ދިރާގުގެ "ވައްކަން" ކަސްޓަމަރެއްގެ ދުލުން!

  • ހިދުމަތް މެދުކަނޑާލިއަސް ބިލު އަންނަނީ ބޮޑުވަމުން
  • އިންޓަނެޓުގެ އަގުހެޔޮކުރަން އޮތް ގޮންޖެހުމަކީ ރާއްޖޭގެ ޓެލެކޮމިއުނިއުކޭޝަން ކުންފުނިތައް

އިންޓަނެޓުގެ އަގު ހެޔޮކުރުމަށް ދިރާގު ހެޑް އޮފީސް ކުރިމަތީ ކުރި މުޒާހަރާ: ފޮޓޯ މޫސާ އަހުސަން ނަސީރު

ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) ކުންފުނީގެ ބޮޑު ހިއްސާއެއް ދިވެހި ދައުލަތާއި ބައެއް ދިވެހިންގެ އަތުގައި އޮތް ނަމަވެސް، އަދި ކުންފުނީގެ ނަން ދިވެހިރާއްޖެއާ ގުޅުވާފައި އޮތް ނަމަވެސް އެ ކުންފުންޏާމެދު ދިވެހިރައްޔިތުންގެ "ފްރަސްޓްރޭޝަން" އަބަދު ވެސް އޮވެއެވެ.

ބޮޑެތި "ފްރަސްޓްރޭޝަން" ތަކުގެ ތެރޭގައި އިންޓަނެޓުގެ އަގު ބޮޑު މައްސަލައާއި، ބޮޑު އަގުގައި ނަގާ އިންޓަނެޓު ޕެކޭޖުތަކުގެ ސްޕީޑު ސްލޯވާ މައްސަލައިގެ އިތުރުން ހިދުމަތް މެދުކަނޑާލާފައި އޮންނަ ދުވަސްތަކުގައިވެސް ބިލަށް ޗާޖުކުރާ މައްސަލަ ފާހަގަކޮށްލެވެއެވެ.

މި ހުރިހާ މައްސަލަތަކުގެ ތެރެއިންވެސް ދިރާގުގެ ބޮލުގައި އެންމެ ބޮޑު ތުހުމަތެއް އެޅެނީ ހިދުމަތް މެދުކަނޑާލާފައި އޮންނަ ދުވަސްތަކުގައި ބިލަށް ޗާޖު ކުރާމައްސަލައިގައެވެ.

ދިރާގުގެ ޒަމާންވީ ކަސްޓަމަރުން ދެކޭގޮތުން ދިރާގުން އަންނަނީ "އެންމެންގެ ލޯކުރިމަތީގައި ވައްކަން" ކުރަމުން ނެވެ.

މި ގޮތުން ދިރާގުން ފަސް އަހަރު ދުވަހު ހިދުމަތް ހޯދާފައިވާ، ހުސެން ޝަފީއު، ވެސް ބުނީ ހިދުމަތް މެދުކަނޑާލާފައި އޮންނަ ދުވަސްތަކަށް ޗާޖުކުރުން ދިރާގުން ހުއްޓާލަން އޭނާ އެދޭކަމަށެވެ. އޭނާއަށްވެސް ހިދުމަތް މެދުކަނޑާލާފައި އޮންނަ ދުވަސްތަކުގެ ބިލު ދައްކަން ޖެހުނުކަމަށެވެ.

"ކޮވިޑްގެ ތެރޭގަ ހިދުމަތް މެދުކަނޑާލީ. ސާވިސް ޑިސްކަނެޓް ކުރާކަށް ދިރާގަކަށް ނުއެއް ގުޅަން. ދެން އަޅުގަނޑު ބިލު ދައްކަން ސްޓޭޓަސް ބަލާލީ. ބަލާލިއިރު އޮތީ 4500 ރުފިޔާ ވަރު ބިލަށް އަރާފަ. ދިރާގުން ބުނީ އެމީހުން ސާވިސް ޑިސްކަނެޓް ނުކުރާނޭ. ޓެމްޕަރަރީ (ވަގުތީ) ޑިސްކަނެޓެކޯ ކޮށްލަނީ. ދެން އަޅުގަނޑު އެހިން ޓެމްޕަރަރީ ޑިސްކަނެއްޓެއްގަ ޓެމްޕަރަރީ ސާވިސްއެސް ލިބޭނެތޯ؟ އެހީމަ ބުނީ ނުލިބޭނޭ. ދެން ބުނެވޭނީ ވައްކަމޭ މިކުރަނީ. އެމީހުން މިކަން ހުއްޓާލަދެއްވިއްޔާ ވަރަށްރަނޅު،" - ހުސެން ޝަފީއު -

ޝަފީއު ބުނީ އޭނާއަށް ޖެހުނީ ހިދުމަތް މެދުކަނޑާލާފައި އޮތް ދުވަސްތަކުގެ ބިލު ވެސް ދައްކަން ކަމަށެވެ.

ދިރާގަކީ ދައުލަތުން 41.8 ޕަސަންޓު އަދި ބެޓްލްކޯ ކިޔާ ކުންފުންޏަކުން 52 ޕަސަންޓު އަދި ޕަބްލިކުން 6.2 ޕަސަންޓު ހިއްސާވާ ކުންފުންޏެކެވެ.

އިންޓަނެޓުގެ އަގު ހެޔޮކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެއް ނަމަވެސް، އެ ވައުދު ފުއްދުމުގައި ވެސް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްދޭ ކުންފުނިތަކުން އެއްބާރުލުން ނުދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ދިވެހިން

    އެބަޖެހޭ އަހަރުން ހޭލަން. މި ކަންކަން ބަދަލު ކުރެވޭނީ ރައްޔިތުން ސަރުކާރަށާ ވިޔަފާރި ތަކަށް ޕްރެށާ ކޮއްގެން. މީ ހަމަ ވައްކަން.

  2. ދައްކާނެ ވާހަކައެއް ނެތީދޯ؟؟