އާއްޓެ ފައްޔާޒަށް، "ބޭނުންވިޔަސް ނުވާނެ ކަންކަން ހުންނާނެ"

އަވަށްޓެރި އިންޑިއާގެ ބާރުގެ ދަށަށް ރާއްޖެ ގެންދަން އެޤައުމުން ބޭނުންވެއްޖެނަމަ ދިވެހިން މަރާފައިވެސް އެކަން ކުރާނެކަމަށް ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވުމުން އެމްޑީޕީގެ އެކްޓިވިސްޓް އަދި ވިޔަފާރިވެރިޔާ އަހްމަދު އާރިފް (އާއްޓޭ) ފައްޔާޒަށް ރައްދުދެއްވައިފިއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ މއ.އެވަރގްލޯރީ އަހްމަދު އާރިފް (އާއްޓޭ )އަކީ އެމްޑީޕީގެ ޙަރަކާތްތަކުގައި އުޅުއްވާ އަދި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި އޭދަފުށީ ދާއިރާއަށް ކުރިމަތިލެއްވި ބޭފުޅާއެވެ.

އާއްޓެ ވިދާޅުވީ ޓައިވާނުގެމައްޗަށް އަތްގަދަކުރުމަށް ޗައިނާއިން ކިތަންމެ ބޭނުންވިޔަސް އެކަންވެސް ވެފައި ނެތްކަމަށާ، އެހެންކަމުން ބޭނުންވާހާކަމެއް އެއީ އަދި ވާނެކަމެއް ނޫންކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ އިންޑިއާއާ ރާއްޖެއާ ގުޅުވައި ފައްޔާޒް ދެއްކެވި ވާހަކަފުޅަށެވެ.

ފައްޔާޒު މިމޭރުމުން ވާހަކަފުޅުދެއްކެވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައެވެ.

"އިންޑިއާއިން ދިވެހިރާއްޖެ ހިފައި އިންޑިއާގެ ދަށުކޮއްލަން ބޭނުންވެއްޖާމުން އެކަން އޮންނާނީ މިހާރުވެސް ކޮށްފައި. އަޅުގަނޑުމެންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ. އަޅުގަނޑުމެންގެ ސިފައިން މަސައްކަތް ނުކުރާނެ ވާހަކައެއް ނޫން މިދަންނަވަނީ. އަޅުގަނޑުމެންނަށްވުރެ މާ ބާރުގަދަ ޤައުމެކޭ މިދަންނަވަނީ. އެއީ އަޅުގަނޑުމެން އެންމެން މަރާފައިވެސް އެމީހުން ބޭނުމިއްޔާ ކުރާނެއޭ" - މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ. 

ފައްޔާޒުގެ މިވާހަކަފުޅާ ގުޅިގެން އެތައްބަޔަކުދަނީ ސޯޝަލްމީޑިއާގައާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ފާޑުކިޔައި ނުރުހުން ފާޅުކުރަމުންނެވެ.

މިއީ ޤައުމުގެ ވަޒީރަކު އަދި އަމުދުން ދައްކަވައިގެންވާނެ ވާހަކަފުޅެއް ނޫންކަމަށްބުނެ އެތައްބަޔަކު ދަނީ މިނިސްޓަރ ފައްޔާޒުގެ އިސްތިއުފާއަށް ގޮވަމުންނެވެ. ފަހަކަށްއައިސް ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާގޮތަށް މިނިސްޓަރ ފައްޔާޒް ޢަމަލުފުޅުކުރައްވާކަމަށް ތުހުމަތުކޮށް އެމްޑީޕީގެ އެތެރެއިންވަނީ އޭނާއާމެދު ވަރަށްބޮޑަށް ނުރުހުންފާޅުކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު