ފިލްމީ ދާއިރާގެ ފަޖުރު ތަރި: ނަތާ

ފިލްމު އިންޑަސްޓްރީއަށް ނުކުމެ ނަތާޝާ ޖަލީލް (ނަތާ) ފަސްބައި ފޮޅާލިއިރު ކޮވިޑު 19 ގެ ނުރައްކާ މުޅި ދުނިޔެއަށް ވެރިވެެއްޖެއެެވެ. ނަމަވެސް، "ދިވާސްގެ" މޮޑެލެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތްކުރި ނަތާގެ ހިތްވަރަށް ބަދަލެއް ނާދެއެވެ.

ކޮވިޑުގެ ބިޔަ ރާޅުތަކުގައި ފަތަމުން ދިޔައިރު އޭނާގެ ހިތްވަރަކީ އުންމީދެވެ. ފިލްމީދާއިރާއިން ބޮޑު ކާމިޔާބީއެއް ހޯދާނެކަމުގެ އުންމީދެވެ. އޭނާގެ ބުރަ ހިތްވަރާއެކު މިއަދު އޭނާ އެ މަންޒިލަށް ވާސިލުވެއްޖެއެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި 8 ޕްރޮޑަކްޝަނެއްގައި މަސައްކަތް ކޮށްފައިވެއެވެ.

ތިން ބިބީ، އެހެނަސް، ގަމިނި، ސްޓޯރީ އޮފް މޯލްޑިވްސް، ނީނާ ފަދަ ޕްރޮޑަކްޝަންތަކުން ފެނި މިހާރު ނަތާއަކީ ދިވެހި ފިލްމު އިންޑަސްޓްރީގެ ފަޖުރު ތަރިއޭ ބުނާކަށް ފަހެއް ނުޖެހޭނަމެވެ.

ނަމަވެސް، ހިތާމައަކީ ނަތާއަކަށް ވެސް އަދި ފިލްމު އިންޑަސްޓްރީގެ ކަންކަން ރަނގަޅުކުރާނެކަމަށް ބުނެ އެސޯސިއޭޝަނާއި، މިނިސްޓްރީތަކާއި، ސެކްޝަންތައް ހަދައިގެން ތިބި މީހުންވެސް އެއްބަޔަކު އަނެއްބައެއް ނުދަނެއެވެ. އެ ވެރިންނަކީ މިކަމަށް މާބޮޑު ސަޕޯޓެއް ދޭބައެއް ވެސް ނޫންތާއެވެ. ތަރުހީބު ދޭ ބައެއް ނަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ފިވެހި ފިލްމު އިންޑަސްޓްރީ އަށް އަލަށް ފަންނާނެއް ނުކުމެ މިހާ ބޮޑުކާމިޔާބީއެއް ހޯދާއިރު އޭނާގެ އަގު ވަޒަންކުރާނެއެވެ.

 

"ނަތާއަކަށް އަސްލު ނޭގޭ ފިލްމުއެސޯސިއޭޝަނކީވެސް ކޮބާކަމެއް. ކޮންބައެއްކަމެއް. މިނިސްޓްރީތަކުން ބަލަންޖެހެނީ ކޮންބައެއްކަމެއް ކިހިނެއްކަމެއް. އަސްލު ނުދަންނަން އެމީހުންނެއް،" ކޮވިޑް 19 ގެ ތެރޭގައި ފިލްމު އެސޯސިއޭޝަނާއި އާޓްސް މިނިސްޓްރީގެ ފަރާތުން ލިބުނު އެއްބާރުލުމަކީ ކޮބައިތޯ ސުވާލުކުރުމުން ނަތާ ބުންޏެވެ.

ނަތާބުނީ ކޮވިޑް 19 ގެ ދަތި ހާލުގައި ވެސް އޭނާއަށް އެހީތެރިވީ އަމިއްލަ ސްޓޫޑިއޯތަކާއި، ޕްރޮޑަކްޝަންތަކުން ކަމަށެވެ.

"ރަނގަޅުވާހަކައެއް. ކޮވިޑު 19 އިން ދިރިއުޅުން ބަދަލުކޮށްލި އެންމެންގެވެސް. އެހީތެރިކަން ލިބޭ ބުނެވޭނީ. މިސާލަކަށް ނަތާއަށް ޔޫއްޕެގެ ހުވާކޮށްފާ ބުނަން ގެ މަސައްކަތް ކުރަން މި ލިބުނީ މި ދަތިކަމުގެ ތެރޭގަ،" އެމްވީ ޓައިމްސް އާއި ދިން އިންޓަވިއުގައި ނަތާ ބުންޏެވެ.

އޭނާ ބުނީ އޭނާއަށް މިކަމުގައި އެންމެ ބޮޑު ހިތްވަރަކާ ސަޕޯޓެއް ލިބެނީ އޭނާގެ 10 އަހަރުގެ ދަރިފުޅު، އިރަމް ރިޔާޒް (އެމީ) ގެ ފަރާތުންކަމަށެވެ. އެމީ ވަނީ އެހެނަސްގައި ނަތާއާއެކު ނަތާގެ ދަރިއެއްގެ ރޯލު ވެސް ކުޅެފައެވެ.

ނަތާގެ އަމިއްލަ ޕާސަނާލިޓީ މީހަކަށް ބުނެދޭނަމަ ބުނާނީ ކީކޭ؟

"އަސްލު ވަރަށް ފްރެންޑްލީ މީހެއް. އެކަމަކު ނަތާއަށް މީހަކު ރެސްޕެކްޓު ނުކުރާ ހިސާބުން އެމީހަކަށް ނަތާގެ ރެސްޕެކްޓު ވެސް ގެއްލޭނެ،"

ދިވެހިރާއްޖޭގައި އާޓިސްޓަކަށް ސަވައިވް ވުމުގެ ފުރުސަތު ކިހާ ވަރަކަށް އެބައޮތް؟

"އެބައިނޭ ނަތާބުނާނީ އެމީހަކަށް އެމީހެއްގެ އަގާ އަހުލާގު ހިފޭއްޓިގެން ކުރިއަށް ދެވޭނީ. އެމީހެއްގެ ސެލްޕް ކޮންފިޑެންސް ވެސް. ތި އެހީ އިންކަމްވައިސްކޮށް އަގެއް ހިފަހައްޓަން ޖެހޭނެ އިންކަމްވައިސްކޮށްވެސް،"

ގަމިނި އާއި ގުޅުނީ ކިހިނެއް؟

"އަސްލުނަތާ އޭރު ކުޅެފަ އިންނާނީ ތިންބިބީއެކަނި. އެހެން ހުއްޓަ ލިބުނު ޗާންސެއް މޫމިން ސާ އާ މީޓްކޮށްލަން. އިތުރު އެއްޗެ ކުޅެލަން ބޭނުންވާތީ އެކްސްޓްރާސް އެއްގަ އައީ. އައިސްފަ ނަސީބު ރަނގަޅުކަމުން ނަތާއަށް ލިބުނީ ޔޫސުފްބެ (ޔޫސުފް ރަފީއު، ޔޫސޭ) ގެ އަންހެނުންގެ ބައި ކުޅެލަން. ތިން ބިބީއާ ގަމިނިއަކީ ޓޯޓަލީ ތަފާތު ދެ އެކްސްޕީރިއެންސް އެއް. ތިން ބިބީއަކީ ސިޓްކޮމް ކަހަލަ އެއްޗެއް. ސްޓޫޑިއޯތެރޭގަ ގިނަ ފަހަރު  ސެޓް ހަދާގެންގޮސް ނަގަނީ. ގަމިނި ނަގަނީ ބައިވަރު ނޭގޭ މީހުންތަކެއްގެ ތެރޭގަ ސެޓެއް ހަދައިގެން. އެގޮތައް ބަލާއިރު ގަމިނި އެގޮތައް އަޅާކިޔަންޏާ ގަމިނީގެ ތެރެއިން އަޅުގަނޑު ގެންގޮސް މޫމިން ހަމަ އަޅުގަނޑު ގެންގޮސް ލީ ޒުހުރީބެ ބުނާހެން މާމަގެ އުނގަށް،"

ހުކުރު ދުވަހު ބައިސްކޯފަށް ރިލީޒްކުރާ ގަމިނީގެ ފަސް ވަނަ އެޕިސޯޑުން ނަތާ ފެނިގެން އަންނައިރު، ކޮބާ ގަމިނިއާމެދު އޮތް އުންމީދަކީ؟

މިހާތަނަށް ބެލި އެޕިސޯޑުތަކުން ގަމިނި ހަމަ ވަރަށް ރިއަލިސްޓިކް. މިހާރު ނެރޭ ދިވެހި ޕްރޮޑަކްޝަންތައް ވަރަށް ސަޅިއޭ ބުނެވޭނީ ނަތާއަށް. ގަމިނިއަކީ ވަރަށް ތަފާތު މީހުންނަށް ކުރީ ޒަމާނުގެ ކަންތައްތައް އެނގޭކަހަލަ އެއްޗެއް. ވޯޑްސް އިން ބުނެދޭން ވެސް ދަތި ކިހާ މޮޅު އެއްޗެއްކަން އެއީ.

ރާއްޖޭގަ 2020 ވަނަ އަހަރު ރިލީސްކުރި ފިލްމު އަދި ސީރީޒްގެ ލިސްޓެއް ނަތާ ހަދާނަމަ ކޮބާ އެ ލިސްޓަކީ؟

އެ ލިސްޓުގެ އެއްވަނައަކީ އެހެނަސް. ދެން ގަމިނި. ދެން ނަތާ ތިން ބިބީގަ އުޅޭތީ ތިން ބިބީއޭ ބުނެވޭނީ. ގަމިނި އެއްކޮށް ދައްކާ ނިމުނީމަ ލިސްޓު ބަދަލުވުންވެސް އެކަށީގެންވޭ. އެކަމަކުވެސް ހަމަ ނަތާ އުޅޭ ފިލްމުތައް މި ލިސްޓުގަ އެނބުރޭނީ.

މުޅި ދުނިޔެއަށް މި ލިސްޓު ހުޅުވާލައިފި ނަމަ ކީކޭ ބުނާނީ؟

އެއްވަނައަކީ "ފްރެންޑްސް" ދެން އެއީ 24 އަވާސްގެ އެއްޗެއް. ދެން އެހެން ނަންތައް ހަނދާން ނުހުންނާނެ ބުނާކަށް. އެކަމަކު ވަރަށް ގިނައިން ބެލިފަ ހުންނާނެ "ކުޗްކުޗްހޯތާ" ވެސް. ތިންވަނަ އެއްޗެއް މައިންޑަކަށް ހަމަ ނުވެސް އާދޭ.

ނަތާއަށް ދިވެހި ފިލްމު އިންޑަސްޓްރީގެ ތެރެއަށް ވަދެވުނީ ކިހިނެތް؟

ނަތާ ފުރަތަމަ ދީވާސް މޮޑެލްއަކަށް އުޅުނީ. ދެން ދީވާސްގަ އުޅެނިކޮށް ބީއެމްއެލްގެ ޕޯސްޓަރެއްގަ މޮޑެލް ކުރުމުގެ ފުރުސަތުލިބުނީ. އެހާހިސާބުން ދީވާސް ތެރެއިން މުންކޮ ބުނީ އެކްޓިން ކޮމެޑީ ޖޯންރާއެއްގެ އެއްޗެއް އެބައޮތްކަމަށް. ދެން އޭގެ އޮޑިޝަންގަ ބައިވެރިވެގެން އޭގަ އެންމެ މޮޅު ފަސް އެކްޓަރުންގެ ތެރެއިން ހޮވުނީ. ދެން މުންކޮގެ ސިޓްކޮމް ސީރީޒްއަކުން ބައިސްކޯފު އެއްޗަކަށް ފުރުސަތު ލިބުނީ. ތްރީ ގާލްސް އުޅޭނީ އޭގަ. ހުސް މަޖާ ވާހަކަ ދައްކާ އެއްޗެއް. ތިންބިބީގަ ހުއްޓަ އެހެނަސް އިން ޗާންސް ލިބުނީ. ދެން އެހެނަސްއިން ޗާންސް ލިބިފަ އޮއްވަ ހަމަ ގަމިނި ވެސް ކުޅުނީ.

 

2019 އިން ފެށިގެން ދެ އަހަރު ދުވަސްވެސް ނުވަނީސް ނަތާ މިވަނީ އަށް ޕްރޮޑަކްޝަނެއްގަ މަސައްކަތް ކޮށްފަ. އަލަށް ނުކުމެ ލިބުނު މި ބޮޑު ކާމިޔާބާމެދު ދެކެނީ ކިހިނެއް؟

"މިއީ ވަރަށް ބޮޑު ނަސީބެއް. ސަކްސެސްއެއްކަމަށް ދެކެނީ. މިއަހަރު ލިބުނު ޖުމައިލްއާއެކު ވެސް ފިލްމެއް ކުޅެން. އެހެންވިއަސް ކަންކަން ދިމާވި ގޮތުން މިހާރު އެ ފިލްމުގެ މަސައްކަތް ހުއްޓިފަ އޮތީ. މިހާރު އެ ވެސް ކުޅޭގޮތައް އޮތީ. ދެން މިކަމުގަ "ގަމިނިން" މިލިބުނު ޗާންސްއަކީ ވަރަށް ބޮޑު ނަސީބެއް. ޔޫސުބް ބޭގެ (ޔޫސޭގެ) ވައިފްގޮތުގަ މި ފެނުނީ. ޔޫސުބްބެ މިހާތަނަށް ނެތް މީހެއްގެ އެއްޗެއް ކުޅަފައެއް. އަލަށް މީހަކަށް ޔޫސުބްބެ ޑައިރެކްޓުކުރަން ދީފަ، އަލަށް މޭކަޕްކޮށްގެން ބަޔަކާއެއްކޮށް ކުޅުނުއިރު ނަތާ މިވީ ޔީސުބް ބޭގެ އަންހެނުންނަށް،"

ޔޫސޭއާ އެއްކޮށް އެކްޓުކޮށްލަށް ލިބުނުއިރު ކޮބާ އިހްސާސްތަކަކީ؟

"ޔޫސުބްބެއަކީ ބޭބެއެއް. ބައްޕައެއްހެން ވެސް ދެކެވޭ ހަމަ ފްރެންޑެންހެން ވެސް ދެކެވޭ މީހެއް. ނަތާގެ ހުންނަކަމެއް އެއީ ތަންތައް ސާފުކުރުން. ނަތާ ޝޫޓިންގަ އުޅޭއިރުވެސް ތަނެއް ސާފުކޮށްލާ ހިތްވެގެން ގޮސް ކުނިކޮޅެއް ނަގާލަން ހުއްޓަސް ޔޫސުބް އަންނާނެ ކޮތަޅު ހިފައިގެން. ދެން ހަމަ އެޑްވައިސް ދީ ހަދާފަ އެބަހުރި،"

ނަތާއަކީ ފިލްމު އިންޑަސްޓްރީއަށް އަލަށް ނުކުތް ފަންނާނަކަށް ވާއިރު ކޮބާތޯ ފިލްމު އިންޑަސްޓްރީއާއި، އަދި ފިލްމީ ކޮމިއުނިޓީއާމެދު ދެކެވޭ ގޮތަކީ؟

"އަސްލު މީވަރަށް ނައިސް ބައެއް. ކުރިން އަޑުއަހާފަ ހުރިގޮތާ. މި އިންޑަސްޓްރީގެ މީހުންނާއެކު މަސައްކަތް ކުރަން ފެށުމާއެކު އެނގޭ އަސްލު އެ ހީކުރާކަހަލަ ސޮސައިޓީއެއް ނޫންކަން އެއީހަމަ ވަރުގަދަކަން. ޕަބްލިކުން މީތި ރެއިޒްކުރެވޭނީ ނެގެޓިވް ތިންކިން ބަދަލުކޮށްގެން. އަންނަ ނެގެޓިވް އެއްވެސް އެއްޗެއް ނަތާއަކަށް ނުފެނޭ."

ކޮބާތޯ ނަތާއަށް މި ދާއިރާގައި އެންމެ އެހީތެރިވި މީހުންނަކީ؟

"އިގްބާލް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުން. ދީވާސް އަށް ގުޅުމުގެ ކުރިން ވެސް ނަތާ ހުންނާނެ އިގްބާލްގެ ފޮތްތަކަށް ފޮޓޯ ނަގާފަ. ދީވާސް އިން ނަތާއަށް ދިން ޗާންސް ތަކަށްވެސް ވަރަށް ބޮޑަށް ތެންކިޔުއޭ ބުނެލަން ބޭނުން. ތިން ބިބީއަށް ޗާންސް ލިބި މުންކޮމެންނަށް ވެސް ނަތާ ތެންކްސް ބުނެލަން ބޭނުން. ދެން އިނީ އިއްލެ ނަތާއަށް އިއްލެއާ ދިމާވީ ތިންބިބީ ޝޫޓް ތެރެއިން. ތިން ބިބީ ތެރެއިން ނަތާ ފެނިފަ އިއްލެ ޗޫސްކުރީ "މީނަ" ގެ ރޯލަކަށް. ބޮޑު ރޯލެއް އެއީ. ލީޑް ނޫނަސް ވަރަށް ބޮޑު ރޯލެއް އެއީ. ދެން ފައިނަލް ޗެޕްޓާސްގެ އެންމެނަށް ގަމިނި އިން މި ޗާންސް ދިނީމަ މޫމިން ސާއަށް. ޒުހުރީ ބެއަށް. ވަރަށް އެހީތެރިވި މީހެއް އާސިމް އަކީ ވެސް. އެކްސްޓްރާސް އަކަށް އައިސް ޔޫސުފް ބޭގެ ވައިފްއަށް އުޅެލަން ލިބުނުކަމީ ނަތާއަށް ލިބުނު ވަރަށް ބޮޑު އެޗީވްމަންޓެކޭ ނަތާއަށް ބުނެވޭނީ. އަލަށް ނުކުމެ ޔޫސުބް ބެއާއެއްކޮށް ކުޅެލެވުނީމަ،"

ފިލްމީ ދުނިޔޭގެ 'ފަޖުރި ތަރި' ނަތާ ހުކުރު ދުވަހުގެރޭ ބައިސްކޯފުން ނެރޭ ގަމިނީގެ ފަސް ވަނަ އެޕިސޯޑުން ފެންނާނެއެވެ. އެ އެޕިސޯޑުގައި ޔޫސޭގެ އަންހެނުންގެ ރޯލާއެކު ނަތާ ކުރަމުންދާ އުންމީދުތަކަށް އިތުރުކުލައެއް ޖެހިގެންދާނެކަމާމެދަކު ޝައެއްކެއްނެތެވެ.

 

 

 

 

 

 

ކިޔުންތެރިންގެ ހިޔާލު

  1. ހާބުރި

    ނަތާ އިޒްދަ ބެސްޓް ހަމަ.