ބޮލީވުޑް ފިލްމީތަރި އަކްޝޭ ކުމާރުގެ މިކްސްޑް މާޝަލް އާޓްސް މުބާރާތައް "ކޫޑޯ މޯލްޑިވްސް" ގެ ޓީމެއް

ބޮލީވުޑްގެ މަޝްޙޫރު ފިލްމީތަރި އަދި މާޝަލް އާރޓިސްޓް އަކްޝޭ ކުމާރު އިންތިޒާމުކުރާ '11 ވަނަ އަކްޝޭ ކުމާރު ކޫޑޯ ޓޯނަމަންޓް' ގައި ބައިވެރިވުމަށް "ކޫޑޯ މޯލްޑިވްސް" ގެ ޓީމެއް އިންޑިއާ އަށް ފުރައިފިއެވެ.

އޮކްޓޯބަރ 22 އިން 24 އަށް ގުޖުރާތުގައި ބާއްވަން ހަމަޖެހިފައިވާ މި މުބާރާތަކީ އިންޑިއާގައި ބާއްވާ އެންމެ ބޮޑު އެއް މާޝަލް އާރޓްސް މުބާރާތެވެ. 1500 އަށް ވުރެން ގިނަ އެތްލީޓުން ބައިވެރިވާން ހަމަޖެހިފައިވާ މިމުބާރާތުގައި އިންޑިއާ، ސްރީ ލަންކާ އަދި ދިވެހިރާއްޖޭ ގެ މޮޅު އެތްލީޓުންތަކެއް ވާދުކުރާތަން ފެނިގެންދާނެއެވެ.

މިމުބާރާތައް ފަސް ދިވެހި ބައިވެރިންނާއެކު ދެ ކޯޗުން ދަތުރުކުރާނެއެވެ.  މި މުބާރާތުގައި ބައިވެރިވާ ދިވެހި ޓީމުގައި ކޫޑޯ މާލެ ބްރާންޗްގެ 2 އެޓްލީޓުން، ޝާކްސް މާޝަލް އާރޓް އެކަޑަމީގެ 2 އެޓްލީޓުން އަދި ޝީން އަޓެމީ މޯލްޑިވްސްގެ 1 އެޓްލީޓަކު ހިމެނެއެވެ. ކޫޑޯ ގެ ހުނަރުން ފައްކާވެފައިވާ މި ޓީމް މިދިޔަ 2 މަސް ދުވަހު ވަރަށް ވަރުގަދަޔަށް ޓްރެއިނިންގްތައް ކުރިއަށް ގެންގޮސް މުބާރާތައް ތައްޔާރުވެފައި ވާކަމަށް "ކޫޑޯ މޯލްޑިވްސް" އިން ބުނެފައިވެއެވެ.

"ކޫޑޯ ޑައިޑޯ ޖޫކޫ" ގެ ދިވެހިރާއްޖޭގެ މި ގޮފީގައި ޖަޕާނަށް ނިސްބަތްވާ މިކްސްޑް މާޝަލް އާޓްސްގެ ހުނަރު ކިޔަވައިދެއްވަމުން އަންނައިރު މިހާތަނަށް ގިނަ މުބާރާތްތަކެއްގައި ބައިވެރިވެފައިވާކަމަށް "ކޫޑޯ މޯލްޑިވްސް" ގެ ރަޢީސް އަޝްހަމް އަބްދުﷲ ވިދާޅުވިއެވެ. މިގޮތުން 2009 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް 4 ވޯލްޑް ޗެމްޕިއަންޝިޕް އަދި 2 ސަރަޙައްދީ މުބާރާތެއްގައި ބައިވެރިވެ ދިވެހިރާއްޖެ ތަމްސީލުކޮށްފައިވާކަން ފާހަގަ ކޮއްފައިވެއެވެ.

މި މުބާރާތައް ތައްޔާރުވުމުގައި ބައިވެރިވާ އެޓްލީޓުންގެ ޖިމްތަކާއެކު ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން "ކޫޑޯ މޯލްޑިވްސް" ގެ ރައީސް އަޝްޙަމް ޢަބްދުﷲ ފާހަގަކުރެއްވިއެވެ. މުބާރާތަށް ތައްޔާރުވާން ބޭނުންވާ ވަޞީލަތްތަކުގެ ދަތިކަން އޮތުމުން މިދެންނެވި ޖިމްތަކާއެކީ ފުރިހަމަޔަށް މުބާރާތައް ތައްޔާރު ވެވުނުކަން ފާހަގަކުރެއްވިއެވެ. އަދި މާތް ﷲ ގެ އިރާދަފުޅާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމުގެ އުންމީދު އޮތްކަންވެސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު