'ވައިކިންގްސް' އަށްވުރެ 'ގަމިނި' އިންޓަރެސްޓިން: ފިއްޓެ

މަޝްހޫރު ފިލްމް ސީރީޒް 'ވައިކިންގްސް' އަށްވުރެ ވެސް މޫނިން ފުވާދު ޑައިރެކްޓުކޮށް ރިލީޒްކުރި 'ގަމިނި' ސީރީޒްގެ ފެށުން ވަރުގަދަވެފައި އިންޓަރެސްޓިން ކަމަށް ކްރިއޯގްރާފަރު އަލީ ފިޒާމް (ފިއްޓެ) ބުނެފިއެވެ.

ފިއްޓު ބުނީ ދިވެހި ފިލްމު އިންޑަސްޓްރީގައި ވެސް ކާމިޔާބާއެކު ދުނިޔޭގެ ފެންވަރުގެ މަސައްކަތް ކުރެވޭނެކަން، ގަމިނި ސީރީޒް ޕްރިމިއާކުރުމާއެކު އޭނާއަށް ހާމަވެއްޖެކަމަށެވެ.

"ރާއްޖޭގަ ވެސް އަދި ކޮންމެ ތަނެއްގަވެސް މީހަކު ނުވަތަ ބަޔަކު ކަމަކަށް ގަދައަޅާ މަސައްކަތްކޮށްފިނަމަ އެކަންވާނެކަން މޫމިނާއި ޒުހުރީގެ ޓީމުން އެ ދައްކުވައިދިނީ. އަޅުގަނޑު ސީރީޒްގެ ލިސްޓެއް ހަދާނަމަ ލިސްޓުގެ އެންމެ ކުރީގައި އޮތީ ގަމިނި. ދެވަނައިގަ އޮތީ ވައިކިންގްސް. އަދި ތިންވަނަ ދޭނީ ގޭމް އޮފް ތްރޯންސްއަށް. ގަމިނީގެ ފެށުން ވެސް އެހާ ވަރުގަދަ. ވަރަށް ވަރަށް އިންޓަރެސްޓިން. މިހާތަނަށް މި ފެނުނު ހަތަރު އެޕިސޯޑުން އެކަން ކަށަވަރުކޮށްދީފި،" -ފިއްޓެ-

ފިއްޓެއަކީ ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ފިޓު އެއް ފަންނާނެވެ. މިހެން މި ބުނަނީ އޭނާ ހުންނަލެއްވެސް ފިޓުވެފައި، ވިސްނުން ވެސް ފިޓުވެފައި އޭނާއަށް ފިއްޓެ ކިޔާތީއެވެ. އަދި އާޓިސްޓެއްގެ ގޮތުންވެސް ފިއްޓެ ގިނަ ރޯލުތަކަށް ހަމަ ފިޓުވީމައެވެ.

ފިއްޓެ އާއިލާއެކު

މިހާރު އުމުން 40 އަހަރުގެ ފިއްޓެއަކީ އުމުރުން 14 އަހަރުން ފެށިގެން ސްޓޭޖުތަކުގައި ނެށުމާއި ތަފާތު ޗަރުކޭސްތައް ދައްކާލުމުގެ އިތުރުން، ފިލްމާއި، ސީރީޒް ގެ ކްރިއޯގްރަފީ ހެދުމުގެ މަސައްކަތްކުރަމުން އަންނަ ފަންނާނެކެވެ. އަދި އެކްޓު ކުރުމުގެ މަސައްކަތް ކުރަމުން ވެސް އަންނަ ފަންނާނެކެވެ. އަދި މިހާރު އަންނަނީ މަޑުމަޑުން ގިޓާ ކުޅުމާއި ލަވަކިއުމުގެ ހުނަރުތައް ވެސް ދަސްކުރަމުންނެވެ.

"އަޅގަނޑު އެތައް ފަހަރަކު ގޭމް އޮފް ތްރޯންސް ވެސް ބަލައިފިން. އޭއީ ބެލިބެލިހެން ރީތިކަން އިތުވާ އާޓްޕީސްއެއް. ގަމިނިއަކީ ވެސް ހަމަ އެކަހަލަ އާޓް ޕީސް އެއް. އެއްފަހަރު ބަލައިގެން ފުއްދައެއް ނުލެވޭނެ. ބެލިވަރަކަށް ރީތިކަން އިތުރުވާނެ. ރިޕީޓުކޮށް ބަލަންޖެހޭއެއްޗެއް އެއީ،" -ފިއްޓެ-

މުހައްމަދު ޒުހުރީ ޕްރޮޑިއުސްކޮށް، މޫމިން ފުވާދު ޑައިރެކްޓު ކޮށްފައިވާ ގަމިނި ސީރީޒްގެ މަސައްކަތުގައިވެސް ބައިވެރިވުމުގެ ފުރުސަތު ލިބު ފިއްޓެބުނީ އޭނާއަށް ބައިވެރިވެވުނި ވަރަށް "ކުޑަކުޑަ" މިންވަރެއްގައި ކަމަށެވެ.

"އަސްލު ގިމިނި ޓީމުން އެދެވުނުވަރަށް ބައިވެރިވެވުނުނަމައޭ މިހާރު ހިތައްއަރާ. އެކަމަކު ނަމަނަމައަކުން ވާނެކަމެއް މިހާރަކު ނެތް،"

މީގެ ކުރުން ވެސް މޫމިން ފުވާދު ޑައިރެކްޓު ކުރި ފިލްމު ލޫދިފާގައި ވެސް ފިއްޓެ ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ.

"އަސްލު ބައިސްކޯފަކީ މިއަދު ދިވެހިރާއްޖޭގެ އާޓިސްޓުންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއް. ބައިސްކޯފުގައި ހުރި އެހެން ސީރީޒްތައް ވެސް ގަމިނިވަރު ނުވިއަސް ހަމަ ރީތި. އެހެނަސް ވެސް އެއީ ހަމަ ރީތި ސީރީޒް އެއް. އެންމެ އުފާވާކަމަކީ މިއަދު އަތް އުރާލައިގެން ދިވެހި ފަންނާނުންނަށް ތިބެން ނުޖެހޭކަން،" -ފިއްޓެ-

ގިނަ ދުވަސްތަކެއްވަންދެން އާއިލާއެކު ސްރީލަންކާގައި ދިރިއުޅުމަށްފަހު މިވަގުތު ފިއްޓެ ހުރީ ރާއްޖޭގައެވެ. ފިއްޓެ ބުނީ އޭނާވެސް އަލުން އަނބުރާ އޭނާގެ ޓީނޭޖަށް ދިއުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

"މިހާރު މި އަންނަނީ ތައްޔާރުވަމުން އަލުން އަނެއްކާވެސް އެކަލަހެން ބުރުއުކާލާ ހަދާލަން. ދިހަ ވަރަކަށް ފޫޓު މަތީގައި ހުންނަ އެއްޗެހީގައި ކިކްޖަހާލާ ހަދާލަން،" ސިފައިންގޭގައި ވެސް ފަސް އަހަރު ހޭދަކުރި ފިއްޓެ ބުންޏެވެ.

ފިއްޓެ މިހާރު އެންމެ ވައްތަރީވެސް ޖޯން ސްނޯއާއެވެ.

ފިއްޓެ 'އެވްމީ ޓައިމްސް' އަށް އިންޓަވިއުއެއް ދެނީ: ފޮޓޯ ސެމީ މުސްތަފާ

ސެޕްޓެމްބަރު 25 ވަނަ ދުވަހު "ބައިސްކޯފުން" ޕްރިމިއާކުރި ގަމިނި ސީރީޒްގެ 4 އެޕިސޯޑު މިހާރު ދައްކާފައިވާއިރު، އަންނަ ހުކުރު ދުވަހުގެ ރޭ ފަސް ވަނަ އެޕިސޯޑު ދައްކާނެއެވެ.

ސީރީޒްގައި ފެންނަ ކާސްޓުންގެ ތެރޭގައި ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ)، މަރިޔަމް ޝަކީލާ (ޝަކިއްތަ)، އަހްމަދު އާސިމް އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، އަހްމަދު ސައީދު، ސޫޒަން އިބްރާހިމްފުޅު، ނިޝާ (ނިޝްކޮ)، އަލީ ފިޒާމް، ނަތާޝާ ޖަލީލް، މަރިޔަމް ޝިފާ، މުހައްމަދު އިމްރާން، އަމީން ޝަފީއު، އިސްމާއިލް ޒާހިރު، އަޖްނާޒް އަލީ، އިސްމާއީލް ވަހީދު އަދި ޖައުޒާ ޖައުފަރު ވެސް މުހިންމު ރޯލު ތަކުން ފެންނާނެ އެވެ.

 

ކިޔުންތެރިންގެ ހިޔާލު