ވެންޓިލޭޓަރުތަކުގެ މައްސަލަގައި ބައެއް މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ސިއްހީކަންކަން ހަރުދަނާކޮށް ޙާލަތަށް ތައްޔާރުވުމުގެގޮތުން ކުރިމަސައްކަތުގެ ތެރެއިން ދުބާއީ ކުންފުންޏަކާ ޙަވާލުކޮށްގެން ރާއްޖެއަށް 75 ވެންޓިލޭޓަރު ގެނައުމަށް ކުރިމަސަރައްކަތުގައި ކޮރަޕްޝަނަށް މަގުފަހިވާތީ ހެލްތު މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހާ ޙަވާލާދީ ޚަބަރުފަތުރާ ބައެއް ވަޞީލަތްތަކުން ބުނާގޮތުގައި މިމައްސަލަ އޭސީސީން މިހާރުވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. މިމައްސަލަ އަދި ޕީޖީން ބަލައިގެންއި ނުވާކަމަށާ، އޭސީސީއާއެކު ބައްދަލުކުރުމަށްފަހު މައްސަލަ ބަލައިގަތުމާއިމެދު ގޮތެއް ނިންމާނެކަމަށްވެސް ޕީޖީ އޮފީހުން ބައެއް މީޑިއާތަކަށް މަޢުލޫމާތު ދީފައިވެއެވެ.

ކޮވިޑް-19އާ ގުޅިގެން ކުރި ޚަރަދުތަކުގެތެރެއިން ހެލްތު މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން ދުބާއީގެ ކުންފުންޏެއްކަމަށްވާ "އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް"އާއެކު ހެލްތު މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގެ ދަށުން 75 ވެންޓިލޭޓަރު ރާއްޖެއަށް ލިބެންޖެހެއެވެ. އެހެންނަމަވެސް މިހާތަނަށްވެސް އެ ހުރިހައި ވެންޓިލޭޓަރެއް ލިބިފައި ނުވެއެވެ. އަދި ދުބާއީގެ ކުންފުންޏަށް ފައިސާ ދެއްކުމާއި މިކަމުގެ އެކި މުޢާމަލާތްތައް ކޮށްފައިވަނީވެސް އުސޫލުތަކާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަމަށް ރިޕޯޓު ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު