ޝިދާތާ އިސްތިއުފާ ދެއްވައިފި، ޖެންޑަރ މިނިސްޓަރުކަމަށް ޢާއިޝަތު މުޙައްމަދު ދީދީ

މަސްއޫލިއްޔަތު އަދާކުރުމުގައި ޒިންމާ އަދާނުކުރެއްވޭކަމުގެ ތުހުމަތާއެކު އެތައް ބައެއްގެ ނުރުހުން އަމާޒުވެ މަޤާމުން އިސްތިއުދާދެއްވުމަށް ކުރިމަތިވެވަޑައިގަތް ޕްރެޝަރާއެކު، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް އެންމެފަހުން މަޤާމުން އިސްތިއުފާ ދެއްވުމާއެކު އެމަޤާމަށް  ޢާއިޝަތު މުޙައްމަދު ދީދީ ޢައްޔަން ކުރައްވައިފިއެވެ.

ޢާއިޝަތު މުޙައްމަދުދީދީ މިހާތަނަށްވެސް އިންނެވީ އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނަޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގައެވެ.

މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފު އިހުމާލުވެވަޑައިގެންފިކަމަށާ، މަސްއޫލިއްޔަތު އަދާ ނުކުރައްވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ އިއްޔެ ޝިދާތާގެ އިސްތިއުފާއަށް ގޮވާފައެވެ.

މެމްބަރުން މިގޮތަށް ގޮވާލެއްވީ، ޖިންސީ އަނިޔާއާ ގުޅޭ ސީރިއަސް މައްސަލަތަކެއް ކުރިމަތިވެފައިވާ، ދަރުމަވެރިޔާ އަޙްމަދު ހިޝާނުގެ މައްޗަށް ކުރެވޭ ތުހުމަތުތައް އެނގޭއިރު އަދި އެމަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސުން ޖެންޑަރ މިނިސްޓްރީއަށް އަންގާފައިވަނިކޮށް އެކަމާމެދު އަޅަންޖެހޭ ފިޔަވަޅު ނޭޅި މައްސަލާގައި މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުންނެވެ.

މި މައްސަލައާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝިދާތާގެ އިސްތިއުފާއަށް އެންމެބޮޑަށް ގޮވާލެއްވީވެސް މަޖިލީހުގައި ތިއްބެވި ސަރުކާރަށް ނިސްބަތްވާ މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު