ޤައުމީ ދުވަސް : ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންވީތާ 461 އަހަރު

މިއަދަކީ ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހެވެ.

ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލު މަހުގެ ފުރަތަމަ ދުވަސް އަޅުގަނޑުމެންގެ ފަޚުރުވެރި  ޤައުމީ ދުވަހުގެގޮތުގައި މިދަނީ ފާހަގަކުރަމުންނެވެ. މިއީ ޕޯޗުގީޒް އިސްތިޢުމާރުގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވެ، ދިވެހިރާއްޖޭގެ މިނިވަންކަން ލިބުނު މުހިންމު މުނާސަބަތެވެ.

ޤައުމީ ދުވަސް ނިސްބަތްވެ ވަޑައިގަންނަވާ ބަޠަލަކީ އުތީމު ބޮޑުތަކުރުފާނެވެ. ނުވަތަ އައްސުލްޠާނުލް އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، ސިރީސަވާދީއްތަ މަހާރަދުންނެވެ.  ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ.

ޤާނޫނު އަސާސީގައި، ޤައުމީ ދުވަސް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމުގެ ވެރިކަމާ ޖހަމައަށް ޤައުމީ ދުވަހަކީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތް ދުވަހެއް ނޫނެވެ. އެހެންނަމަވެސް 11 ނޮވެމްބަރ 1978 ގައި މައުމޫނުގެ ވެރިކަން ފެށުމާއެކު  ސަރުކާރުގެ ސިޔާސަތަކަށް ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ. އޭގެތެރެއިން އެނެމް މުހިންމު އެއްކަމަކީ ޤާނޫނުތަކަށް ގެންނެވި ބަދަލުތަކެވެ. ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް އެތައް ބިލެއް ފޮނުއްވައިގެން ފާސްކުރެއްވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ދެ ދުވަހުގެ ތެރެއިން އެއްދުވަހަށް ޤައުމީ ދުވަސް ވެގެން ދިޔައެވެ. އެދެ ދުވަހަކީ ޤައުމީ ދުވަހާއި މިނިވަން ދުވަހެވެ.

އޭރު އެކަމާ ގުޅޭ ޤާނޫނުގައި ބުނަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަސްކަމުގައެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަސްކަމުގައެވެ.

ހިޖުރައިން 1400ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ކަންތައްތައް ބަލަހައްޓަވަމުން ގެންދެވީ ދިވެހިބަހާއި ޘަޤާފަތަށް ޚިދުމަތްކުރާ މަޖްލީހުގެ ނަމުގައި އޭރު އޮތް މަޖިލީހަކުންނެވެ. އޭގެފަހުން 1998 ޖެނުއަރީ 1ވަނަ ދުވަހު އަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ (ނޫ ޤާނޫނު އަސާސީ)ގެ 9 ވަނަ މާއްދާގައި "ދިވެހިރާއްޖޭގެ ޤައުމީ ދުވަސް" ކަނޑައެޅިގެން ބަޔާންކޮށްފައި އޮތެވެ. އެދުވަހަކީ ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަހެވެ. އޭގެފަހުން 2008ވަނަ އަހަރު އޮގަސްޓް 7 ގައި އަމަލުކުރަން ފެށި އާގާނޫނު އަސާސީ (ފެހި ޤާނޫނު އަސާސީ)ގައިވެސް ހަމައެކަނި ބަޔާންވެގެންވާ ދުވަހަކީ ޤައުމީދުވަހެވެ.

ބައެއް ތާރީޚުތައް

ރާއްޖޭގައި ޤައުމީ ދުވަހުގެ ގޮތުގައި ފުރަތަމަ ދުވަހެއް ފާހަގަކުރީ ހިޖުރައިން 1365ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ މީލާދީން 4 ފެބްރުއަރީ 1946 އެވެ.

މިދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1ވަނަ ރޭކަމަށްވާތީއެވެ.

ހިޖުރީ ގޮތުން 1368 ވަނައަހަރުން ފެށިގެން 1398 ވަނަ އަހަރާއި ހަމައަށް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަމުން އައީ "ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްވި ދުވަސް" ގެ ގޮތުގައެވެ.

މިކަން މިގޮތުގެމަތިން ހަމަޖައްސަވައި އޭރުގެ ވަޒީރުލްއަޢުޒަމް އިބްރާހީމް ނާޞިރުގެ އޮފީހުން 21 ޖޫން 1966 ގައި ނެރުއްވި އިޢުލާނަކުންނެވެ. އެއާއެކު ޤައުމީ ދުވަހުގެ ގޮތުގައި މީލާދީން 1966 ވަނަ އަހަރުން ފެށިގެން ފާހަގަކުރެވޭނީ ޖުލައި 26 ވަނަ ދުވަހު ކަމުގައިވެސް ހަމަޖެއްސެވިއެވެ.

އޭގެފަހުން 1978 ވަނަ އަހަރު ސަރުކާރުން އިޢުލާން ކުރެއްވީ މާޗް މަހުގެ 29 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ "މިނިވަން ޤައުމީ ދުވަސް" ކަމުގައެވެ. ސަބަބަކީ މާޗް 29 އަކީ އައްޑުއަތޮޅު ގަމުން އިނގިރޭސިން ފޭބި ދުވަސް ކަމުގައިވާތީއެވެ. ވީމާ، އެދުވަހަކީ ސިޔާސީގޮތުން ފުރިހަމަ މިނިވަން ލިބުނު ދުވަސްކަމުގައި އޭރުގެ ސަރުކާރަށް ފެނިވަޑައިގެންނެވިއެވެ. ނަމަވެސް މިދެންނެވި މިނިވަން ޤައުމީ ދުވަސް ފާހަގަ ކުރެވުނީ ހަމައެކަނި 1978 ވަނަ އަހަރުއެވެ.

އެ އަހަރު ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަން ނިމި، 11 ނޮވެމްބަރ 1978 ގައި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ޙަވާލުވެ ވަޑައިގެންނެވުމަށްފަހު މިހާރު އޮތްގޮތަށް މިދުވަސްތައް ބަދަލުރެއްވިއެވެވެ.

ކޮންމެއަކަސް ޤައުމީ ދުވަސް ކޮންމެގޮތަށް ތާރީޚުގެތެރޭގައި ބަދަލުވެގެން ދިޔަޔަސް މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންވީތާ 461 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު