ކާފިއު ވަގުތު ފުލުހުންގެ ޗެކް ޕޮއިންޓެއް ފަޅާލައި ތިން މީހަކު ފިލައިފި

މާލެ މަޖީދީ މަގުގައި ފުލުހުން ޖަހާފައި އޮތް ޗެކްޕޮއިންޓެއް ފަޅާލައި ތިން މީހަކު ރޭ ފިލައިފި އެވެ.

ކާފިއު ވަގުތުގައި ފުލުހުންގެ ޗެކް ޕޮއިންޓަކުން މަޑުކުރުމަށް އެންގުމުން ވެސް މަޑު ނުކޮށް ފިލާފައިވަނީ ތިން ފިރިހެނުންކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.

"މަޖީދީ މަގުގަ އޮތް ޗެކްޕޮއިންޓެއް ގާތްގަނޑަކަށް ޗާންދަނީ މަގާހަމައިގަ. އެމީހުން މަޑުކުރަން ފުލުސް މީހާ އަތް ނެގުމުން ސްޕީޑު ބާރުކޮށްލީ،"

އޭނާ ބުނީ އެ ޗެކް ޕޮއިންޓުގައި ތިބީ އަންހެން ފުލުހަކާ ފިރިހެން ފުލުހެއް ކަމަށެވެ. އަމީހުން ސްޕީޑު ބާރު ކޮށްލުމުން އެތަނުން އެކަކު ހިފަން ފިރިހެން ފުލުސް މީހާ މަސައްކަތް ކުރި ނަމަވެސް އެމީހުން ރެކިގަނެގެން ދިޔައީ ކަމަށެވެ.

މާލެ ސަރަހައްދުގައި ކޮރޯނާ ވައިރަސް ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން އެޗްޕީއޭ އިން ވަނީ ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް މާލެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށްފަ އެވެ. މީގެ އިތުރުން ކޮވިޑް ފެތުރޭ ރަށްރަށުގައި މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

މާސްކް އެޅުން މަޖުބޫރުކުރި ފަހުން އެ އުސޫލަށް އަމަލުނުކޮށްގެން 645 މީހަކަށް ނަސޭހަތްދީ 73 މީހަކު ޖޫރިމަނާކޮށްފައިވެއެވެ. އަދި ކާފިއު ވަގުތުގައި ވެސް ބޭރުގައި އުޅޭ ގިނަ ބަޔަކަށް ފުލުހުން ގެންދަނީ ނަސޭހަތް ދީ ޖޫރި މަނާ ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު