ޢަލީ ރަމީޒުގެ އާދޭހެއް "އަޅުގަނޑާއި މިއުޒިކާ ގުޅުވައިގެން އެއްވެސްކަމެއް ނުކުރައްވާ"

މިއުޒިކާއި ލަވަޔާ އޭނާއާ ގުޅުވައިގެން އެއްވެސް ވާހަކައެއް އަދި ކަމެއްވެސް ނުުކުރުމަށް އެދި އެންމެހައި ފަރާތްތަކުގެ ކިބައިން ޢަލީ ރަމީޒް އާދޭސްކޮށްފިއެވެ.

އިސްލާމް ދީނުގެ މަޢުލޫމާތު ފެތުރުމާއި ދީނީ ކަންކަމުގައި މިހާރު މަސައްކަތްކުރާ ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ ޢަލީ ރަމީޒް މިހެން ބުނީ އޭނާ ފޭސްބުކްގައި ޢާއްމުކުރި މެސެޖެއްގައެވެ.

"މިއުޒިކާއި ލަވަ ކިޔުމުން އަޅުގަންޑު ދުރުވީ، ކީރިތި ޤުރުއާނުގެ ސައްޙަ މަފްހޫމް އެންމެ ބޮޑަށް އެނގިވަޑައިގެން ތިއްބެވި މަތިވެރި ސަޙާބީންނާއި ތާބިޢީންގެ ތަފްސީރު ތަކުގައި ކީރިތި ޤުރުއާނުގެ އެއް އާޔަތައްވުރެ ގިނަ އާޔަތުން އެކަމަކީ ކަނޑައެޅިގެން ޙަރާމްކަމެއްކަން ބަޔާން ކުރައްވާފައިވުމާއި މާތް ނަބިއްޔާ މުހައްމަދު ﷺގެ އެތައް ހަދީޘް ބަސްފުޅު ތަކުންނާއި، ސަޙާބީންނާއި ތާބިޢީންގެ ފަތުވާ ތަކުގެ އިތުރުން، ސުންނަތް ޖަމާޢަތުގެ މަޝްހޫރު ފިޤްހީ 4 މަޒްހަބުގައި ވެސް އެކަމަކީ ކަނޑައެޅިގެން ޙަރާމް ކަމެއްކަން އިތުބާރުހުރި ޢިލްމުވެރިންގެ ބަސްފުޅު ތަކުން ޝައްކެތް ނެތް މިންވަރަށް އަޅުގަނޑަށް އެންގި ކަށަވަރުވުމުންނެވެ." ޢަލީ ރަމީޒް ބުނެފައިވެއެވެ.

މިއަދު އޭނާއަކީ ﷲ އަށްޓަކައި މިއުޒިކަށް އިންތިހާއަށް ނަފްރަތުކުރާ މީހެއްކަމަށާ، އެގޮތުގައި އިސްލަމް ދީނުގެ މަތިވެރި ހިދާޔަތުގެ މަތީގައި އަނބިދަރިން، ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާ މީހެއްކަަމަށް ޢަލީ ރަމީޒް ބުނެފައިވެއެވެ.

އެހެންކަމުން އޭނާ ކުރިން ކިޔާފައިވާ ލަވަތައް ޖެހުމާއި، ޓީވީ އަދި ރޭޑިއޯތަކުން ފޮނުވުމާއި އެއިން ވިޔަފާރިކުރުމާއި ސޯޝަލް މީޑިއާގެ އެވެސް ވަސީލަތެއް ބޭނުންކޮގެން ވިޔަފާރިކުރުމާއި ސޯޝަލް މީޑިއާގެ އިތުރުން އެހެން އެވެސް ވަސީލަތެއްގައި އޭނާގެ ލަވަތައް ފެތުރުމާއި އޭނާގެ މުއުޒިކު ޙަޔާތުގެ ފޮޓޯތަކާއި ވީޑިއޯތައް ބޭނުންކުރުމާއި އޭނާއާ މިއުޒިކާ ގުޅުވައިގެން މިއަދުވެސް އަދި އޭނާ ނެތް ދުނިޔެއެގައިވެސް، އިސްލާމް ދީނުގައި މަނާކުރައްވާފައިވާ އެވެސްކަމެއް ކުރުމަކީ އެވެސް ހާލެގައި ރުހޭކަމެއް ނޫންކަމަށް ޢަލީ ރަމީޒް ބުނެފައިވެއެވެ.

އަދި އެކަމަކީ އޭނާއަށްކުރެވޭ ވަރަށްބޮޑު އުނދަގުލެއްކަމަށާ، އެއީ އޭނާއަށް ދެވޭ އަނިޔާއެއްކަމަށް ޢަލީ ރަމީޒް ބުނެއެވެ. ވީމާ މިފަދަ އެވެސްކަމެއް ނުކުރުމަށް ޢަލީ ރަމީޒް ވަނީ އާދޭހާއެކު އެދިފައެވެ.

"ޖާހިލު ކަމާއި ނެއްންގުމުގެ ތެރޭގައި މާޒީގައި ހިންގާފައިވާ މިބާވަތުގެ ކަންކަން ފެތުރުމުގައި ތިމާމެންގެ ނުބައި އަމަލުތަކުގެ ފަތް ބުރަކުރުމުގެ ބަދަލުގައި ޣާފިލުކަމުގެ ނިދިންހޭލައި މިއުޒިކު ކުޅުމާއި މިއުޒިކު އަޑުއެހުންފަދަ ހުތުރުކަން ބޮޑުވެގެންވާ ފާފަތަކުން ދުރުހެލިވެ ﷲގެ މަގަށް ރުޖޫޢަވެ ނުބައިކަމުގެ މަގުތައް ބަންދުކޮށް ހެޔޮމަގުގައި ތިބޭފުޅުންގެ މުސްލިމް އަޚެއްގެ ހައިސިއްޔަތުން އަޅުގަންޑަށް އެހީތެރި ވެދެއްވުމަކީ އަޅުގަނޑު މިއަދު ކުރާ ވަސިއްޔަތެކެވެ." ޢަލީ ރަމީޒް ބުނެފައިވެއެވެ.

ފަހަކަށްއައިސް ޢަލީ ރަމީޒާއި ކުރިން އޭނާ ކިޔާފައިވާ ލަވައާއި އޭނާގެ ކުރީގެ މިއުޒިކީ ޙަޔާތާ ގުޅުވައިގެން ވަރަށްގިނަ ވާހަކަތައްދަނީ މީޑިއާއާއި ސޯޝަލް މީޑިއާގައި ދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު