ދިވެހި މަސްވެރިން ރަޝިޔާ މީހުން ކޮސްކޮށްލައިފި

'ޒުވާން މަސްވެރިއާގެ' ނަމުގައި ސޯޝަލް މީޑިއާގައި މަޝްހޫރު ހަސަން ސާޖިން އާންމުކުރި ވީޑިއޯއެއް ރަޝިއާގެ މަޝްހޫރު މީޑިއާ ޗެނަލެއް ކަމަށްވާ ރަޝިޔާ ޓުޑޭ (އާރުޓީ) ގެ ސަމާލުކަން ހޯދައިފިއެވެ.

އާރުޓީގެ ސަމާލުކަން ހޯދީ ދޯންޏެއްގައި ކަޅުބިލަ މަސް ބާނާ ޓައިމްލެޕްސް ވީޑިއޯ އެކެވެ.

ސާޖިންގެ ވީޑިއޯ އާންމު ކުރުމަށް ފަހު އާރުޓީ އިން ބުނެފައިވަނީ 'މަސްވެރި ދުވަހެއް! މިހާތަނަށް ފެންނާނެ އެންމެ ފޯރިގަދަ މަސްވެރިކަމުގެ ވީޑިއޯ' ކަމަށެވެ.

އާރުޓީން މި ވީޑިއޯ އާންމުކުރުމުން އެތައް ބަޔަކު ވަނީ ދިވެހި މަސްވެރިންނަށް ތައުރީފުކޮށްފައެވެ. އަދި ބައެއް މީހުން ވަނީ މިގޮތައް މަސްބާނަނީ ކިހިނެއްތޯ ސުވާލުވެސް ކޮށްފައެވެ. އެ މީހުންނަށް ޖަވާބު ދިނުމުގެ ގޮތުން 'ދިވެހި މަސްވެރިންގެ ޖަމިއްޔާ' އިން ވަނީ މަސްވެރިކަމަށް ބޭނުންކުރާ ވަދު ވެސް ދައްކާލާފައެވެ.

ބައެއް މީހުންގެ ފަރާތުން ފާޑު ކިއުން ވެސް އަމާޒުވިއެވެ. އެގޮތުން އެމެރިކާގެ 'ނިއުޔޯކް ޓެކްސީ ޝޯ' ކިޔާ ޝޯއެއްގެ ފަރާތުން ވަނީ ބާނަނީ 'ޅަ ކަންނެލި' ކަމަށް ބުނެފައެވެ.

ރަށްދު ދިނުމުގެ ގޮތުން އެތައް ދިވެހިންނެއް ވަނީ ވާހަކަ ދައްކާފައެވެ.

ބައެއް މީހުން ވަނީ އެކި ސައިޒުގެ ކަޅުބިލަ މަހާއި ކަންނެލި ހުންނާނެކަމަށް ބުނެ ފޮޓޯ ވެސް ލާފައެވެ.

ކިޔުންތެރިންގެ ހިޔާލު