ތައުހީދުގެ ޢަޤީދާއިން އިންސާނިއްޔަތަށް ކުރި ހެޔޮ އަސަރު

"التوحيد " މިއީ ޢަރަބި ބަހެކެވެ. މި ބަހުގެ ލުޣަވީ މާނައަށް ބަލާއިރު މި ބަހުގެ މަޞްދަރަކީ " وحّد " "يوحّد"  އެވެ. މާނައަކީ އެއްޗެއް އެކަނި (އެހެން އެއްޗެއް ބައިވެރި ނުކޮށް) ވުމެވެ. ނަފީ އާއި ޘާބިތު އަކީ ތައުޙިދުގެ ދެ ރުކުނެވެ. ތައުޙީދުގެ ކަލިމަކީ "لا إله" (އެއީ ނަފީ އެއް) އަދި "إلا الله" ( އެއީ ޘާބިތު) އެވެ. މާނައަކީ މާތްﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވެއެވެ.

މާތްﷲ އަށް ނިސްބަތްކޮށް ދިވެހިބަހުން ބޭނުންކުރަނީ "އެއްކައުވަންތަ" މި ބަހެވެ. އެއްކައުވަންތަކަމުން ވަކި ކަމެއް ނަފީ ކޮށްދީ އަދި ވަކިކަމެއް ޘާބިތުކޮށްދެއެވެ. މާތްﷲ އަށް ނިސްބަތްކޮށް ތައުޙީދު ބޭނުންކުރާ މާނައަކީ މާތްﷲ ސުބުޙާނަހު ވަތަޢާލާ އަކީ އެއްކައުވަންތަ، އަދި އެހެން ފަރާތަކަށް ބޭނުންވެ ވޮޑިގެން ނުވާ އެއްކައުވަންތަ ކަލާންގެއެވެ.

"التوحيد " ގެ އިޞްޠިލާޙީ މާނައަކީ ރައްބުވަންތަ ކަމާއި (ރުބޫބިއްޔަތު) އިލާހުވަންތަ ކަމާއި (އުލޫހިއްޔަތު) އެކަލާނގެއަށް ނިސްބަތްކުރެވޭ ނަންފުޅުތަކާއި ސިފަފުޅުތަކުގައި  (އަލްއަސްމާއު ވައްޞިފާތު) މާތްﷲ ސުބުޙާނަހު ވަތަޢާލާ އަކީ އެއްކައުވަންތަ އިލާހެވެ.

ތައުޙީދުގެ ކަލިމަ

ތައުޙީދުގެ ކަލިމަ އަކީ (لا إله إلا الله) އެވެ. މި ކަލިމަގެ އަސާސީ މާނައަކީ މާތްﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވެއެވެ. މި ކަލިމާގެ ޝަރަޙައަށް ބަލާއިރު މާނައަކީ، އުލޫހިއްޔަތުގައި އެހެން ފަރާތެއް ބައިވެރިކުރުމުން ނަފީވެގެންވުމެވެ. ހަމައެހެންމެ ހަމައެކަނި އެއްކައުވަންތަ މާތްﷲ އަށް އެމީހެއްގެ ހިތުގައި ލޯބި ކުރުމެވެ. އެކަލާނގެ މަތިވެރި ކުރުމާއި އެކަލާނގެއަށް ޚުޝޫޢަތްތެރި ވުމާއި އެކަލާނގެއަށް ބިރުވެތި ވުމެވެ. މާތްﷲ ފިޔަވައި އެހެން ފަރާތެއް ދެކެ ބިރު ނުގަތުމެވެ. މާތްﷲ އަށް އެކަނި ވަކީލުކުރުމާއި އެކަލާނގެ ޙަޟްރަތުން ތަޢުބާވުމަށް އެދުމެވެ. އަދި އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. އެކަލާނގެ އަށް ސަޖިދަ ކުރުމާއި އަޅުކަން ކުރުމެވެ. ޒަބަޙަކުރާ އެއްޗެއް އެކަލާނގެ އިސްމުފުޅުގެ ބަރަކާތުން އެކަލާނގެއަށް ޓަކައި ކުރުމެވެ. މަތްﷲ ފިޔަވައި ޚާލިޤަކު ނުވެއެވެ. ވީމާ، އެކަލާނގެ ފިޔަވައި ރިޒުޤުދޭނޭ ފަރާތެއްވެސް ނުވެއެވެ.

ތައުޙީދުގެ ކަލިމާގެ ޝަރުޠުތައް

ތައުޙީދުގެ ކަލިމާގެ ފުރަތަމަ ޝަރުޠަކީ އެކަމުގެ ޢިލްމު ލިބިގެންވުމެވެ. މާނައަކީ މި ކަލިމަ ދުލުން ކިޔުމުގެ ކުރިން މާނަ އަޅުތަކުންގެ ހިތުން ޤަބޫލުކުރުމެވެ. މި ކަލިމާގައިވާ ނަފީ އާއި އިޘްބާތު ދެނެގަތުމެވެ. އަދި މާނަ ޔަޤީން ކުރުމެވެ. އެހެނީ ފުރިހަމަ ޢިލްމު ލިބިއްޖެނަމަ އެކަން ނަފީކުރާނެ ޝައްކުތަކުން ސަލާމަތްވާނެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މާތްﷲ އާއި އެއްފަދަ އެހެން އިލާހެއް ނުވާ ކަމަށް ޤަބޫލުކުރުމުގައި އިޚްލާޞްތެރިކަން ޤާއިމުވެގެންދާނެއެވެ. އަދި އޭގެ ސަބަބުން ނިފާޤުކަމުގެ ސިފަ މަނާވެގެން ދާނެއެވެ. އަދި އެކަލާނގެ އެންގެވި ވާޖިބުތައް އަދާކުރުމުގައި އިޚްލާޞްތެރިކަން އުފެދި، އެކަލާނގެ އެންގެވި ކަންކަން ހިތުން ޤަބޫލުކުރެވޭނެއެވެ. ހަމައެހެން ތަޢައްޞުބާއި ކިބުރުވެރިކަމުން ރައްދުދިނުމުން ދުރުވެގެން ދާނެއެވެ.

ތައުޙީދަކީ ކޮބާކަން އިންސާނިއްޔަތަށް ތަޢާރަފްވުމުގެ ކުރީގެ ޒަމާނަށް ޖާހިލިއްޔަ ޒަމާނޭ ކިޔުނެވެ. މާނައަކީ އެޒަމާނުގައި އުޅުނު މީސްތަކުންގެ ޖާހިލުކަމުން އިންސާނުންނާމެދު ޢަމަލުކުރަމުން އައި އިންސާނިއްޔަތާއި ޚިލާފް ދަށު ދަރަޖައިގެ ގޮތްތަކާއި އަޅުކަންކުރުމުގައި ގެންގުޅުނު ނޭނގާނީ އުސޫލުތަކާއި ޢިލްމު ލިބިފައި ނުވާކަމެވެ. މި ހުރިހާކަމެއް ބަދަލުކޮށްލީ އިސްލާމީ ޝަރީޢާގެ ހިދާޔަތާއި ނޫރުންނެވެ. ތައުޙީދުގެ ކަލިމައިގެ މަތިވެރިކަމުންނެވެ.

ތައުޙީދުން އިންސާނިއްޔަތަށް ލިބިގެންދިޔަ މިނިވަންކަން

ފަހެ، ޝިރުކަކީ ކޮންމެ ސިފައެއްގައި ބެލިނަމަވެސް، އިންސާނިއްޔަތު އަޅުވެތި ކުރުމެކެވެ. އަދި އިންސާނިއްޔަތާއި ޚިލާފް ކަންކަން އެކަމުގައި އެކުލެވިގެންވާ ކަމެކެވެ. އެގޮތުން، ޝިރުކުގައި އިންސާނާއަށް މަޖުބޫރުވަނީ މަޚްލޫޤަކަށް އަޅުވެތިވުމަށެވެ. އަދި އިންސާނަ ޚަލްޤު ކުރައްވާފައި ނުވާ، އަދި އިންސާނާއަށް ޚަލްޤު ނުކުރެވޭނެ އެއްޗަކަށް އަޅުކަންކުރުމަށް ލާޒިމު ވެއެވެ. އަދި އެއީ އޭގެ އަމިއްލަ ނަފްސަށް އެއްވެސް އެއްޗެއް މިލްކުވެގެން ނުވާ އަދި އެހެން މީހަކަށް ފައިދާ އެއް އަދި ގެއްލުމެއްވެސް ދެވޭނެ އެއްޗެއް ނޫނެވެ. ދިރިހުރެވޭނެ ބާރާއި މަރުގެންނެވުމުގެ ބާރުވެސް ލިބިފައި ނުވެއެވެ.

އެހެންނަމަވެސް، ތައުޙީދަށް ބަލާނަމަ، އިންސާނުން ޚަލްޤު ކުރައްވާފައިވާ ފަރާތަށް ނޫން އެހެން ފަރާތްތަކަށް އަޅުވެތިވުމުން އިންސާނިއްޔަތު މިނިވަން ކުރެއްވި އެވެ. ޚުރާފާތްތަކާއި ވަހުމުތަކުން އިންސާނާގެ ވިސްނުމާއި ބުއްދި ސަލާމަތް ކުރެއްވެވިއެވެ. އިންސާނިއްޔަތާއި ޚިލާފް އަނިޔާ އިން އިންސާނާގެ ޟަމީރު މިނިވަން ކުރެއްވިއެވެ. ފިރުޢައުނުންނާއި އަރުބާބުންގެ އަޅުވެތިކަމުން އިންސާނިއްޔަތު މިނިވަންކުރެއްވަވައި ޙައްޤުވަންތަ މާތްﷲ އަށް އަޅުކަންކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވެވިއެވެ.

ޝިރުކުގެ ޒަޢީމުންނާއި ޚުދުމުޚްތާރު ޖާހިލުންގެ ގެ ނުބައިކަމުން އިންސާނިއްޔަތު ސަލާމަތްކުރެއްވުމަށް މާތްﷲ ގެ ނަބިއްޔުން މަސައްކަތްކުރެއްވެވިއެވެ. ޚާއްޞަ ގޮތެއްގައި ކީރިތި ރަސޫލާ (صلي الله عليه وسلم) ގެ ދަޢުވަތަކީ އެކަމަށް ގޮވާލެއްވި ދަޢުވަތެކެވެ. އެހެނީ "لا إله إلا الله"  ތައުޙީދުގެ މި ކަލިމަފުޅު އިޢުލާނު ކުރަނީ އިންސާނިއްޔަތުގެ މިނިވަންކަމެވެ. އަދި މި ކަލިމަފުޅުގެ ސަބަބުން ޢާލަމްތަކުގެ ވެރި ރައްބު މާތްﷲ ފިޔަވައި އެހެން ފަރާތަކަށް ސަޖިދަކުރުން މަނާ ކުރެއްވެވިއެވެ.

ކީރިތި ރަސޫލާ (صلي الله عليه وسلم) އިސްލާމް ދީނުގެ ދަޢުވަތާއިގެން ވަޑައިގެންނެވި އިރު، ދުނިޔެ އޮތް ޙާލަތަށް ބަލާއިރު، މީސްތަކުން ތިބީ މުއްސަދި މަދު ބައެއްގެ އަޅުވެތިކަމުގައެވެ. ސަޖިދަ ކުރަން މަޖުބޫރުވެފައިވަނީ އެފަދަ އެހެން އިންސާނަކަށެވެ. އަންހެން ދަރިން ދިރިތިއްބާ ވަޅުލަމުން ގެންދިޔައެވެ. މުދާގަނޑެއް ފަދައިން އިންސާނުން ބާޒާރުގައި ވިއްކަމުން ގެންދިޔުމާއި، ވާރުތަ މުދާގަނޑެއްފަދައިން އެކެއްގެ ކިބައިން އަނެކަކަށް އިންސާނުން ވާރުތަކުރަމުން ގެންދިޔައެވެ. މަރާލެވުނު އެކެއްގެ ބަދަލުގައި ކުށެއްނެއް ޢާއިލާއެއް އެކީ މަރަމުން ގެންދިޔައެވެ. އެބައި މީހުން އަމިއްލައަށް އުފައްދާ ޤާނޫނުތަކުން ބާރުގަދަ މަދުބަޔަކު ބޭނުންވާ ގޮތަކަށް ޙުކުމްތައް ކުރަމުން ގެންދިޔައެވެ. ބަޔާންކުރެވުނު ލާއިންސާނީ ޖަރީމާތައް މަނާކުރައްވާ އިންސާނިއްޔަތު މިނިވަންކޮށްދެއްވެވީ އިސްލާމީ ޝަރީޢަތެވެ. ތައުޙީދުގެ ޢަޤީދާއެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު