ހެކި ނެތުމަކީ ހުއްޖަތެއްް ނޫން, ފިޔަވަޅު އެޅުން އަވަސްކުރޭ! - ޣައްސާން

ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމުގެ މައްސަލަތަކާ ގުޅޭ ހެކި ނެތުމަކީ ހުއްޖަތެއް ނޫކަމަށާ، އެފަދަ މައްސަލަތަކުގައޮ ފިޔަވަޅު އެޅުން އަވަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޖިންސީ ފުރައްސާރަކުރާ މީހުން، ނިކަމެތިންގެ ދަތި ޙާލަތުގެ ނާޖާއިޒް ފައިދާ ނަގާކަމަށެވެ. އަދި ސަހަރޯވެރިއަކަށް ހެދިގެން، ނިކަމެތި ޢާއިލާތަކުގެ ކުދީންނާ ގާތްވަން މަސައްކަތްކުރާކަމަށާ، ދައުލަތުގެ އިދާރާތަކުގެ ތެރެއިންނާ، ޤާނޫނުގައި ހުރި ބާގަނޑުތައް ހޯދައިގެންވެސް މި ނޭއްގާނީ ޢަމަލަށް މަގުފަހިކުރާކަމަށެވެ.

މިހާރު ފެންމަތިވެގެން އުޅޭ ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރުގެ މައްސަލައަށް އިޝާރާތްކުރައްވައި ޣައްސާނު ވިދާޅުވެފައިވަނީ މިމައްސަލާގައި ، މިލިބުނީ ވަރަށް ބޮޑު ޢިބްރަތެއްކަމަށެވެ. އަދި މިކަމާ ގުޅޭ ޤާނޫނުތައް ހަރުދަނާކުރުން އަވަސް ކުރަންވެއްޖެކަމަށާ، ހެކި ނެތުމަކީ ހުއްޖަތެއް ނޫންކަމަށެވެ.

ޖިންސީ ގޯނާގެ ވޭން މުޅި ޢުމުރަށް ކުދީން ބަރުދާސްކުރާނެކަން ފާހަގަކުރައްވަމުން ޣައްސާން ވިދާޅުވީ ކުޑަކުދީންނާއި ޚާއްޞައެހީއަށް ބޭނުންވާ ކޮންމެ ފަރުދަކަށް ރައްކާތެރިކަން ހޯދައިދިނުމަކީ މުޅި މުޖްތަމަޢުގެ ޒިންމާއެއްކަން ދަންނަންޖެހޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު