2020 އަކީ "އިޔަރ އޮފް ޕަބްލިކް ހެލްތު" ގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައި - އަމީން

ސަރުކާރުން މިހާރު މިވަނީ، 2020 އަކީ " އާއްމު ޞިއްހަތުގެ އަހަރު، ނުވަތަ "އިޔަރ އޮފް ޕަބްލިކް ހެލްތު" ގެ ގޮތުގައި ކަނޑައަޅާފައިކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދ.އަތޮޅުގެ ޞިއްޙީ ޚިދުމަތަށް 50 އަހަރު ފުރޭ ރަން ޔޫބީލް ފާހަގަ ކުރުމަށް ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި މިރޭ ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ މުޅި ވިސްނުން އަދި ޚާއްޞަކޮށް ޞިއްޙީ ދާއިރާއިން ޙާޞިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތައްވެގެންދާނި، ހަށިހެޔޮ ދުޅަހެޔޮ ޝިއާރުގައި، އާއްމު ޞިއްޙަތުގެ ކުރިއެރުންތަކާދިމާއަށް މިސްރާބުޖެހިފައިވާ ލަނޑުދަނޑިތަކަކަށެވެ.

"ޢާއްމު ޞިއްޙަތުގެ އަހަރަށް ތައްޔާރު ވުމުގެ ގޮތުން، މިހާރު މިދަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރަމުން. އާއްމު ޞިއްޙަތުގެ އަހަރުގެ ކާމިޔާބީތައް ޙާޞުލުކުރެވޭނީ، މިދެންނެވުނު މަޝްވަރާތަކުގެ އަލީގައި، ކަނޑައެޅޭ މަގުޗާޓެއްގެ އެހީގައި، ސަރުކާރާއި ރައްޔިތުންގެ ޝާމިލުވުމާއިއެކު. އެހެނީ، އާއްމުޞިއްޙަތުގެ މަގު ސަރުކާރުން ދެއްކިއަސް އެމަގުން ހިންގަނޖެހޭނީ ރައްޔިތުންގެ އަމިއްލަ ރަޢުޔުގައިކަމށްވާތީ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ތިމާއާއި ތިމާގެ އާއިލާއާއި ދިރިއުޅޭ މުޖްތަމަޢުގެ އާއްމު ޞިއްޙަތަށް ފަރުވާވެ، މަޢުލޫމާތާއި ހެޔޮވިސްނުމުން ބާރުވެރިވެގެން، އާއްމު ޞިއްޙަތަށް ރައްކާތެރި މީހަކަށް ކޮންމެ ފަރުދަކުވެސް ވާންޖެހޭކަމަަށެވެ. އަދި އަޅުގަނޑުމެން މިއަދު އެންމެ އިސްކަމެއް ދޭންވީ، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށް، އާއްމު ޞިއްޙަތު ރައްކާތެރިކުރުމަށް ކަމަށާ، އެހެންނޫނީ، ހަސްފަތާލުތަކާ މެޝިނަރީތަކާ ޑަކްޓަރުންނާ ބޭހަށް މިކުރާ ހޭދަ ވެގެން ދާނީ ހަމަ ފޫނެއްފަޔަށް ފެން ފުރުންފަދަ ކަމަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޞިއްޙީ ދުޅަހެޔޮކަމާއިމެދު، ޞިއްޙީ ދާއިރާގެ ކުރިއެރުމާއިމެދު ވިސްނާގޮތް އެބަޖެހޭ ބަދަލުކުރަން. އާއްމު ޞިއްޙަތުގެ ވިސްނުމަކަށް ބަދަލުވެގެންދާއިރު، ޞިއްޙީ ދާއިރާގެ ކުރިއެރުން ސަރުކާރުން ވަޒަންކުރާނީ، ހަމައެކަނި، ހަސްފަތާލާ، މެޝިނަރީއާ، އެމްބިއުލާންސާ ޑަކްޓަރުންގެ އަދަދުން ނޫން. ހަމައެކަނި ދެވޭ ޚިދުމަތުގެ ގިނަ ވައްތަރުތަކުން ނޫން. އެކަމަކު، މިކަންކަމުން، ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވރުކރެވޭ މިނަގަނޑުތަކުން، މީހުންގ ޞިއްޙީ ލިޔަންކިޔަންދަތުމާއި ޞިއްޙީ ހޭލުންތެރިކަމާ، ޞިއްޙީގޮތުން ފައިދާހުރި ދިރިއުޅުމަށް މިހުން އަހުލުވެރިކުރެވޭ މިންވަރަށް." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިސަރުކާރަށް އަދިމިވީ 10 ވަރަކަށް މަސް ކަމުގައި ވީނަމަވެސް، މިހާރުވެސް، ދުޅަހެޔޮ ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމާއެކު ގިނަގިނަ ކާމިޔާބީތައް ޙާޞިލު ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ޞގގވދ

    ތިބުނާ އާންމްސިއަހަތު ނަގަހައްޓަން ތިބި ހެލްތްވޯކަރުން ދާއިރާ ދޫކޮށް މަހައްދާން ފަށައިފި. ޢަދިވެސް ފޮ.ިކެނޑޭތޯބަލާ