ކަރެކްޝަންސްގެ ޖަލުތައް ފުރި މައްސަލަތައް ކުރިމަތިވެއްޖެ

ޖަލު ޙުކުމް ތަންފީޒުކުރާ ޤައިދީން ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތައް ފުރި އިތުރު ކުށްވެރިންތައް ކަރެކްޝަނާ ޙަވާލުކުރެވޭނެ ގޮތެއް ނެތްކަމަށް، ކަރެކްޝަނުން އަންގަވާފައިވާ ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ތިބި ޤައިދީންގެ ތެރެއިން ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރަންޖެހޭ 58 ގައިދީއަކު މިވަގުތު އެބަތިބި ކަމަށާ، އޭގެތެރެއިން 50 މީހުންނަކީ ހުކުމް ތަންފީޒުކުރުމަށްޓަކައި، ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރަންޖެހޭ މީހުން ޤައިދީންކަމަށް ފުލުހުން ވިދާޅުވެއެވެ.

އެހެންނަމަވެސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތައްފުރިފައިވުމުގެ ސަބުން އެޤައިދީންނާ ހަވާލުވުމަށް ކަރެކްޝަނަލް ސަރވިސްއިން އުޒުރުވެރިވާތީ އެހުރިހާ ޤައިދީންވެސް ތިބީ ދޫނިދޫ ޖަލުގައިކަމަށެވެ.

މިޤައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރާކަމަށް ދެކެވޭ ވާހަކައާގުޅިގެން ފުލުހުން ވިދަޅުވީ ކަރެކްޝަނަލް ސަރވިސްއާ ޙަވާލުކުރަންޖެހޭ ޤައިދީންގެ ތެރެއިން 8 މީހަކު އިއްޔެގެވަގުތެއްގައި ކެއުމަށް އިންކާރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އޭގެތެރެއިން އެކަކު ފިޔަވައި އެހެން ހުރިހާ ޤައިދީން މިއަދުން ފެށިގެން ކާން ފަށާފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު