ޔާމީންގެ ޙުކުމް ފަސްކުރެވޭކަށްވެސް ނެތް، ކަފާލާތުގެދަށުން ދޫކޮށްލެވޭކަށްވެސް ނެތް - ހައިކޯޓު

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލާފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޖަލު ޙުކުމް ތަންފީޒުކުރުން ފަސްކޮށްދެވެންވެސް އަދި އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަންކުރެވެން ވެސް ނެތްކަމަށް ހައިކޯޓުން ނިންމައިއެވެ.

މިގޮތަށް ނިންމީ މިއަދު ހައިކޯޓުގައި ބޭއްވި މިމައްސަލައިގެ އިސްތިއުނާފު އަޑުއެހުމުގައެވެ.

ރައީސް ޔާމީންގެ މައްޗަށް ދަޢުވާ އުފުލީ، އެމަނިކުފާނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ގއ.ވޮޑަމުލާގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން އެމެރިކާ ޑޮލަރު ޔާމީންގެ އަމިލަފުޅު އެކައުންޓަށް ޖަމާކުރައްވައި، އެ ފައިސާ ލޯންޑަރ ކުރެއްވުމުގެ ކުށުގައެވެ. އެ ފައިސާގެ އަސްލު އޮޅުވާލެއްވުމަށް ޔާމީން މަސައްކަތްކުރެއްވިކަމުގެ ތުހުމަތުވެސް ދައުލަތުން ކުރެއްވިއެވެ.

ޔާމިންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މަނީ ލޯންޑްރިންނާއި ޓެރަރިޒަމްއަށް ފައިނޭސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ ށ ދަށުނެވެ.

އެ ޤާނޫނު ބުނާ ގޮތުން މަނީލޯންޑްރިންގެ ކުށެއް ކޮށްފި މީހަކަށް ކުށްސާބިތުވެއްޖެނަ ދެ ގޮތަކަށް އަދަބު ދެވިދާނެއެވެ. އެއް ގޮތަކީ އެމީހަކު 100,000 (އެއްލައްކަ) ރުފިޔާއާއި 1,000000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ދެ ވަނަ ގޮތަކީ ޢަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ ޢަދަދު (ލޯންޑަރކުރި ފައިސާގެ ޢަދަދު) ގެ 5 ގުނައަށްވުރެ އިތުރުނުވާ ޢަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ކިޔުންތެރިންގެ ހިޔާލު