އެޗްޕީއޭގެ މެސެޖު ގޯސް!، މަރިޔަބަށް ވާން ހެޔޮނުވާނެ!

ދުނިޔޭގެ އަތުގެ ސާފުތާހިރުކަމުގެ ދުވަސް ފާހަގަކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ނެރުނު "ބީ ލައިކް މަރިޔަމުބު" ވީޑިއޯއަށް ދެވެން އޮތީ ހަމަ ސަތޭކައިން ސުމެކެވެ.

ވީޑިއޯގައި ބޭނުންކޮށްފައިވާ ބެކްމިއުޒިކަކީވެސް އެއްވެސް އަމިއްލަވަންތަކަން ނެތް މިއުޒިކެއްކަން ފާހަގަކޮށްލެވެއެވެ. އާންމުކޮށް ކޮމެޑީ ފިލްމުތަކުގައި ބޭނުންކާ ޕިޗްހައި މިއުޒިކު ކަންފަތުގައި ޖެހުމާއެކުވެސް އެންމެ ފުރަތަމަ ޖެހުނީ ފޯނުގެ އަޑު ކުޑަކޮށް މަޑުކޮށްލާށެވެ.

މުޅި ވީޑިއޯގައި 1 މިނެޓާއި 44 ސިކުންތު ހުރިއިރު، ވީޑިއޯގެ ފުރަތަމަ 15 ސިކުންތު ބަލާނުލެވުނީސް ޖެހުނީ ބަލަންތިބި ކުޑަކުދިންވެސް ދުރަށްލާށެވެ.

ފުރަތަމަ މަންޒަރުގައި ފެންނަނީ މަރިޔަބުގެ ފިރިމީހާ ބާޒާރުކޮށްގެން ގެއަށް ވަންނަތަނެވެ. އަދި މޭވާތައްޓަކާއި ދިމާލަށް އަތް ގޮސްގޮސް އޮއްވައި މަރިޔަބު އޭނާގެ އަތުގައި "ލަޑަނީ" އެވެ.

ނުދޮވެ އޮތް އަތެއްގައި "ލަޑާފައި" މަރިޔަބު އަންގަނީ އެހެން މީހުންނަށް އަތް ދޮންނަން ދާށެވެ. މަރިޔަނބަކީ އަތަށް ކޮރޯނާ ވައިރަސް ނާރާ މީހަކީ ތޯއެވެ؟

ދެންވެސް ފެންނަނީ މަރިޔަނބު އިރުއިރުކޮޅާ ގޮސް މީހެއްގެ އަތުގައި އަތްދޮންނާށޭ ކިޔައި ގޮސް "ލަޑާ" ތަނެވެ. އެއީ ކުރުކޮށް ބުނާނަމަ ގެވެށިއަނިޔާއެވެ.

އަތްދޮވުމާ ރީތި އަދަބުތައް ކިޔައި ދިނުމުގެ ނަމުގައި އެޗްޕީއޭއަށް މިފަހަރު މި އާންމުކުރެވުނީ ގެވެށިއަނިޔާކުރާ ވީޑިއޯއެކެވެ.

ރައްޔިތުނަށްވެސް ރީތި އަދަބުތައް އެޗްޕީއޭއިން ދަސްކޮށްދެން ބޭނުންވަނީ "ލަޑައިގެން" ކަމަށްވެސް ވެދާނެއެވެ.

މަރިޔަނބު ނުދަންނަ މީހުންގެ އަތުގައި ވެސް ގޮސް "ލަޑާ" މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

އެންމެފަހުން ފެންނަ މަންޒަރުގައި ފެންނަނީ މަރިޔަނބުގެ ދަރިއެއް ފާހާނައިން ނުކުމެ މަރިޔަބުގެ މޫނަށް ބަލާލުމަށްފަހު އަލުން އަނބުރާ އަތް ދޮންނަން ވަންނަ މަންޒަރެވެ. އެނާއަށް ވެސް ވަނީ ނަފްސާނީ އަނިޔާލިބިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

  1. ހާބުރި

    ހަހަހަ. އެޗް.ޕީ.އޭއަށް ވާނީ މިވަރު ހަމަ. ހެޔޮ އަގުގަ ކަންތައްތައް ކުރަން އުޅުނީމަ ނުކުންނަ ނަތީޖާ މިއީ.