ކުޑަކުދިންނާ ގުޅޭ 2 ޤާނޫނެއް ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާ ގުޅޭގޮތުން ސިޔާސަތު ކަނޑައެޅުމުގެ ލެވެލްގައި ކަމާ ގުޅުންހުރި ފަރާތްތަކާ އެޓަރނީ ޖެނެރަލްގެ އޮފީހުން މަޝްވަރާ ކުރައްވައިފިއެވެ.

މިދެ ޤާނޫނު ތަންފީޛުކުރުމަށްޓަކައި، އެ ޤާނޫނުތަކުގެ ދަށުން ދައުލަތުގެ އެކި އިދާރާތަކުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި އެ އިދާރާތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން ކުރިއަށްގެންދިޔަ މިމަޝްވަރާ ބައްދަލުވުމަކީ އޮންލައިންކޮށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އެޓަރނީ ޖެނެރަލާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒާއި، މިނިސްޓަރ އޮފް އެޑިއުކޭޝަނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސާއާއި، ޕްރޮސިކިއުޓަރ ޖެނެރަލާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީ.އީ.އޯ ބައިވެރިވެވަޑައިގެންފައިވާއިރު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ޖުވެނައިލް ކޯޓާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖުޑީޝަލް އެކަޑެމީއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޛުކުރުމަށްޓަކައި ކުރަންހުރި ކަންކަން ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރެވިގެން ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާކުރެވި، މި މަސައްކަތް ކުރުމަށްޓަކައި ޕޮލިސީ ލެވެލްގެ ސްޓިއަރިންގ ކޮމިޓީއަކާއި، ޓެކްނިކަލް ލެވެލްގެ ވަރކިންގ ގްރޫޕެއް އެކުލަވާލެވިފައިވެއެވެ. އަދި މަސައްކަތް ފަށައިގަތުމަށްޓަކައި ވަރކިންގ ގްރޫޕުން ކުރަންހުރި ކަންކަން އެކަށައަޅައި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ވަރކިންގ ގްރޫޕްގެ މަސައްކަތްތައް ސްޓްއަރިންގ ކޮމިޓީއަށް ހުށަހެޅުމަށް ނިންމިފައިވެއެވެ. ދެ ޤާނޫނު ތަންފީޛުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޔުނިސެފްގެ އެހީތެރިކަމާއެކުއެވެ.
ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު 20 ނޮވެންބަރު 2019 ގައި ތަޞްދީޤުކޮށްފައިވާއިރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް 20 ފެބުރުވަރީ 2020 އިން ފެށިގެން ދަނީ ޢަމަލުކުރެވެމުންނެވެ. އަދި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ޢަމަލުކުރަންފަށާނީ 20 ނޮވެންބަރު 2020 ގައެވެ.

ކިޔުންތެރިންގެ ހިޔާލު