ވޯޓުލީ މީހުންގެ ޢަދަދު މަދުކަމަށް ބުނާތީ ނަޝީދުގެ ރައްދު އިދިކޮޅު ފަރާތްތަކަށް!

އެމްޑީޕީ ލީޑަޝިޕް އިންތިހާބުގައި، ވޯޓު ލާން ނުކުތް މީހުންގެ ޢަދަދު މަދުކަމަށްބުނެ ދެކެވެމުންދާ ވާހަކަތާ ގުޅިގެން ރައީސް ނަޝީދު އިދިކޮޅު ފަރާތްތަކަށް ރައްދުދެއްވައިފިއެވެ.

މިއަދު އޮތް ރަސްމިއްޔާތެއްގެ ތެރެއިން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ އިންތިޚާބުގައި ވޯޓުލާން ނުކުރް މީހުންގެ ޢަދަދު މަދުނޫންކަމަށާ، ތަރައްގީވެފައިވާ ގައުމުތަކާ ބަލާއިރު، ވޯޓުލާން ނުކުތް މީހުންގެ ޢަދަދު ރަނގަޅުކަމަށެވެ.

އެމްޑީޕީގެ އިންތިޚާބުގައި ވޯޓުލާން ނުކުތް މީހުންގެ ޢަދަދު މަދުވެގެން އިދިކޮޅު ފަރާތްތަކުން މިއަދު ވާހަކަދައްކަވާއިރު، އިދިކޮޅު ޕާޓީގެ އިންތިޚާބެއްގައި ވޯޓުލާން 200 އެއްހާ މީހުންވެސް ނުނެރެވޭނެކަމަށް ވިދާޅުވެ ރައީސް ނަޝީދުވަނީ ގޮން ޖައްސަވާފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤުލިބިގެންވަނީ 87،439 މީހުންނަށެވެ. އެންމެފަހުން ބޭއްވި އިންތިޚާބުގައި ވޯޓުލާން ނުކުތީ އެންމެ 23،613 މީހުންކަމަށް މިހާތަނަށް ވަނީ ހާމަވެފައެވެ.

އިއްޔެ ނިމިގެންދިޔަ ވެރިކަންކުރާ މައިޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބު ޚާމިޔާބުކުރެއްވީ މިހާރުގެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، ނާއިބުރައީސް މުޙައްމަދު ޝިފާޒެވެ.

މިހާތަނަށް ޢިއުލާން ކޮށްފައިވާ ނަތީޖާ ދައްކާގޮތުން ނަޝީދަށް ވަނީ 23،369 ވޯޓު ލިބިވަޑައިގެންފައެވެ. ނައިބުގެ ރައީސްގެ މަގާމު ދިފާއު ކުރައްވަން ނުކުމެވަޑައިގަތް މުހައްމަދު ޝިފާޒަސް ލިބިވަޑައިގަތީ 13،233 ވޯޓެވެ. އަސްލަމަށް ހޯއްދެވުނީ 9،957 ވޯޓެވެ. އޭނާއާ ވާދަކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

ކިޔުންތެރިންގެ ހިޔާލު