން ދަތުރުކުރި ފިންލޭންޑުގެ ޓޫރިސްޓެއްކަމަށް ފުލުހުން ބުނެ އެވެ.

މީގެއިތުރުން  2 ލޯންޗުން ދަތުރު ކުރި ފަސިންޖަރުންނަށް ބޮޑެތި އަނިޔާތަކެއްވަނީ ލިބިފަ އެވެ.

މަރުވި ފަސިންޖަރަކީ ބަނޑޮހަށް ދަތުރުކުރި ލޯންޗުގައި ހުރި ފިންލޭންޑުގެ މީހެއްކަމަށާއި މީނާ ވަނީ އެކްސިޑެންޓު ހިނގި ވަގުތު މޫދަށް ވެއްޓިފައި ކަމަށް ފުލުހުން ބުނެ އެވެ.

މި އެކްސިޑެންޓުގައި ހުޅުމާލެ އެކްސްޕްރެސް ލޯންޗުން ދަތުރުކުރި ފަސިންޖަރުންގެ ތެރެއިން 4 އަންހެނަކާއި 4 ފިރިހެނަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. މީގެއތެރެއިން 29 އަހަރުގެ އަންހެނެއްގެ ނިއްކުރިމަތިން ބޮޑު ތަނެއް ފަޅާއިގެންގޮސްފައިވާކަމަށާއި ހަމަ އެލޯންޗުން ދަތުރުކުރި ފިރިހެނެއްގެ މޫނަށް ބޮޑެތިއަނިޔާތަކެއް ލިބިފައިވާކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން އެމީހުން ބެއްލެވި ޑޮކްޓަރު ފުލުހުންނަށް މަޢުލޫމާތުދީފައިވެ އެވެ. މީގެއިތުރުން ހޮސްޕިޓަލަށް ގެންދެވުނު އެހެން މީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން އެމީހުން ބެއްލެވި  ޑޮކްޓަރު ފުލުހުންނަށް މަޢުލޫމާތުދީފައިވެ އެވެ.

މި އެކްސިޑެންޓުގައި ހުޅުލެއިން ފުރައިގެން ބަނޑޮހަށް ދަތުރުކުރި އޯކިޑް-13 ލޯންޗުން ދަތުރުކުރި 5 ފަސިންޖަރުންގެ ތެރެއިން އެކަކު މޫދަށް ވެއްޓިފައިވާއިރު ދެން ތިބި މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

ހުޅުމާލެ އެކްސްޕްރެސް ލޯންޗުގައި ދަތުރުކޮށްފައިވަނީ 3 ފަޅުވެރިންނާ އެކު 19 ފަސިންޖަރުން ކަމަށާއި އޯކިޑް-13 ލޯންޗުން ދަތުރުކުރީ 3 ފަޅުވެރިންނާ އެކު 5 ފަސިންޖަރުންކަމަށް ދެ ލޯންޗުގެ ކެޕްޓަނުންނާއި ހަވާލާދީ ފުލުހުން ބުނެ އެވެ.

 

ކިޔުންތެރިންގެ ހިޔާލު