ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމާމެދު ގޮތެއް ނިންމުން މާދަމާ!

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ޖަލު ޙުކުމް  ބާޠިލް ކުރުމަށް ހައިކޯޓަށް ހުށައަޅުއްވާފައިވާ އިސްތިއުނާފު މައްސަލަ މާދަމާއަށް ތާވަލުކޮށްފިއެވެ.

އިސްތިއުނާފު އެމައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ. މާދަމާގެ އަޑުއެހުމުގައި ރައީސް މި މައްސަލައާ ގުޅޭ ގޮތުން ފަނޑިޔާރުންގެ މަޖިލީހުން ގޮތެއް ނިންމަވާނެކަމަށް ބެލެވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދަޢުވާ އުފުލީ، އެމަނިކުފާނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ގއ.ވޮޑަމުލާގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން އެމެރިކާ ޑޮލަރު ޔާމީންގެ އަމިލަފުޅު އެކައުންޓަށް ޖަމާކުރައްވައި، އެ ފައިސާ ލޯންޑަރ ކުރެއްވުމުގެ ކުށުގައެވެ. އެ ފައިސާގެ އަސްލު އޮޅުވާލެއްވުމަށް ޔާމީން މަސައްކަތްކުރެއްވިކަމުގެ ތުހުމަތުވެސް ދައުލަތުން ކުރެއްވިއެވެ.

ޔާމިންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މަނީ ލޯންޑްރިންނާއި ޓެރަރިޒަމްއަށް ފައިނޭސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ ށ ދަށުނެވެ.

އެ ޤާނޫނު ބުނާ ގޮތުން މަނީލޯންޑްރިންގެ ކުށެއް ކޮށްފި މީހަކަށް ކުށްސާބިތުވެއްޖެނަ ދެ ގޮތަކަށް އަދަބު ދެވިދާނެއެވެ. އެއް ގޮތަކީ އެމީހަކު 100,000 (އެއްލައްކަ) ރުފިޔާއާއި 1,000000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ދެ ވަނަ ގޮތަކީ ޢަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ ޢަދަދު (ލޯންޑަރކުރި ފައިސާގެ ޢަދަދު) ގެ 5 ގުނައަށްވުރެ އިތުރުނުވާ ޢަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ކިޔުންތެރިންގެ ހިޔާލު