ޚާރިޖީ ގުޅުމުގެ އެންމެ މުހިންމު ބޭނުމަކީ ޤައުމީ ސިޔާދަތު ރައްކާތެރިކުރުން – ރައީސް

ރާއްޖެއިން ހުރިހާ ޤައުމަކާއެކުވެސް ޚާރިޖީ ގުޅުން ވަރުގަދަކޮށް ހަރުދަނާކުރުމުގެ އެންމެ މުހިންމުކަމަކީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެވެއެވެ.

މިއަދު ފާހަގަކުރަމުން މިދާ ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަދުގެ ފިކުރިއްޔާތާއި، މިޒަމާނުގެ ސިޔާސީ، އިޤްތިޞާދީ ވިސްނުމަކީ، މިނިވަން މުސްތަޤިއްލު ޤައުމުތަކެއްގެ، ގުޅިލާމެހިފައިވާ ބަދަހި އެއް މުޖްތަމަޢެއްކަމަށެވެ. އަދި ދިވެހިރާއްޖެއަކީވެސް އެ މުޖްތަމަޢުގައި ހިމެނޭ  ޢާއިލާއެއް ނުވަތަ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެއް ގޭބިސީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ފުރަތަމަ ކަމަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުން. ދެވަނަ ކަމަކީ، އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކުރުން. މިސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށްވެސް ތަންފީޒުކުރަމުން މިއަންނަނީ މި ސިޔާސަތު. " ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ ޙާލަތުގެމައްޗަށް ބައްލަވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖެ ވަށައިލިއިރު، އަޅުގަނޑުމެންގެ ޚާރިޖީ ގުޅުންތައް އިޢާދަކުރެވި ބަދަހިވެފައިވާކަމީ، މާތް ﷲގެ މަދަދާއެކު، ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ހެޔޮ ނަސީބެކަމަށެވެ. ކޯވިޑް-19އާ ދެކޮޅަށް މިކުރާ މަސައްކަތުގައި، ފަންނީ ގޮތުންނާއި މާލީ ގޮތުން ވެސް، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ވަރަށް ދީލަތި އެހީތަކެއް އަންނަނީ ލިބެމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމީ އެއްބައިވަންތަކަމާއި ޤައުމިއްޔަތުގެ މުހިންމުކަމުގެމައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެއް ބަހަކުން ވާހަކަ ދައްކާ، އެއް ސަގާފަތެއް ޙިއްޞާކުރާ ބަޔަކަށް ދިވެހިންވުމަކީ ދިވެހިންގެ ޤައުމީ ފަޚުރާއި ޝަރަފު

އިތުރުވެގެންދާ ކަމެއްކަމަށާއި، އެއީ އަޅުގަނޑުމެންނާ ޙަވާލުވެފައިވާ ޤައުމީ އަމާނާތެއްކަން ޤަބޫލުކޮށް، ޤައުމިއްޔަތުގެ އެތަނބުތައް، ނަގަހައްޓައި ދެމެހެއްޓުމަކީ، މި ލޮބުވެތި ވަޠަނަށް މަންމަގެ ނަމުން މުޚާޠަބުކުރާ ކޮންމެ ދިވެއްސެއްގެވެސް ވާޖިބެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

  1. އަލިފް ހާ މުހައްމަދު

    ޚާރިޖީ ގުޅުމޭ ކިޔާފަ އޮންނަ ކަމަކީ ބޭރު ގައުމުތަކުން ސަލާން ޖެހުން. އެ ލާރިކޮޅުވެސް ނިކަމެތި ރައްޔިތުންނަށް ނުދީ ކާލެވޭތޯ ބަލަނީ. މަގޭ ހިތައް އަރާ މިނޫން ދުވަހެއް އަހަރެވެމެން ދިވެހިންނަށް ނެތީބާއޭ.