ދިވެހީންނާއި މި ޤައުމުގައި އުޅޭ ބިދޭސީންގެ ރައްކާތެރިކަން ސަރުކާރުން ކަށަވަރުކުރާނަން – ރައީސުލްޖުމްހޫރިއްޔާ

ދިވެހި ރައްޔިތުންނާއި، މި ޤައުމުގައި ދިރިއުޅޭ ބިދޭސީންނާއި، މި ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެއްވެންހުރި ހުރިހައި މަސައްކަތެއް ސަރުކާރުން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާދީ ހިންގާފައިވާ ފިނޑި ޢަމަލާއި ގުޅިގެން ބޭއްވެވި ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެން.އެސް.ސީ.) ގެ ކުއްލި ބައްދަލުކުރެއްވުމަކަށްފަހު ސަރުކާރުން ނެރުއްވި ނޫސްބަޔާނެއްގައެވެ. ތިރީގައި އެވަނީ މިކަމާގުޅޭގޮތުން ސަރުކާރުން މިއަދު ނެރުއްވި ނޫސް ބަޔާނެވެ.

މިނޫސްބަޔާނުގައިވަނީ އަންގާރަ ދުވަހުގެރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާދީ ހިންގާފައިވާފަދަ ފިނޑި ޢަމަލުތައް ހިންގުމަށް މަސައްކަތްކުރާ، އަދި މިފަދަ ޢަމަލުތައް ހިންގާނެކަމުގެ އިންޒާރުދޭ ފަރާތްތަކާ ދެކޮޅަށް، ވަގުތުންވަގުތަށް ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

"ހުޅުމާލޭގައި ހިންގި ޢަމަލުގެ ފުރިހަމަ ތަހުޤީޤެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ކުރަމުންނެވެ. މި ޢަމަލު ހިންގުމުގައި ބައިވެރިވެފައިވާކަމަށް ޝައްކުކުރެވޭ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގައި ދަންނަވަމެވެ. އަދި، އެ ހާދިސާގައި އަނިޔާވި ތިން ބިދޭސީންނަށް ބޭނުންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދެމުންދާކަމާއި، އެ ތިން މީހުންގެ ޙާލު ރަނގަޅުކަމަށް މި ފުރުޞަތުގައި ދަންނަވަމެވެ. މިއާއިއެކު، މި ފަދަ ހަމަލާތަކާއި، ހަރުކަށި ފިކުރުގެ މިފަދަ އެހެން ޢަމަލުތަކަކީ ޤައުމީ ސަލާމަތަށްހުރި ވަރަށް "ސީރިއަސް" ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ދެކޭކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ." ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ބަޔާނުގައިވެއެވެ.

މި ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިފަދަ ޢަމަލުތަކާއިމެދު ފަރުވާތެރިވެ، ޝައްކުކުރެވޭ އެއްވެސް ކަމެއް ފެނިއްޖެނަމަ، ވީ އެންމެ އަވަސް ފުރުޞަތެއްގައި އެކަމަކާއިބެހޭ މަޢުލޫމާތު ކަމާއިބޭހޭ އިދާރާތަކާއި ޙިއްޞާކުރެއްވުމަށް ޢާންމުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

އަދި، މިފަދަ ނުރައްކާތެރި ޢަމަލުތަކާއި، ހަރުކަށި ފިކުރުގެ އެއްވެސް ޢަމަލަކަށް ދިވެހިރާއްޖެއިން ފުރުޞަތު ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އަރުވާފައިވެއެވެ. މީގެ އިތުރުން، މިފަދަ ހާދިސާތަކާއި ގުޅިގެން ރަސްމީ އިދާރާތަކުން ހާމަކުރާ މަޢުލޫމާތަށް މެނުވީ ބަރޯސާނުވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު