ބިދޭސީންގެ މައްސަލަ، ޤައުމީ ބޮޑު ނުރައްކަލެއް!

ރޮހިންޔާ ދަރިކޮޅުގެ ވަރަށްގިނަ މީހުންނަކީ ބަންގްލަދޭޝްއިން މިޔަންމާއަށް ހިޖުރަކުރި ބައެއްގެ ގޮތުގައި ތާރީޚީ ބައެއް ލިއުންތެރިން ލިއުއްވާފައިވެއެވެ. ފަޤީރުކަމާއި ބަނޑުހައިހޫނުކަމާއި، ފެންބޮޑުވުންފަދަ ޤުދުރަތީ މުސީބާތްތަކުން ސަލާމަތްވުމަށް އެމީހުން މިޔަންމާއަށް ހިޖުރަކޮށް އެތަނުގައި ދިރިއުޅެން ފެށިކަމަށް ބައެއް ލިއުންތަކުގައި ވެއެވެ.

ކޮންމެއަކަސް މިމީހުން މިޔަންމާގައި ދިރިއުޅޭތާ އެތަށް ޒަމާނެއްވީއުރުވެސް މިމީހުންނަކަށް އެޤައުމުގެ ރަށްވެހިކަމެއް ނުދެއެވެ. ގިނަދުވަސްވުމާއެކު އެމީހުންގެ ކުރީގެ ޤައުމު ބަންގްލަދޭޝްގެ ރަށްވެހިންކަން ކަށަވަރުވާނެ ލިޔެކިއުމެއްވެސް އެމީހުންގެ އަތުގައި ނެތެވެ. އާޚިރުގައި މިމީހުންގެ މައްސަލަ ދުނިޔޭގެ ފެންވަރުގެ ބޮޑު މައްސަލައަކަށް ވިއެވެ. ރަށްވެހިކަމެއްނެތި މިޔަންމާގައި ދިރިއުޅޭ ބަޔަކަށް އެމީހުންވެފައިވާއިރު، އެތާގެ ހައްދުފަހަނައެޅި ބުޑިސްޓުންނާއި ރޮހިންޔާ މީހުންނާދެމެދު ހަނގުރާމަ ހިނގައި މިދެންނެވި ރޮހިންޔާ "ބަންގާޅީން"ގެ ތެރެއިން އެތައްބަޔަކު ކަތިލައި އަންދައި އިންސާނީ މުސީބާތެއް ކުރިމަތިވިއެވެ.

މިމުސީބާތާއެކު ބަންގްލަދޭޝް ބޯޑަރު ހުރަސްކޮށް އެޤައުމަށް އެތެރެވާން މި "ބަންގާޅީން" އުޅުނެވެ. އެހެންނަމަވެސް އެއީ ބަންގަލޭޝްގެ ރައްޔިތުންކަމަކަށް އެޤައުމުގެ ސަރުކާރުން ގަބޫލެއް ނުކުރިއެވެ. ސަބަބަކީ އެއީ ބަންގްލަދޭޝް ރައްޔިތުންކަން އެނގޭނެ އެއްވެސް ލިޔެކިއުމެއް ނެތީމައެވެ.

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އެއްވެސް ލިޔެކިއުމެއްނެތި ދިރިއުޅެމުންދާ "ބަންގާޅީން" ޤަވާޢިދަށް ފެއްތުމަށްޓަކައި މިފަހަކަށްއައިސް އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމުގައި ބައިވެރިވުމަށް ގަލޮޅު ދަނޑަށް އެއްވާ އެތައްހާސް "ބަންގާޅީން" ފެނުމުން އަޅުގަނޑުގެ ހިތް ނުތަނަވަސްވެ ހިތުގައި ވަރަށްބޮޑު ބިރުވެރިކަމެއް އުފެދެއެވެ.

އަޅުގަނޑުމެންނަކީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި އުފެދިފައިވާ މިބާވަތުގެ މައްސަލަތަކުން ސަލާމަތްވެފައިވާ ވަރަށް އަމާން ހަމަޖެހޭ ޤައުމެކެވެ. އެއް ނަސްލެއްގެ އެއް ދީނަކަށް ތަބާވާ އެއްބަޔަކު ދިރިއުޅޭ ޤައުމެކެވެ. "ބިދޭސީންގެ މައްސަލަ"ފަދަ ބޮޑު މުސީބާތެއްގެ ސަބަބުން އަޅުގަނޑުމެންނަށް ތަޙައްމަލު ކުކުރެވޭ ބޮޑު މައްސަލައެއް އުފެދިދާނެކަމުގެ ބިރު އެބައޮތެވެ.

މިހާރު ގަލޮޅުދަނޑަށް އެއްވަމުންއެދާ އެތައް ހާސް "ބަންގާޅީން"ގެ އަތުގައި ޕާސްޕޯޓެއް ވޯކް ވިސާއެއް ނުވަތަ ކުޑަމިނުން އެމީހުންނަކީ ކޮންބައެއްކަން އެނގޭނެ ލިއުމެއްވެސް ނެތެވެ.

މިދެންނެވި ލިޔެކިއުންތައް ހަމަކުރަން ސަރުކާރުން ކުރަކުން ކުރައްވަނީ ކޮން މަސައްކަތެއްކަމެއް، އަދި އެމަސައްކަތް ކުރައްވަނީ ކިހިނެތްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. މިމީހުން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލެވޭނެ ގޮތެއް އޮތްކަމެއްވެސް ސާފެއް ނޫނެވެ. ހަމަ ޔަޤީނުންވެސް ކާކުކަން އެނގޭނެ ސައްޙަ ލިޔެކިއުމެއްނެތި އެމީހުން ފޮނުވައެއް ނުލެވޭނެއެވެ. މިއީ މަދުބައެއްނޫނެވެ.

ސަރުކާރުން ކުރައްވަންވީ ދެކަމެކެވެ. ފުރަތަމަ ކަމަކީ ޤަވާޢިދާޚިލާފަށް އުޅޭ ބިދޭސީން ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސް އެމީހުންގެ މައްސަލަ ޙައްލުކުރުމެވެ. ދެވަނަ ކަމަކީ ބިދޭސީން ރާއްޖެއަށް އެތެރެވުމުގެ ނިޒާމު ހަރުދަނާކޮށް، މިނިޒާމުގެ ތެރެއިން ބޮޑެތި ޖަރީމާތައް ހިންގައި ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް ހިންގި މުޖުރިމުން ހޯދައި އެމީހުންނަށް ހައްޤުއަދަބު ދިނުމެވެ. މިއީ ބަޔަކު ހިންގާފައިވާ ވަރަށްބޮޑު ޚިޔާނާތެކެވެ. މިއީ ޤައުމީ ފެންވަރުގައި ބަލަންޖެހޭ ވަރަށްބޮޑު މައްސަލައެކެވެ. ޤައުމުގެ ހަމަޖެހުމާއި އިސްތިޤުލާ ގުޅިފައިވާ ކަމެކެވެ. ހެޔޮނުވާނެއެވެ. މިކަން އަވަހަށް ހައްލުކޮށްދެއވާށެވެ.

ކިޔުންތެރިންގެ ހިޔާލު