ޠާހާ، ގަމިނީގެ ބޮޑު ތަސްވީރު ދައްކާލައިފި!

މޫމިން ފުވާދުގެ ގަމިނީގެ ދިލަ ހޫނުގަނޑު މިރޭ ފަތުރާލީ ވަރަށް ހޫނުކޮށެވެ. ދެތިން ހާސް ޑިގުރީ ސެލްސިއަސްގައެވެ. ސީރީޒްގެ މެއިން ކާސްޓު އަހުމަދު އާސިމްގެ ދުވަސް ދުއްވާލާ ލައިފިއެވެ. މުޅި ސީރީޒްގެ މޫނުގެ ގޮތުގައި މިހާތަނަށް ދައްކުވައިދިން އާސިމް އަނދާއަޅިއަށް ހަދާލުމަށްފަހު މޫމިން ކުރިއަށް ނެރުނީ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އެވެ.

ސިރާޖު ގެ ދުޗަސް ދުއްވާލުމަށްފަހު މޫމިންގެ މުޅި ސީރީޒް ގެންގޮސް ވައްޓާލީ "މަޝްހޫރު ސަބުޖުކަޅުތުއްތީދީގެ އެންމެ ހަގު ދަރިކަލުން ތާހާގެ" ހުދުމުހުތާރު ބާރުތަކުގެ މައްޗަށެވެ. ސީރީޒްގައި ތާހާގެ ގޮތުގައި ފެންނަނީ ކޮޕީ މުހަންމަދު ރަޝީދުގެ ހަތް ވަނަ ދަރިކަލުން ކޮޕީ އިސްމާއިލް ރަޝީދެވެ. އަހަރުމެން އެންމެންގެ މަގުބޫލު ކޮޕީ އިއްސެއެވެ.

އިއްސެގެ އެކްޓިން ކުރުކޮށް ފޮނިކޮށް ބުނެލާނަމަ، ހުދުގަމީހެއްގައި އިނދެ ގަޔަށް ތިއްކެއްވެސް ވައްޓާނުލާ އަންނާރެއް ކާލެވޭނީ ހަމަ ދިވެހި ރަސްކަމުގެ ލޭ އިއްސެގެ ހަށިގަނޑުގައި ހިނގާތީ އެވެ. ނުވަތަ އިއްސެ އަކީ ދިވެހި ފިލްމު އިންޑަސްޓްރީގެ ރަސްގެފާނެވެ. ބެލުންތެރިއެއްގެ ގޮތުން ބުނާނަމަ ގަމިނީގައި އިއްސެ އެއްދަކުވައިދޭ ނުބައިނުލަފާ ރޯލުން އިއްސެގައިގައި "ލަޑާފާނަމޭ" ވެސް ހިތައް އަރައެވެ.

މިރޭގެ އެޕިސޯޑުން ހަމަ ހަގީގަތުގައި ވެސް ސުޕަސްޓާ އާސިމް "އަނދާއަޅިއަށް ހަދާލައިފި" އެވެ.

ރާއްޖޭގައި ވެސް ހިންގާ ބޮޑެތި ޖަރީމާތައް ހިންގާނެ ގޮތުގެ މަންޒަރު ގެނެސް އޮއްސާލީ ލޯކުރިމައްޗަށެވެ.

ސީރީޒް ފެށުނީ މިޒަމާނުން ނަމަވެސް މިރޭ މުޅި ސީރީޒް 1980 ގެ އަހަރުތަކަށް ބަދަލުކޮށްލަނީ ރާއްޖޭގެ ދެ ސުޕަ ސުޕަސްޓާރުންނެވެ. ޔޫސުފް ރަފީއު (ޔޫސޭއާ) އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އެވެ.

ދަލޭކައިދީގެ ރޯލުން ފެންނަ ސޫޒަން އިބްރާހިމް ފުޅަކީވެސް އަލަށް ނުކުތް އެކްޓަރެއް ނަމަވެސް ފައި ބީއްސާލީ ސުޕަސްޓާރުންތަކަކާ އެއްފެންވަރެއްގައެވެ.

"ޠާހާ" ގެ ނަމުން ނަންދެވިފައިވާ އަތޮޅުވެރިއެއްގެ ރޯލު ކޮޕީ އިއްސެ އަދާކުރާއިރު ޔޫސޭ އަދާކޮށްފައިވަނީ އަތޮޅުވެރިއާގެ އެހީތެރިއާގެ ރޯލެވެ.

ފެންނަ ފެނުމަށް އާސިމްގެ ދުވަސް މިހާހިސާބުން ދިޔައީއެވެ. ނަމަވެސް މުޅި ސީރީޒްގެ ފެށުމުގައި އާސިމްގެ ކާސްޓުކުރި "ސިރާޖުގެ" ކެރެކްޓަރު އަދިވެސް ފެންނާނެއެވެ. ދެން ސިރާޖުގެ ރޯލު އަދާކުރާނީ ކާކުކަމެއް ބުނާކަށް އަދި ނޭގެއެވެ.

"އާޓް ޓައިރެކްޝަނަކީ ޝޮޓެއްގެ ވަންތަކަން ނުވަތަ ސިފަ ވަރަށް ބޮޑަށް ދައްކުވައިދޭ އެއްޗެއް. ގަމިނީގެ ކޮންމެ ފްރޭމެއްގެ ކޮންމެ ލައިޓްކޮޅެއްގަ މާނައެއް އެބައިނދޭ. އެ ހުރިހާކަމެއް ފުރިހަމަވެގެން އެކި ޒަމާންތައް މި ފެންނަނީ. ގަމިނީގެ އެކްޓަރުންްގެ އެކްޓިން ވެސް ނެޗްރަލްކަމުން އިންނަނީ އޭގެ ތެރެއަށް ވަދެފަ. ހަމަ ސިފަވަނީ އެ ޒަމާން، ވަކިން ހާއްސަކޮށް އަޅުގަނޑު ފާހަގަކުރަން އާސިމް. އޭނަ އެކުރީ ހަމަ ދިހަ ފިލްމުގެ އެކްޓިން އެއްފަހަރާ. ދިހަ ފިލްމާ ވެސް ނުބައްދަލު" - ކޮޕީ އިއްސެ-

މޫމިންގެ ސީރީޒްގައި އާސިމްގެ ދުވަސް ދުއްވާލި ނަމަވެސް، އެމްވީޓައިމްއަށް ދިން އިންޓަވިއުގައި އާސިމަށް އިއްސެ ތައުރީފު ކުރަން ފެށިގޮތައް ހުއްޓައެއް ނުލިއެވެ. އިންޓަވިއުކޮށް ނިމުނުފަހުން ވެސް އިރުކޮޅުކޮޅާ އާސިމަށް ތައުރީފު ކުރަނީއެވެ. ތިން ހަތަރުފަހަރު އިއްސެ މިކަން މިގޮތައް ކުރިއެވެ.

ކޮޕީ އިއްސްއަކީ ލެޖެންޑެކެވެ. ސާކް ފިލްމު ފެސްޓިވަލުގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ކާމިޔާބުކުރި ކުޅަދާނަ އެކްޓަރެކެވެ. އޭގެފަހުން ގައުމީ ފިލްމުބއެވޯޑާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ފިލްމީދާއިރާގެ އެވޯޑުވެއް އިއްސެއަށް ވަނީ ލިބިފައެވެ.

 

ނަމަވެސް އިއްސެ ބުނަނީ "ނަންނަމުގައި އެވޯޑު" ހޯދައިގެން "މަށަށް ވާކަމެއް ހަރާން" ކަމަށެވެ. ވާކަމެއް ވެސް ނޯންނަކަމަށެވެ.

އާސިމް އެ ހޯދި އެވޯޑަކީ "ބެލުންތެރިންގެ ލޯތްބާއި ސަޕޯޓު" ކަމަށެވެ. "ހަގީގީ އެވޯޑަކީ" އެއީކަމަށް ވެސް އިއްސެ ބުންޏެވެ.

"އެވޯޑުތަކުގެ އަގެއްނެތޭ މި ބުނަނީ ސަބަބެއް ނެތިއެއް ނޫން. ގައުމީ އެވޯޑުކަހަލަ އިންޓަނޭޝަނަލް އެވޯޑުކަހަލަ އެއްޗެހި އެހެންގައުމެއްގަ ފިލްމުސްޓާރަކަށް ލިބިއްޖެނަމަ ވާގޮތް ބަލާލާއިރު އަހަރުމެންް އަބަދުވެސް މިސާލަކަށް މި ނަގަނީ އިންޑިއާ. އިންޑިއާކަހަލަ ތަންތަނުގަ މި މަންޒަރު ފެންނައިރު ދެ ލޯ އަނދިރީތޯ؟ މޯޑީއާއެކު ސަލްމާންހާން އަމީތާބް އާމިރު ހާން ފަދަތަރިން ފެންނަނީ ކީއްވެގެންތޯ؟ އެމީހުން ބަލަނީ އެއީ ރައުސްމާލުންކަމަށް. މިހެންކަން އޮތީމަ ރާއްޖޭގަ ލިބޭނެ އެންމެ ބޮޑު އެވޯޑަކީ ރައްޔިތުން އަހަރުމެންގެ މަސައްކަތް ބަލާ ކުރާ ސަޕޯޓު. އެނޫން އެއްޗެއް ނެތް،" -ކޮޕީ އިއްސެ-

ހޭލާ، ލޫދިފާ، ސަޒާ އަދި އިނގިލި ފަދަ ފިލްމުތަކުން ފެނިގެންދިޔަ އިއްސެ ބުނީ ގަމިނީގެ ސިފަ އެހާ ޗާލުވަނީ "ހުރިހާ ޑިޕާޓުމަންޓަކުން ވެސް ޝޮޓަށް ދޭންޖެހޭ އަހައްމިއްތުކަން ދީފަ އިންނަވަރުން" ކަމަށެވެ. އިއްސެބުނީ ގަމިނީގައި ކޮންމެ މަންޒަރާއެކު "މީހާ އޭގެތެރެއަށް ދުއްވާލާނީ ގަމިނި ޓީމުގެ ހުރިހާ ޑިޕާޓުމަންޓެއްވެސް އެންމެ ފުރިހަމައަށް މަސައްކަތްކޮށްފަ އޮތީމަ" ކަމަށެވެ.

"ގަމިނިއަކީ މިހާތަނަށް ދިވެހިރާއްޖޭގަ އުފެއްދި އެންމެ މޮޅު  ސީރީޒް. އެއީ ހުރިހާ އެއްޗެއް ހިމަނައިގެން. އޭގެ ކުރިން އެ ލިސްޓުގަ އޮތީ ލޫދިފާ. ރަނގަޅުކަމެއް ކުރަންއުޅޭ ބަޔަކަށް މާތްރަސްކަލާންގެ ރަނގަޅުގޮތް ދައްކަވާނެ. މޫމިނަކީ ދިވެހި ފިލްމީ ދާއިރާއަށް ލިބިއޮތް ނިއުމަތެއް. އެވަރުގެ ސިކުނޑިއެއް. އެވަރުގެ ލިޔުންތެރިއެއް ހަމަގައިވެސް ނެތް. އޭނަ އެ ނެރޭއެތިއެއީ މާތްކަލާންގެ މޫމިނަށް ދެއްވާފަ އިން އެއްޗެއްއެއީ. އޭނަ އެބަނެރޭ އޭތި. ސަޅި އައިޑިއާއެއް އޮންނާނެ. ޒަމާންގަބޫލުކުރާ ދުނިޔެ ގަބޫލުކުރާކަހަލަ ސިކުނޑިއެއް ނެތީހަމަ. އަޅުގަނޑުގެ ނަސީބު މޫމިނާ ދިމާވިކަން، މޮޅު އެކްޓަރެއް އަބަދުވެސް ބޭނުންވާނެ މޮޅު ޑައިރެކްޓަރެއް،"

އިއްސެ ބުނަނީ އޭނާއަށް ކުރަން އެންމެ އުންދަގޫކަމަކީ ކަމެއް ވަކި ގައިޑްލައިންތަކަށް ފައްތައިގެން ކުރުން ކަމަށެވެ. އެގޮތުން ޓީވީއެމް ފަދަ ތަންތަނަށް އެއްޗެއް ހަދާނަމަ "ގައިޑްލައިނަކަށް" ފެތެންޖެހޭތީ އެތަކެތީގެ ކޮލެޓީ ދަމަހައްޓަން ވަރަށް ދަތިކަމަށެވެ.

"މިހާރު ފިލްމީދާއިރާގެ މީހުންނަށް ވެސް އާޓީސްޓުންނަށް ވެސް އެބައޮތް މަގު ކުރިއަށްދާން "ބައިސްކޯފު" އެއީ އެ މަގަކީ. އަހަރުމެންގެ ފިލްމުތައް ދުނިޔޭގެ ކަންކޮޅުތަކަށް ދެއްކުމާ ފޮނުވުމަށް އޮތް މަގަކީ ބައިސްކޯފު. ފެންވަރު ރަނގަޅު އެއްޗެހި ހަދައިގެން ބައިސްކޯފާއެކު ކުރިއަށް ދާން މަސައްކަތްކުރަންވީ. ކޮލެޓީ ޕްރޮޑަކްޓުތައް ގެންދަންވީ. ބައިސްކޯފުން ކުރާކަމަކީ ކޮލެޓީ ޕްރޮޑަކްޓުތައް ދުނިޔެއަށް ދެއްކުން، ސަތޭކަ ޕަސަންޓު ދިވެހި ފަންނާނުން ކުރިއަރުވަން ހަދާފަ އޮތް ޕްލެޓްފޯމެއް. ވަރަށް އުފާވޭ ބައިސްކޯފު އޮތީމަ. ވަރަށް ވަރަށް އުފާވޭ. އެހެން ނޫންނަމަ ކޮންތާކަށް ދާނީ؟ ފިލްމާ ޑްރާމާގަ މަސައްކަތްކުރާ އާޓިސްޓުންނަށް އޮތީ ވަރަށް ހަނި ދޮރެއް. ބައިސްކޯފުން އެ ދޮރު ފުޅާކޮށް ހުޅުވާލައިފި" ކޮޕީ އިއްސެ ބުންޏެވެ.

އިއްސެ ބުނީ ބައިސްކޯފު ފަދަ އަމިއްލަ ބަޔަކު ފިލްމީ ދާއިރާ ކުރި އަރުވަން މަސައްކަތް ކުރި ނަމަވެސް، ފިލްމު އެސޯސިއޭޝަން ނިދާފަ އޮންނަތާ ހަތަރު ވަރަކަށް އަހަރު ވެއްޖެކަމަށެވެ.

"މިހާރު އެބަޖެހޭ ބަޔަކު މިކަމާ އިސްނަގައިގެން މިކަންކުރަން. މަވެސް ހިމަނައިގެން މި ބުނަނީ. ފިލްމީ ދާއިރާގެ ކުރިމަގާމެދު ވިސްނައިގެން އޭތި ވަރުގަދަކުރަން. ވަރަށް ބާރުގަދަބައެއް އެސޯސިއޭޝަނަކީ. ހުއްޓިފަ އޮންނަންޏާ ކަމަކު ނުދާނު. ހުއްޓިފަ އޮތީހަމަ. މި ކޮވިޑް ތެރޭގަ ފިލްމީދާއިރާގަ ދަތިވެގެން ގޮސް ކޮއްތުހަމަނުޖެހޭ ވަރަށް ދިޔަ މީހުން ވެސް އެބައުޅޭ. ލާރި އެބައޮތް މިތާންގަ. އާޓިސްޓުންނާ ހަމައަށް ގެނެސްދެން ތިބި އެސޯސިއޭޝަން މިއޮތީ އުވިފަ. ނިދާފަ،"

އިއްސެ ބުނާގޮތުން މިހާރު ފިލްމު އެސޯސިއޭޝަނެއް ނެތްކަމަށެވެ. އެތަން އެކްޓިވް ވެސް ނޫންކަމަށެވެ. އިއްސެ ބުނީ އެއްވެސް ސަރުކާރަކުން ވެސް ފިލްމީ ދާއިރާއަށް އަހައްމިއްޔަތުކަން ދޭތަނެއް ނުފެންނަކަމަށެވެ.

"މިހާރު އޮތް ސަރުކާރެއް ނޫން އެއްވެސް ސަރުކާރަކުން ފިލްމު ހަދާމީހުންނަށް އެއްވެސް އަހަންމިއްޔަތުކަމެއް ނުދޭ. މަސައްކަތްކުރެވޭނެ ވަރުގަދަ މީހުން ނެގޭނެ ޓީމެއް މިހާރު އެބައޮތް. އެހެންވެ މި ބުނަނީ ޕްލޭނެއް ނެތީއޭ ރާއްޖޭގަ ފިލްމީ މަސައްކަތްކުރާ މީހުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ،"

ރާއްޖޭގަ އާޓިސްޓަކަށް އިއްސެފަދަ ބައިނަލްއަގުވާމީ ފެންވަރުގެ އެވާޑުތައް ލިބިފައިވާ ފަންނާނެކޭ އެއްފެންވަރަށް ކުރިއަށް ދާން އޮތީ ކިހާވަރެއްގެ ފުރުސަތެއް؟

އަސްލުވަރަށް ހަނި ޖާގައެއް. ކިތަންމެ ހަންޏަސް މި މަސައްކަތް މިކުރަނީ އެ ޖާގައިގެ ތެރޭން ދެމިގަނެގެން ދިއުމަށް. ޕްލެޓްފޯމްތައް ގާއިމް ވަމުން މިހާރު އަންނަނީ. ކުރިން އުންމީދެއް ނޯވޭ. ކޮމެތަނެއްގަވެސް އެތަނެއްގަ ތިބޭ ޖަމިޔާތަކުންނާ ދައުލަތުގެ މުއައްސަސާތަކުން އެއްބާރުލުން ނުލިބެންޏާ ދެން ޖެހޭނީ އަމިއްލައަށް ކުރިއަށްދާން. އެކަމަކު މިހާރު އިރާދަކުރެއްވިޔާ މާލަސްތަކެއް ނުވެ މިހާރު މިލިބޭ ރިކޮގްނިޝަންތަކަށްވުރެ މާ ބޮޑެތި ރިކޮގްނިޝަންތައް ލިބުން ގާތް. އެ ޕްލެޓްފޯމް މިހާރު ބިނާވެފަ އިނީ. މިއޮތް ކުޑަކުޑަ ޕޮޕިއުލޭޝަންގެ ތެރޭގަ ވެސް ފަންނާނުން އެބަތިބި ވަސީލަތްތައް އެބައޮތް. އާޓިޓުންނަކީ ހާއްސަ ގިފްޓެއް މާތް ރަސްކަލާންގެ ދެއްވާފައިވާބައެއް. މި ޒަމާނަށް ފެތޭކަހަލަ އިންޓަނޭޝަނަލް ފެންވަރުގެ އެއްޗެހި ހަދާލެވޭނެ ގޮތާއި ހުރިހާ ވަސީލަތެއް ރާއްގައި މިހާރު އެބަތިބި،" -ކޮޕީ އިއްސެ-

އިއްސެ ދެކޭގޮތުން މުޅި ދުނިޔެއަށް ދިވެހިން "ފެންނަން" އެބެޖެހެއެވެ. ރާއްޖެ ޓެކްނޮލޮޖީގެ ގޮތުންވެސް ކުރީގައި އޮތްއިރު ދިވެހިންނަށް "އިންޓަނޭޝަނަލް" ފެންވަރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އޮތް ގޮންޖެހުމަކީ "ކުރިއަރާނެކަން އެނގޭމީހުނަށް އެއްވެސް އެހީތެރިކަމެއް ނުދީ އެއްވެސް ނަތީޖާއެއް ނުފެންނާނެކަން އެނގޭމީހުންނަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދޭތީ" ކަމަށެވެ.

އިއްސެ ބުނީ އޭނާއަށް ދިވެހި ފިލްމީ ދާއިރާގައި ކުރިއަށް ދިއުމުގެ އެންމެ ބޮޑު ހިއްވަރަކީ އޭނާގެ ބައްޕަ ކޮޕީ މުހައްމަދު ރަޝީދު ކަމަށެވެ.

އިއްސެ ބުނީ އޭނާގެ ބައްޕައަކީ "މަލްޓި ޓެލެންޓެޑް" މީހެއް ކަމަށެވެ. އިއްސެއަކީ އޭނާގެ ބައްޕައާ އަޅާކިޔާއިރު "ކުޑަމިންވަރެއް" ކަމަށެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

  1. ސިރާޖު

    އިއްސެއަކީ ބެސްޓު