ހެވީމެޓަލް މުބާރާތައް ފާޑުކިއުންތަކާއެކު ވެސް ފެހި ސިގުނަލް

  • އާޓް ކުރިއެރުވުމަށް މިނިސްޓްރީން އަބަދުވެސް އެއްބާރުލުން ދޭނެ
  • ހެވީމެޓަލް މިއުޒިކް ރާއްޖޭގައި ކުރިއަރަން ފުރުސަތު ލިބިގެން ނުވާނެކަމަށް ސަލަފުން ވަނީ ބުނެފައި

ދިވެހިރާއްޖޭގައި ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތައް އާޓިސްޓުންގެ ފަންނުތައް ކުރިއެރުވުމަށް މިސްޓްރީން އަބަދުވެސް އެއްބާރުލުން ދޭނެކަމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑައިރެކްޓަ އޮފް ކޮމިއުނިކޭޝަންސް ނާއިލް ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްވީޓައިމްސްއާ ވާހަކަ ދައްކަވަމުން ނާއިލް ވިދާޅުވީ "މެޓަލް ވޯސް މޯލްޑިވްސް" އިން  "ބެޓުލްވަން" ނަމުގައި ސޯޝަލްމީޑިއާގައި ކުރިއަށްގެންދާ މުބާރާތާ އެ މިނިސްޓްރީއާ އެއްވެސް ގުޅުމެއްވެސް ނެތް ކަމަށެވެ. އަދި އެ މުބާރާތާމެދު އެއްވެސް ނިންމުމެއްވެސް މިނިސްޓްރީން ނިންމާފައިނުވާކަމަށެވެ. ނަމަވެސް އާޓް ކުރިއެރުވުމަށް ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތައް ކުރާ ކޮންމެކަމަކަށް މިނިސްޓްރީން ސަޕޯޓުކުރާނެކަމަށެވެ.

"މި މިނިސްޓްރީ ގެ ބޭނުމަކީ ވެސް އާޓިސްޓުން ކުރިއެރުވުމަށް މަސައްކަތްކުރުން. ރާއްޖޭގެ ގާނޫނުއަސާސީއާ ގާނޫނުތަކާ އެއްގޮތައް ކުރާކޮންމެ ކަމަކަށް މި މިނިސްޓްރީން އެއްބާރުލުން ދޭނެ،" -ނާއިލް- 

ހެވީމެޓަލް މިއުޒިކަށް ރާއްޖޭގައި ހުއްދަދެވިގެން ނުވާނެކަމަށް ޖަމްއިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވުމާގުޅިގެން ހެވީމެޓަލް މިއުޒިކަށް ލޯބިކުރާ މީހުންނާއި އެ މުބާރާތުގެ ބައިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެއްބަޔަކު ސަލަފުގެ ރައީސްގެ ވާހަކަތަކަށް ސަޕޯޓުވެސް ކުރެއެވެ. މިހެންކަމުން މި މުބާރާތުގެ ކަންކަން މިހާރު ވަނީ "ކޮންޓްރަވާޝަލް" ވެފައެވެ.

މިކަމާ ސުވާލުކުރުމުން ނާއިލް ވިދާޅުވީ، ރާއްޖޭގެ ގާނޫނުތަކާ އެއްގޮތައް އާޓިސްޓުން ކުރާ ކޮންމެކަމަކަށް އެއްބާރުލުން ދޭނެކަމަށެވެ.

"މެޓަލް ވޯސް މޯލްޑިވްސް" އިން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ހެވީމެޓަލް މުބާރާތައް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް 7 ބޭންޑެއްވެސް ވަނީ މުޅިންއަލަށް އެކުލަވާލާފައެވެ.

"މި މުބާރާތަކީ އައު އާޓިސްޓުންނަށް ފުރުސަތެއް ހުޅުވާލުމަށް ކުރާކަމެއް،" - މެޓަލް ވާސް މޯލްޑިވްސް

މުބާރާތުން އެއްވަނައަށްދާ ބޭންޑަކަށް ފައިސާގެ އިނާމެއްގެ ގޮތުގައި 38،000 ރުފިޔާ ލިބެއެވެ. އެއްމަސް ދުވަހަށް ޕްެރެކްޓިސް ކުރާނެ ސްޓޫޑިއޯއެއް ލިބެއެވެ. އަދި ޕްރޮފެޝަނަލް ރެކޯޑިންތަކެއް ހެދުމުގެ ފުރުސަތުވެސް އެއްވަނައަށްދާ ބޭންޑަކަށް ލިބޭނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު