އީޔޫގެ އެކްސްޓާނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރާ ރައީސް ބައްދަލުކުރައްވައިފި

ޔޫރަޕިއަން ޔޫނިއަންގެ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފޮރ ސައުތް އޭޝިއާ އެންޑް ޕެސިފިކް، މިސް ޕައޯލާ ޕަމްޕަލޯނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މިސް ޕައޯލާ ޕަމްޕަލޯނީއަށާއި އެކަމަނާ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ އެބޭފުޅުން ދެއްވާ އެހީތެރިކަމާއި، ރާއްޖެއާ މެދު ބަހައްޓަވާ ގާތްގުޅުން ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ދައުރުގައި ރާއްޖެއާއި އީޔޫ އާދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއާ އީޔޫގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ޝައުގުވެރިކަން ފާޅުކުރައްވާ ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ރާއްޖެއާ އީޔޫގެ އިސްވެރިން ބައިވެރިވެ ވަޑައިގެން ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައްދަލުވުމުގައި ދެފަރާތުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވިދާނެ ދާއިރާތަކުގެމައްޗަށް ވެސް މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ މަސްވެރިކަން ފުޅާކުރުމަށް މަސް އެކްޕޯޓު ކުރުމާއި، ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށްނަގާ ޓެކްހާ ގުޅޭކަންކަން އިތުރަށް ހަރުދަނާކުރުމާގުޅޭގޮތުން ޝަޢުގުވެރިކަންފާޅުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި މިސް ޕައޯލާ ޕަމްޕަލޯނީ ވަނީ ދަތުރުފަތުރުކުރުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން ޚާއްޞަކޮށް ވިސާގެ ޚިދުމަތް ދެވޭނެ ފަސޭހަގޮތްތަކެއް ހޯދައިދިނުމަށް މަޝްވަރާކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ "ވީ.އެފް.އެސް ގްލޯބަލް" އާ ގުޅިގެން ދިވެހިންނަށް ފަސޭހައިން ޔޫރަޕުގެ ޤައުމުތަކަށް ދަތުރުކުރެވޭނެ މަގުފަހިވެގެންދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި މިސް ޕައޯލާ ޕަމްޕަލޯނީ ވަނީ ފާއިތުވި އަހަރު ރައީސުލްޖުމްހޫރިއްޔާގެ ހިންގެވުމުގެ ދަށުން ރާއްޖެއަށް ހާސިލްކުރެވިފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އަދި މި ކާމިޔާބީއަށް ހިތްވަރުދެއްވާ މިސް ޕައޯލާ ޕަމްޕަލޯނީ ވަނީ އީޔޫއިން ރާއްޖެއާއެކު ހިޔާލުއެއްގޮތްވާ ކަންކަމުގައި އެކުގައި މަސައްކަތްކުރުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ދެބޭފުޅުންވެސް ވަނީ އިތުރަށް ގުޅުން ބަދަހިކުރެވެންހުރި ދާއިރާތަކާ ބެހޭގޮތުންނާއި ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުނއމަޝްވަރާކުރައްވާފައެވެ. މި ބައްދަލުކޮށްލެއްވުން ނިންމަވާލައްވާފައިވަނީ ރާއްޖެއާއި އީޔޫގެ މެންބަރު ޤައުމުތަކުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ދެފަރާތުގެ ޝަޢުގްވެރިކަން ފާޅުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު