ކިންގް ސަލްމާން މިސްކިތް މިމަހުގެ ނިޔަލަށް ނިންމާނެ - ޕްލޭނިންގ

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް މިމަހުގެ ނިޔަލަށް މުޅިން ނިންމާލެވޭނެކަމަށް މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކުރައްވައިފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެފައިވަނީ މިމިސްކިތުގައި މިހާރު ކުރިއަށްދަނީ އެތެރޭގެ މަސައްކަތްތަކުގެ ތެރެއިން ފިނިޝިންގގެ ބައެއް މަސައްކަތްތައްކަމަށެވެ.

މި ޕްރޮޖެކްޓުގެ އިންޖިނިއަރ ޙަސަން ސާމީއާ ޙަވާލާދީ ޕީއެސްއެމް ނިއުސް އިން ބުނެފައިވަނީ މިސްކިތުގެ ޢަމަލީ މަސައްކަތުގެ %91 މިހާރު ނިމިފައިވާކަމަށެވެ.

މިމިސްކިތުގައި ނަމާދުކުރުމަށް ޚާއްސަކޮށްފައިވަނީ ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާއެވެ. ގާތްގަނޑަކަށް 4000 މީހުންނަށް އެއްފަހަރާ މި މިސްކިތުގައި ނަމާދުކުރެވޭނެއެވެ.

މިސްކިތުގެ 3 ވަނަ ފަންގިފިލާގައި 4 ކްލާސްރޫމަކާއި، 5 ސެމިނަރ ރޫމް ހުރެއެވެ. އަދި އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ޚާއްސަ ތަނެއްވެސް މިތަނުގައި ހަދާފައެވެ. 4ވަނަ ފަންގިފިލާގައިވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމެކެވެ. މިއީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ ހިލޭ އެހީގެ ދަށުން ބިނާކުރާ މިސްކިތެކެވެ.

ކިޔުންތެރިންގެ ހިޔާލު