އައިސޮލޭޝަން ފެސިލިޓީއަށް ޗައިނާއިން ފާޚާނާ ބަރިއެއް ހަދިޔާކޮށްފި

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން ކަރަންޓީނު ކުރަން ޖެހޭ މީހުން ކަރަންޓީނު ކުރުމަށް ފ ފަރުކޮޅުފުށީގައި ޤާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ޗައިނާގެ ސީމެކް ކުންފުނިން ފާޚާނާ ބަރިއެއް ހަދިޔާކޮށްފިއެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީމެކް) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަރުކޮޅުފުށި ހިމެނޭ ސަރަހައްދުގައި ޤާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި ހެދި ފާޚާނާބަރި ނިންމައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މިހާރު ވަނީ ހަވާލުކޮށްފައެވެ. މި ތަން ހަވާލުކޮށްދެއްވީ ސީމެކްގެ ފަރާތުން އެކުންފުނީގެ ރާއްޖެ އޮފީހުގެ އެންމެ އިސްވެރިޔާ ލިއު ޝިއާއޯޑާއެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން މިތަނާ ހަވާލުވެވަޑައިގެންނެވީ އެކުންފުނީގެ ޗެއަރމަން ސުހައިލް އަހުމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސުހައިލް ވިދާޅުވީ ސީމެކުން ރާއްޖޭގައި އޮޕަރޭޓްކުރަން ފެށިފަހުން ރާއްޖެއަށް އެކި ގޮތްގޮތުން ފައިދާހުރި ޕްރޮޖެކްޓްތައް ހިންގާފައިވާކަމަށެވެ. ޚާއްސަކޮށް ހުޅުމާލޭގައި އެކުންފުނިން ހިންގާފައިވާ ހައުސިންގ ޕްރޮޖެކްޓްތައް އޭނާ ފާހަގަކުރެއްވިއެވެ.
ސީމެކްގެ ފަރާތުން ވާހަކަ ދައްކަވަމުން ލިއު ޝިއާއޯޑާ ވިދާޅުވީ ކޮރޯނާ ވައިރަސްގެ ސަބަބުން ކުރިމަތިވެފައިވާ މިހާލަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްއަށް ސިޓީފުޅެއް ފޮނުއްވިކަމާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ދިވެހިން ތިބީ ޗައިނާ ރައްޔިތުންނާއިއެކުކަން ހާމަކުރައްވައި މެސެޖެއް ފޮނުއްވިކަން ލިއު ފާހަގަކުރެއްވިއެވެ. ހަމައެއާއިއެކު، ދިވެހި ރައްޔިތުންގެ ފަރާތުން ޗައިނާއަށް 1 މިލިއަން މަސްދަޅު ހަދިޔާކުރަން ނިންމިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން، ދިވެހިންނާއި ޗައިނާއިން ގުޅިގެން މަސައްކަތް ކޮށްފިނަމަ ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް ލިއު ވިދާޅުވިއެވެ.
އައިސޮލޭޝަން ފެސިލިޓީގައި ޤާއިމްކުރި ފާޚާނާތަކުގެ އިތުރުން މިރަސްމިއްޔާތުގައި ސީމެކުން ވަނީ ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ބޭނުންވާނެ ބައެއް ސާމާނުވެސް ހަދިޔާކޮށްފައެވެ. އެގޮތުން މެޑިކަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓާއި ޑިސްއިންފެކްޓެންޓް ފަދަ ތަކެތި އެރަސްމިއްޔާތުގައި ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު