ބިޑް ނުކޮށް މަޝްރޫޢުތައް ހަވާލުކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވާކަމެއް - އޭސީސީ

ދައުލަތުގެ އެކި މަޝްރޫޢުތައް ބިޑކުރުުމެއްނެތި އެކިއެކި ފަރާތްތަކާ ޙަވާލކޮށްގެން ކުރިއަށް ގެންިއުމަކީ އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާނެކަމެއްކަމަށާ, އެެފަދަ ޢަމަލުތައް ކުރަމުން ދިއުމަކީ އެންޓި-ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ)އިން ކަންބޮޑުވާ ކަމެއްކަމުގައި އެކޮމިޝަނުން ވިދާޅުވެއޖެއެވެ.

ގުޅި ފަޅުގެ ބިން ހިއްކުމުގެ މަޝްރޫޢާއި ސަރުކާރުގެ އެނޫންވެސް ބައެއް މަޝރޫޢުތައް ބިޑކުރުމެއްނެތި ބައެއް ފަރާތްތަކާ ޙަވާލުކުރުމުގެ މައްސަލަ މިދުވަސްވަރުވަނީ ފެންމަތިވެެފައެވެ. އެހެންނަމަވެސް އެކަން ކޮށްފައިވަނީ ޚަރަދާއި މަސައްކަތުގެ ކޮލިޓީއާއި ވަގުތަށް ބަލާއިރު ދައުލަތަށް އެންމެ ފައިދާހުރިގޮތަށްް މާލިއްޔަތުގެ ޤަވާޢިދާއި ޤާނޫނާ އެއްގޮތަށްކަމަށް ސަރުކާރުން ވިދާޅުުވެއެވެ.

މިދަނޑިވަޅުގައި އޭސީސީން ވިދާޅުވީ ބިޑްކުރުމަކާ ނުލައި ދައުލަތުގެ މަޝްރޫޢުތައް އެކިފަރާތްތަކާ ޙަވާލުކުރުމަކީ އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުުފަހިވާ, އަދި ދައުލަތުގެ މާލިއްޔަތަށް އިންތިހާއަށް ގެއްލުންވުމުގެ އިހްތިމާލު އޮތް ކަމެއްކަމަށެވެ. އަދި މިކަމަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދުގެ ރޫޙާ ޚިލާފަށް ކުރާ, ކޮރަޕްޝަންގެ ހިރާސް އޮތް ކަމަކަށްވާތީ, އެކޮމިޝަނުން ހިތާމަކުރައްވާކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.

އެހެންކަމުން ދައުލަތުގެ ޕްރޮކިއުމެންޓު ކަންތައްތައް ކުރިއަށް ގެންދިއުމުގައި ދެފުށްފެންނަ, ހާމަކަންބޮޑު އަދި ވާދަވެރި ބީލަމެއްގެތެރެއިން ދައުލަތުގެ ޕްރޮކިއުމަންޓު އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް އޭސީސީންވަނީ އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު