ޢިއްޒުއްދީން ސްކޫލް ހުޅުވުމާއެކު ސަރުކާރުގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ އައު މަރުޙަލާއެއް ފެށިގެންދާނެ- ރައީސުލްޖުމްހޫރިއްޔާ

މިއަދު ހުޅުވި ޢިއްޒުއްދީން ސްކޫލް ހުޅުވުމާއެކު ސަރުކާރުގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ އައު މަރުޙަލާއެއް ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މާލޭގައި ހުޅުވި އެއްދަންފަޅިއަށް ކިޔަވައިދޭ ފުރަތަމަ ސްކޫލު " ޢިއްޒުއްދީން ސްކޫލު" ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ މިފެށުނު އައު މަރުޙަލާގެ ދަށުން މިސިޔާސަތު ތަންފީޒު ކުރެވޭނީ، ދަރިވަރުންނަށް ކިޔަވައިދިނުމުގެ އިތުރުން، ތަރުބަވީ އަޚްލާޤާއެކު، ހަށި ހެޔޮކަމުގެ ޙަރަކާތްތައް ހިމެނޭ، ވަށައިޖެހިފައިވާ ނިޒާމެއްގެ ތެރެއިން ކަމުގައެވެ.

"މި ނިޒާމު ތަންފީޒުވާއިރު، ބެލެނިވެރިޔާ އޮފީހަށް ދާނީ، 7:40 އަށް ދަރިފުޅު ގެންގޮސް ސްކޫލަށް ލައިފަ. ސްކޫލުގައި ދަރިވަރުންގެ ދުވަސް ފަށާނީ ހެނދުނުގެ ނާސްތާއިން. އެސެމްބްލީއަށް ފަހު އޮންނާނީ ކިޔެވުން. މެންދުރު ނަމާދު ވަގުތު ޖެހުމުން، ސްކޫލްގައި ނަމާދުކޮށް މެންދުރުގެ ކެއުން އޮންނާނެ. ބެލެނިވެރިޔާ އޮފީސް ނިމިގެން ގެއަށް ދާނީ، ހެނދުނު ސްކޫލަށް ލީ ދަރިފުޅު ގޮވައިގެން. އޭރު ދަރިފުޅު ހުންނާނީ، އިތުރު ޙަރަކާތްތަކާއި އިތުރު އެހީދޭ ކްލާސްތައް ވެސް ނިންމައިގެން. ދެން އެދުވަހު ދަރިވަރުވެސް، ބެލެނިވެރިޔާ ވެސް އިތުރު ވަގުތަކު ސްކޫލަށް އަންނާކަށް ނުޖެހޭނެ" މި ނިޒާމުގެ އިތުރު ތަފްޞީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ހުރިހާ ދަރިވަރުންނަށް، މަރުޙަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ދާއިރާއިން ގެންނަވާނެ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ. އެގޮތުން މިއަހަރު ވެސް، އެއް ދާއިރާއަކަށް ދައުލަތުގެ ބަޖެޓުން އެންމެ މަތީ އިންސައްތައެއް، ކަނޑައަޅާފައި ވަނީ ތަޢުލީމީ ދާއިރާއަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ބަޖެޓްގެ 12 އިންސައްތަ، ނުވަތަ 4.4 ބިލިއަން ރުފިޔާ މިއަހަރު ތަޢުލީމަށް ކަނޑައަޅާފައިވާއިރު އެއީ މިދިޔަ އަހަރަށްވުރެ 1 ބިލިއަން ރުފިޔާ އިތުރު ޢަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަޢުލީމީ ދާއިރާއިން މިއަހަރު ކުރެއްވުމަށް ރޭވިފައިވާ މުހިންމު ބައެއް ކަންކަމަށް އަލިއަޅުއްވާލައްވަމުން އަތޮޅުތަކުގެ ތަޢުލީމީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް މިއަހަރުގެ ބަޖެޓުން، 330 މިލިއަން ރުފިޔާ ކަނޑައެޅިފައިވާކަމަށާއި އަދި މާލޭގެ ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތް ހެދުމަށް 65 މިލިއަން ރުފިޔާއާ ހުޅުމާލޭގައި އައު ސްކޫލެއް ޢިމާރާތް ކުރުމަށް 54 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މިދިޔަ އަހަރު ތަޢުލީމީ ދާއިރާއަށް ސަރުކާރުން ފަހިކޮށްދެއްވި ބައެއް ފުރުޞަތުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގައި ތިބެގެން ހިލޭ ޑިގްރީއަށް ކިޔެވުމަށް ސަރުކާރުން ފަހިކޮށްދިން ފުރުޞަތުތަކުގެ ތެރެއިން މިދިޔަ އަހަރު ނިމުނުއިރު 5590 ދަރިވަރަކަށް ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ފައިސާ ދޫކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކިޔެވުމަށް ދެވޭ ސްޓޫޑެންޓް ލޯނުގެ އިންސްޓަރެސްޓް 3 އިންސައްތަ ކުޑަކޮށް ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު25 އިންސައްތަ އިތުރުކޮށްދީފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުވައިދެއްވި ޢިއްޒުއްދީން ސްކޫލުގައި ކްލާސްތަކަށް ދަރިވަރުން ބަހާލާފައިވަނީ، ކްލާހެއްގައި 25 ދަރިވަރުންނަށް ވުރެ އިތުރު ނުވާ ގޮތަށެވެ. މިއީ ސަރުކާރުގެ ސްކޫލެއް މިގޮތަށް އިންތިޒާމު ކުރެވޭ ފުރަތަމަ ފަހަރުވެސް މެއެވެ.
ޢިއްޒުއްދީން ސްކޫލްގެ ނަން ނިސްބަތްވަނީ، އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ މަޝްހޫރު ނަމުންނަމަ ދޮންބަންޑާރައިންނަށެވެ. ޢިއްޒުއްދީން ސްކޫލަކީ 450 ދަރިވަރުންގެ ޖާގައިގެ، ގްރޭޑް 6 އާއި ހަމައަށް ކިޔަވައިދޭގޮތަށް އިންތިޒާމުކުރެވިފައިވާ ސްކޭލެކެވެ. މި ސްކޫލު ހުޅުވުމާއެކު ރާއްޖޭގައި ހުރި ސަރުކާރުގެ ސްކޫލުތަކުގެ ޢަދަދު 212 އަރާނެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އިތުރުން ދައުލަތުގެ ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު