ޑރ.ޝަހީމްގެ އަބުރު ކަތިލުމަށް ހިންގާ ޢަމަލުތައް ކުށްވެރިކުރަން - އިދިކޮޅު ކޯލިޝަން

އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާ ތަޙްޤީޤުކޮށް މަރުކޮމިޝަނުން ނެރެފައިވާ ރިޕޯޓާއި ގުޅިގެން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަބުރުކަތިލާ، އެމަނިކުފާނާ ބެހޭގޮތުން ސާބިތުނުހިފޭ ދޮގުވާހަކަތަކެއްދައްކަމުންދާކަމަށްބުނެ އިދިކޮޅު ޕްރޮގްރެސިވްކޮންގްރެސް ކޯލިޝަނުން ފާޑުކިޔައިފިއެވެ.

އެކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައިވަނީ ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ ފަހަތުގައި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުގެ އަތެއްވާކަން ދެއްކުމަށް ބައެއްފަރާތްތަކުންދަނީ މަސައްކަތް ކުރަމުންނެވެ. ޑރ. ޝަހީމްއަކީ އެފަދަ ޢަމަލެއް ހިންގަވާނެ
ބޭފުޅެއްނޫންކަން އެކޯލިޝަނުން ޤަބޫލުކުރާކަމަށާ، އެމަނިކުފާނަކީ ދީނީ ޢިލްމު އުނގެނިވަޑައިގެން ހުންނެވި، މާތް އަޚްލާގެއްގެވެރި، ހެޔޮލަފާ، ރަނގަޅު ޢިލްމުވެރިއެއްކަމަށްވެސް މިބަޔާނުގައި ވެއެވެ.

އެހެންކަމުން އެމަނިކުފާނުގެ އިސްތަށިފުޅުގައި މިފަދަ ބޮޑު އިލްޒާމެއް އެޅުވުމަށް ބަޔަކު ފަތުރަމުންދާ ވާހަކަތައް މިކޯލިޝަނުން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށާ،
އެކޯލިޝަނުން ދެކޭގޮތުގައި މިކަމަކީ ޑރ.ޝަހީމަށް އަމާޒުކޮށް، ރޭވިގެން ހިންގާ ޖަރީމާއެއްކަމަށްވެސް އެބަޔާނުގައި ވެއެވެ.

މިއީ ސާބިތުނުހިފޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް، ޑރ.ޝަހީމްގެ އަގުވައްޓާލުމަށް ހިންގާ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްކަމަށް އެކޯލިޝަނުން ދެކޭކަމަށާ، އެހެންކަމުން، ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލި ޙާދިސާއާއި ގުޅޭގޮތުން މަރުކޮމިޝަނުން އިތުރު ދިރާސާތައްކޮށް، މިކަމުގެ އަޞްލާ ހަމައަށް ދިއުމަށް އިންސާފުވެރި ތަޙްޤީޤެއް ހިންގުމަށް އެކޯލިޝަނުން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު