މިއީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބަޙުސްކުރަންވީ ވަގުތެއް ނޫން - ރައީސް ނަޝީދު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާމެދު ބަޙުސްކުރަން މިވަގުތަކީ އެންމެ ރަނގަޅު ވަގުތުކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގާނޫނުއަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހާ ގުޅޭ ގޮތުން މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަ އެންމެބޮޑަށް ދައްކަވަމުންދަނީ އެމަނިކުފާނުކަން އެންމެންނަށްވެސް އެނގޭނެކަމަށެވެ. އެހެންނަމަވެސް ޖާބިރު ހުށަހެޅުއްވީ މައްސަލައާ އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ. އަދި އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅާ ޖާބިރުގެ ހުށަހެޅުއްވުމާ ތަފާތުކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މެމްބަރު ޖާބިރު ހުށަހަޅުއްވާފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނުއަސާސީ އިސްލާޙުކުރުމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިއީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބަޙުސްކުރަން އެންމެ ރަނގަޅު ވަގުތު ނޫންކަމަށެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭކަމަށް މިހާރުވެސް ދެކެވަޑައިގަންނަވާ ކަމަށާ، އެހެން ނަމަވެސް ޖާބިރު ހުށަހެޅުއްވި އިސްލާހަކީ އެފަދަ އިސްލާހެއްކަމަށް ދެކެވަޑައިނުގަންނަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު