މޫސުމަށް އަންނަ ބަދަލުތަކަކީ އިޤްތިޞާދީވެސް މައްސަލައެއް - ރައީސް ނަޝީދު

މޫސުމަށް އަންނަ ބަދަލުތައް މިހާރުމިވަނީ އިޤްތިޞަދީ މައްސަލައަކަށްވެސް ވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައެޅުއްވި މައްސަލައަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުންވާކަމަށެވެ. ނަމަވެސް ރާއްޖެއަށް ބޭނުން ވަނީ މާލީ އެހީތެރިކަން ނޫންކަމަށާ ރާއްޖޭގައި މިދާއިރާއިން ބޭރުގެ ފަރާތްތަކުން އިންވެސްޓްކޮށް ވިޔަފާރިކުރުމަކީ ރާއްޖެއަށް ނުހަނު ބޭނުންތެރި ކަމެއްކަމަށެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު ހުށަހެޅުއްވީ، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވާ ނުރައްކާ ކުޑަކުރުމަށްޓަކައި ޖައްވަށް ބޭރުކުރާ ގްރީން ހައުސް ގޭސް މަދުކުރުމަށް އެކިޤައުމުތަކުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް އަލުން މުރާޖަޢާކޮށް އެލަނޑުދަނޑިތައް އިތުރު ހަރުފަތެއް މައްޗަށް ޖެއްސުމަށެވެ. އަދި ރާއްޖެއިން މިކަމަށް ބާރުއަޅައި ދުނިޔޭގެ ޤައުމުތަކަށް ނަމޫނާ ދެއްކުމަށް ސަލީމް ގޮވާލެއްވިއެވެ.  

ރައީސް މުޙައްމަދު ނަޝީދަކީ ތިމާވެށީގެ މައްސަލަތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާ ނުރައްކާތެރިކަން ކުޑަކުރުމާ ގުޅޭގޮތުން ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރައްވާ މަޝްހޫރު ލީޑަރެކެވެ. މިދާއިރާއިން ބައިނަލްއަޤުވާމީ މުޖުތަމަޢުގައި އެމަނިކުފާނު މަޝްހޫރުވެވަޑައިގެންފައިވަނީ ގްލޯބަލް ޕްރެޒިޑެންޓުގެ ނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު