ނާޒިމްގެ ވާހަކަތަކީ ސިޔާސީ މަންފާއެއް ހޯދުމަށާއި ބަދަލު ހިފުމުގެ ރޫހުގައި ހެދި ގޮގެއް - އަދީބުގެ ޢާއިލާ

އަލްމަރްހޫމް ޑރ.އަފްރާޝިމް އަލީގެ ތަހުގީގަށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނާޒިމް ދެއްވާފައިވާ ބަޔާނަކީ ސިޔާސީ މަންފާއެއް ހޯދުމަށާއި އަދި ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހުގައި ދެއްވާފައިވާ ޒިންމާދާރުކަން ކުޑަ ޒާތީ ތައައްސަބުން ފުރިގެންވާ ބަޔާންނެއް ކަމުގައި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ ޢާއިލާއިން ބުނެފިއެވެ.

އަހްމަދު އަދީބްގެ ނަން ބޭނުން ކޮށްގެން ނާޒިމް ދައްކަވާފައި ވަނީ ސާބިތު ނުހިފޭ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާ، އަހުމަދު އަދީބަކީ ރައީސް ނަޝީދަށް އެއްވެސް އިރެއްގައި ގެއްލުމެއް ދޭން އުޅުނު ފަރާތެއް ނޫންކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އަދި ރާއްޖެ ޓީވީ އާއި ބެހޭ ގޮތުން އެސްއެމްއެސްއެއް ފޮނުވި ވާހަކަ އަކީ ވެސް ދޮގު ވާހަކައެއްކަމަށް އަދީބުގެ ޢާއިލާގެ ބަޔާނުގައި ވެއެވެ.

" އަހުމަދު ނާޒިމްގެ މިބަޔާނަކީ އަހުމަދު އަދީބާއި މެދު ނަފްރަތު އުފައްދަން ކޮށްފައިވާ ކަމެއް ކަމުގައި އާއިލާއިން ދެކެމެވެ. ޑރ އަފްރާޝީމް އަލީގެ މަރުގެ ތަހުގީގު ރިޕޯޓުން ސާފުވި އެއް ކަމަކީ އަހުމަދު ނާޒިމް އާއި ސިޔާސީ އެހެން ފަރާތްތަކުން މީގެ ކުރިން އަހުމަދު އަދީބްގެ ބޮލުގައި ޑރ އަފްރާޝީމް އަލީގެ މަރާއި ގުޅޭގޮތުން އަޅުވަމުން ދިޔަ ސިޔާސީ ދޮގު ތުހުމަތުތަކަކީ ސާބިތު ނުހިފޭ ތުހުމަތުތަކެއްކަމެވެ." އަދީބުގެ ޢާއިލާގެ ބަޔާނުގައި ވެއެވެ.

އަދި ކުރިޔަށް އޮތްތަނުގައި ސިޔާސީ މަންފާ ހޯދުމަށް އަހްމަދު އަދީބްގެ ނަން ބޭނުން ނުކުރުމަށާއި އަދި ހުރިހާ މައްސަލަތަކެއްގައި ހުރިހާ ފަރާތްތަކަކުން ސިޔާސީ ގޮތުން ގުރުބާން ކުރެވޭ "ކަންބަޅިއަކަށް" އަހުމަދު އަދީބު ނުހެދުމަށް އާއިލާގެ ފަރާތުން އިލްތިމާސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު