ޣާޒީ މުޙައްމަދު ތަކުރުފާނު

އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޡަމް ނުވަތަ ބޮޑުތަކުރުފާނު 981ހ. އިން 993ހ.އަށް ރާއްޖޭގައި ރަސްކަން ކުރެއްވިއެވެ. އެރަދުންގެ ރަސްކަމަކީ ޢަދުލުވެރި ކަމާއި، ދީލަތި ކަމުގެ ނަމޫނާ ރަސްކަމެއްކަމަށް ތާރީޚީ ލިއުންތަނުގައި ފާހަގަކޮށްފައިވެއެވެ.

ސަރުކާރު ހިންގެވުމުގައި އެންމެ އިސް ބައިވެރިއަކު ކަމުގައި އެރަދުން ޚިޔާރުކުރެއްވީ ރަދުންގެ އަޚު އަދި ޕޯޗުގީޒުންނާ ހަނގުރާމަ ކުރެއްވި ލަޝްކަރުގައި ހިމެނިވަޑައިގެންނެވި އެއް ބަޠަލު ޙަސަން ޚަޠީބު ތަކުރުފާނެވެ. ޙަސަން ޚަޠީބު ތަކުރުފާނަކީ، ފަހުން ޙަސަން ރަންނަބަނޑޭރި ކިލެގެފާނެވެ.

މަޝްހޫރި ތާރީޚު ލިއުއްވުންތެރިޔާ ޙަސަން ތާޖުއްދީންގެ ލިޔުއްވާފައިވާގޮތުގައި މުޙައްމަދު ތަކުރުފާނުގެ ރަސްކަމުގައި ބޮޑުވަޒީރަކަށް އިސްކުރެއްވީ ޢަލީ ޙާޖީއެވެ. މިއީވެސް ޕޯޗުގީޒުންނާކުރެއްވި ހަނގުރާމައިގެ ފަހުލަވާނެކެވެ. އޭނާއަށް ދޮށިމޭނާތަކުރުފާނު ކަމުގެ ކޮލިލެއްވިއެވެ. އަދި އަނެއް ބަޠަލު ޙަސަން ޙާޖީއަށް ކޮލިލެއްވީ، ވެލާނާ ކަމަށެވެ. އަދި ކޮރަލިތަކުރުގެ އަބޫބަކުރަށް އުއްތަމަ ކަން ދެއްވައި ކުނދުވަލު މިސްކިތު ފަނޑިޔާރުކަމަށް ކޮލިލެއްވިއެވެ. ދަންޑަހެލަށް ކޮލިލެއްވީ ފާމުލަދޭރިކަމަށެވެ.

ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު، މުޙައްމަދު ތަކުރުފާނު ވަނީ ދިވެހި ދައުލަތް ހަރުދަނާކުރައްވައި، ޤައުމިއްޔަތު ވަރުގަދަކުރެއްވުމަށް އަގުހުރި އެތައް މަސައްކަތްޕުޅެއް ކުރައްވާފައެވެ.

ދިވެހި ތާރީޚުދުށް މި ޚިދުމަތްތެރި ޣާޒީ އަވަހާރަވީ، ހިޖުރައިން 1 ރަމަޟާން993 ގައެވެ. ފަސްދާނުލެވިފައިވަނީ ގަލޮޅު ބިހުރޯޒު މިސްކިތު ހަރިންމަ ތެރޭގައި ހުރި ޒިޔާރަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ރަނގަޅު ވާހަކައެއް