ދެވަނަ ޖުމްހޫރިއްޔާގެ 6ވަނަ ރައީސާއެކު 51 ވަނަ ޖުމްހޫރީދުވަސް

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުފެދުނީ މީލާދީ ސަނަތުން 1 ޖެނުއަރީ 1953 ވަނަ އަހަރުއެވެ. މި ޖުމްހޫރިއްޖާގެ ހަމައެކަނި ރައީސަކީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. މި ޖުމްހޫރިއްޔާ އާއި މުޙައްމަދު އަމީނުގެ ވެރިކަން ދެމިއޮތީ އެންމެ ހަތްމަހާ އެކާވީސްދުވަހަށެވެ.

އޭގެފަހުން މީލާދީސަނަތުން 7 މާޗް 1954 ގައި އަނެއްކާވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލުވެގެން ދިޔައެވެ. މިފަހަރު ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލެވެ. މިއީ ރާއްޖޭގައި ރަސްކަން ކުރެއްވި އެންމެ ފަހު ރަސްގެފާނެވެ. މިރަދުންގެ ރަސްކަން މީލާދީން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު އެރަސްކަންނިމި އަނެއްކާވެސް ޖުމްހޫރިއްޔަތެއް އުފެދުނެވެ.

މިއީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއެވެ. މި ޖުމްހޫރިއްޔާ އުފެދުނީ 11 ނޮވެމްބަރ 1968 ގައެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ ގޮތުގައި އިންތިޚާބު ކުރެވުނީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. ރައީސް އިބްރާހީމް ނާޞިރު ވަނީ ދެދައުރުގެމަތިން ދިހައަހަރު ރާއްޖޭގައި ރައީސްކަން ކުރައްވާފައެވެ. އިބްރާހީމްނާޞިރު އަވަހާރަވީ، 22 ނޮވެމްބަރު 2008 ވަނަ އަހަރުގައި، އަވަހާރަވީއިރު ޢުމުރުފުޅަކީ 82 އަހަރުއެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސެއްގެ ގޮތުގައި މީލާދީން 1978ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 11ވަނަ ދުވަހު ރައީސްކަމުގެ ހުވައި ކުރެއްވި އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމެވެ. އެމަނިކުފާނުވަނީ ފުރިހަމަ އަޣުލަބިއްޔަތާއެކު ރިޔާސީ ހަދައުރުގެމަތިން، ވެރިކަމުގައި ތިރީސްއަހަރުފުރިހަމަވާފައެވެ.

މައުމޫނުގެ ވެރިކަމަށްފަހު 2008ވަނައަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވައިގެން އެއަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެ ވަޑައިގަތީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގައި އުފެދުނު ދެވަނަޖުމްހޫރިއްޔާގެ ތިންވަނަ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނުގެ ވެރިކަން ދެމިއޮތީ 3 އަހަރާއި ދެމަހާއި 27 ދުވަހަށެވެ.

އޭގެފަހުން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 4 ވަނަ ރައީސެއްގެ ގޮތުގައި 2012ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 7ވަނަ ދުވަހު ވެރިކަމުގެ ހުވާ ކުރެއްވީ ރައީސް ނަޝީދުގެ ނާއިބުރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ. ރައީސް ވަޙީދުގެ ވެރިކަން އޮތީ 2013 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17ވަނަ ދުވަހާހަމައަށެވެ.

2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިގެން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 5 ވަނަ ރައީސަކަށް ވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ނިމިދިޔަ ރިޔާސީ ދައުރާއެކު ރައީސް ޔާމީންގެ ވެރިކަން ވަނީ ނިމިފައެވެ.

2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ މައްޗަށް ބޮޑުކާމިޔާބެއް ހޯއްދަވައިގެން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސަކަށް، އަދި ދެޖުމްހޫރިއްޔާ އެއްކޮށްބަނާމަ ރާއްޖޭގެ 7 ވަނަ ރައީސަކަށް އިންތިޚާބުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

51ވަނަ ޖުމްހޫރީ ދުވަސް މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ އަޅުގަނޑުމެންގެ 7ވަނަ ރައީސުލްޖުމްހޫރިއްޔާއާ އެކުއެވެ.

ކިޔުންތެރިންގެ ހިޔާލު