ތެޔޮ ފުނަދޫ: ސަލާމަތީ ކަންކަން ސުމެއްގަ

މާލެއާ ކައިރީގައި ފުނަދޫއަކީ އެސްޓީއޯއިން ތެޔޮ ރައްކާކޮށް ބަލަހައްޓަމުން އަންނަ ރަށެކެވެ.

މި ރަށުގެ ރައްކާތެރިކަމާ މުޅި ރާއްޖެއާ ވަނީ ގުޅިފައެވެ.

އެރަށަކީ ބައިނަލްއަގުވާމީ ބަނދަރެއްގެ ސްޓޭޓަސް ލިބިފައިވާ ރަށެކެވެ.

އެހެންނަމަވެސް އެރަށުގައި ސަލާމަތީ ކަންކަން ހުރީ ސުމެއްގައެވެ.

ޓައިމްސް އެމްވީން ހިންގި ތަހުގީގަކަށް ހާމަވެފައުވާ ގޮތުގައި ފުނަދޫގައި ސަލާމަތީ ގޮތުން އެކަށީގެންވާ ފިޔަވަޅުތަކެއް ނެތެވެ. ކަންބޮޑުވާ މިންވަރަށް ކަންކަން އޮތީ ބޮއްސުންލާފައެވެ.

ފުނަދޫގައި ހުރި ސަލާމަތީ މައްސަލަތައް:

1. ފަޔާލައިނެއް ނެތުން

2. ފޯމް ލައިނެއް ނެތުން

3. ކޫލިން ސިސްޓަމެެއް ނެތުން

4. މުވައްޒަފުންގެ ސަލާމަތީ ކަންކަން އެކަށިގެންވާ ފެންވަރެއްގައި ނުބެލެހެއްޓުން

މި މައްސަލަތަކާ ގުޅޭގޮތުން ވާހަކަދެއްކި އެ ރަށުގައި މަސައްކަތްކުރާ މުވައްޒަފުން ބުނީ ކަންބޮޑުވުންތައް ހުށަހެޅި ނަމަވެސް ކުންފުނީގެ ފަރާތުން މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ނުގެނެސްދޭ ކަމަށެވެ.

"ބަޖެޓުނެތްކަމަށް ބުނެ ފަޔާ ސޭފްޓީ ކަންކަމާ ނޫޅެ ތަނުގެ ކެޕޭސިޓީ ޑަބަލް ކުރި. ޑިޖިޓަލް ގެގިން ސިސްޓަމެއް ހެދި. ފުނަދޫދެ 30 ފޫޓު ހިއްކި. އެހެން ނަމަވެސް ސަލާމަތީ ކަންކަން ރަނގަޅުކުރަން ބުނީމަ ބުނަނީ ބަޖެޓުނެތޭ،" އެރަށުގެ މުވައްޒަފެއް ނަން ހާމަނުކުރުމަށް ޝަރުތުކޮށް ބުންޏެވެ.

ފުނަދޫން ވާހަކަ ދެއްކި މީހުން ބުނީ ފުނަދޫގައި ޓޭންކުތައް ސާފުކުރުވާ މުވައްޒަފުންގެ ސަލާމަތީކަންކަން އެކަށީގެންވާގޮތެއްގައި ނުބަލަހައްޓާކަމަށެވެ.

" ޓޭންކުތައް ސާފުކުރަން ވެސް އޮންނަނީ މަޖުބޫރުކޮށްފަ. ދެނީ ރަބަރު އަންގިއަކާ. ރަބަރު ބޫޓަކާ ބްރީތިން މާސްކެއް ވައި ހޮޅިގުޅާފަ. ޓޭންކުތަކުގަ ވިހަ ހުންނަ މިންވަރު ބަލަން ފެށީ ވެސް މި ހަފްތާތެރޭ. މި އޮތްހާ ދުވަހު ނުބަލާ,"

ނުރައްކާތެރި ހާދިސާއެއް ހިނގައިފިނަމަ ކޮންޓްރޯލް ކުރެވޭނެގޮތެއް ނެތް: ނުރައްކާ ބޮޑު!

ފުނަދޫގައި މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި ފުނަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެކަން ކޮންޓްރޯލް ކުރެވޭނެ ކެޕޭސިޓީއެއް ރާއްޖޭގައި ނެތެވެ.

" ހާދިސާއެއް ހިނގައިފިނަމަ މާލެއާ ހުޅުލޭގެ ބަޔަކަށްވެސް އަސަރު ކޮށްފާނެ"

ޓައިމްސްއާ ވާހަކަ ދެއްކި މީހުން ބުނިގޮތުގައި  މާލޭ ޓީޖެޓީ ސަރަހައްދުގައި ހިނގި ހާދިސާގައި ރޯހިފީ 10 ހާސް ލީޓަރު ހުރި ބައުޒަރުތަކެއްގައެވެ. އެ ހުޅުގަނޑު ކޮންޓް ރޯލްކުރަންވެސް އެތައްގަޑީރެއް ނެގިއެވެ.

ފުނަދޫ ޓޭންކުތަކުގައި 1 މިލިއަން ލީޓަރުގެ ޑީސަލް އަދި 1 މިލިއަން ލީޓަރުގެ ޕެޓްރޯލް އެބަހުއްޓެވެ.

"ފުނަދޫގައި ކަމެއް ހިގައިފިނަމަ މާލެ އާއި ހުޅުލެ އަށް ވެސް އަސަރުކުރާނެ. އެންމެ ބޮޑު މައްސަލައަކީ އެތަނުގައި އެކަށީގެންވާ ސަލާމަތީ ވަސީލަތްތައް ނެތުން،"

ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ގާނޫނު އަސާސީން ވެސް ދައުލަތުގެ ޒިންމާއަކަށް ހަދާފައިވާއިރު ވެރިރަށް މާލެ ކައިރީގައި  މިފަދަ ނުރައްކާތެރި ހާލަތެެއްގައި ތެޔޮ ރައްކާތެެރިކުރަން ހެޔޮވާނީ ކިހިނެތްތޯއެވެ؟

ފުނަދޫގެ ހާލަތު ދައްކުވައިދޭ ބައެއް ފޮޓޯތައް:

ކިޔުންތެރިންގެ ހިޔާލު