ނޫސްވެރިޔާ އަޒާނަށް އިންޒާރު ދިންކަމަށް ތުހުމަތުކުރާ މައްސަލަ ބަލަން އެމްއެމްސީން ގޮވާލައިފި

ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަޙްމަދު އަޒާނަށް މަރުގެ އިންޒާރު ދިންކަމަށް ތުހުމަތުކޮށް އަޒާންވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސަމާލުކަމަށް އެކަން ގެނެސްފައިކަމަށާ، އެކަން ވީގޮތެއް ބަލައިދިނުމަށް އެކައުންސިލުން ފުލުހުންނަށް އިލްތިމާސްކޮށްފިއެވެ.

އެމްއެމްސީން ނެރުނު ނޫސްބަޔާނެއްގައިވަނީ ފަހަކަށްއައި އަޒާނަށް ސޯޝަލް މީޑިއާގައާއި އެހެނިހެން ގޮތްގޮތުންވެސް މަރުގެ އިންޒާރާއި، އެކިކަހަލަ ފުރައްސާރަ ކުރުމުގެ ޢަމަލުތަކާ ކުރިމަތިލާންޖެހިފައިވާކަމަށް އޭނާ މަޢުލޫމާތު ދީފައިވާކަމަށެވެ. މިއީ އެކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް ކަމަށާ، މިބާވަތުގެ ކަންކަމަކީ އާދައިގެ ކަންކަމުގެގޮތުގައި އެކައުންސިލުން ނުދެކޭކަމަށްވެސް އެބަޔާނުގައިވެއެވެ.

ސަބަބަކީ މީގެކުރިންވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އެކިކަހަލަ އިންޒާރާއި ފުރައްސާރައާ ކުރިމަތިވުމަށްފަހު ނުރައްކާތެރި ޙަމަލާތަކުގެ ޝިކާރައަކަށް ނޫސްވެރިން ވެފައިވާތީކަމަށާ، މިމައްސަލަ ބަލައި ވީހާވެސް އަވަހަކަށް ކަމުގެ ހަޤީޤަތް ހާމަކޮށްދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މީޑިއާކައުންސިލުންވަނީ އިލްތިމާސްކޮށްފައެވެ.

މީޑިއާ ކައުންސިލްގެ އިތުރުން ރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުންވެސްވަނީ މިކަން ބަލައިދިނުމަށް ފުލުހުންނަށް އިލްތިމާސްކޮށްފައެވެ.

ދިޔަރެސް އޮންލައިން ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން އަދި ނާހިލް އަހުމަދާ މަގުމަތިން ފުރައްސާރަކޮށް، ބިރުދެއްކި މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުންވަނީ ދިވެހި ފުލުހުންނަށް  ގޮވާލާފައެވެ. އަދި ނޫސްވެރިންނަށް ބިރުދައްކައި އިންޒާރުދީ، ފުރައްސާރަކުރުން ހުއްޓުވުމަށް އަޅަން ޖެހޭ އެންމެ މުހިއްމު ފިޔަވަޅަކީ، އެފަދަ އަމަލުތައް ހިންގާފައިވާ ހުރިހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުންކަމަށާ، އިންސާފު ގާއިމްކުރުން ލަސްވެގެންދިއުމަކީ ނޫސްވެރިންގެ މަސައްކަތަށް އޮތް ހުރަހެއްކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު